ސަރުކާރުން އެންމެ އިސްކަމެއް ދީގެން ކުރިއަށްގެންދާ ރަސްމާލެ މަޝްރޫއުގެ ތެރެއިން ހިއްކުމަށް ހަމަޖެހިފައިވާ 1000 އެއްހާ ހެކްޓަރުގެ ތެރެއިން 800 ހެކްޓަރުގެ ބިން މިހާރު ހިއްކައި ނިމިފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެއްޖެއެވެ.

ސަރުކާރަށް ތިން އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން ސެންޓްރަލް ޕާކުގައި މިރޭ ބޭއްވި ޖަލްސާގައި ރަސްމާލޭގެ ބިން ހިއްކުމުގެ އެންމެ ފަހުގެ މައުލޫމާތު ހިއްސާކުރައްވަމުން ރައީސް ވިދާޅުވީ، މިހާތަނަށް ހިއްކިފައިވާ ބިމުގެ ބޮޑުމިނަކީ ހުޅުމާލޭގެ ދެ ފިޔަވަހީގެ ޖުމްލަ ބޮޑުމިނަށްވުރެ ވެސް ދެ ގުނަ ބޮޑު ސަރަހައްދެއް ކަމަށެވެ. އަދި ބާކީ އޮތް ބައި ހިއްކުމުގެ މަސައްކަތް ވެސް ބާރުދުވެލީގައި ކުރިއަށްދާ ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Ad
rt

ބޯހިޔާވަހިކަމުގެ ދާއިރާއާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، މި ސަރުކާރާ ހަވާލުވި އިރު ނުނިމި ހުރި އެތައް ހާސް ފްލެޓެއް ހުރި ކަމަށާއި، އެ މަޝްރޫއުތައް މިހާރު ބާރަށް ކުރިއަށް ގެންދެވޭ ކަމަށެވެ. މީގެއިތުރުން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) މެދުވެރިކޮށް 4000 އެއްހާ ހައުސިން ޔުނިޓް ގާއިމުކުރެވެމުންދާ ކަމަށާއި، މި ސަރުކާރުން ބޯހިޔާވަހިކަމަށް ހުޅުވާލި ފުރުސަތުގައި 58،000 ފަރާތަކުން ކުރިމަތިލާފައިވާ ކަމަށްވެސް ވިދާޅުވިއެވެ.

ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) ގެ އީގަލް ހިލްސްއިން ރަސްމާލޭގައި ހިންގާ މަޝްރޫއާ ގުޅޭގޮތުން ރައީސް ވިދާޅުވީ، އިސްލާމީ އުސޫލުތަކާ ފުށުއަރާ އެއްވެސް ކަމެއް މި ސަރުކާރުން ނުކުރާނެ ކަމަށެވެ. އެގޮތުން ރާ ވިއްކުމާއި، އޫރުމަހާއި ކެސިނޯ ހެދުން ފަދަ ކަންކަމާ ގުޅޭ ހަމަތައް، ރައްޔިތުންގެ މަޖިލީހުގައި މިހާރު އޮތް ރިއަލް އެސްޓޭޓް ބިލުގައި ވަރަށް ސާފުކޮށް ބަޔާންކޮށްފައިވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ފަޅުތެރޭގައި ވަކިން ހަދާ ރަށެއްގައި ހިނގާ ކަންކަމަކީ މީހުން ދިރިއުޅޭ ސަރަހައްދުތަކާ ގުޅުން ހުރި ކަމެއް ނޫން ކަމަށްވެސް ރައީސް ވިދާޅުވިއެވެ. އަދި ރާއްޖޭގައި އިންވެސްޓްކުރުމަށް އަންނާނީ އެފަދަ ކަނޑައެޅިފައިވާ ހަމަތައް ގަބޫލުކުރާ ފަރާތްތައް އެކަނި ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މީގެއިތުރުން އިދިކޮޅު ފަރާތްތަކަށް އިޝާރާތް ކުރައްވައި ރައީސް ވިދާޅުވީ، ކަންކަމުގެ ހަގީގަތް އޮޅުވާލައިގެން މުޖުތަމައުގައި ނުރަނގަޅު ތަސައްވުރެއް އުފެއްދުމަކީ އިހުލާސްތެރި އަމަލެއް ނޫން ކަމަށެވެ. އަދި އެފަދަ ވާހަކަތައް ދައްކާ ފަރާތްތަކުގެ މާޒީއާއި ތާރީހަށް ބެލުމަށްވެސް ރައީސް ވަނީ ގޮވާލައްވާފައެވެ.