މާލޭ ސިޓީ ކައުންސިލްގެ ބެލުމުގެ ދަށުގައިވާ 14 ބިމެއް ދައުލަތަށް ނަގަން ނިންމާފައިވާ މައްސަލާގައި, އެ ނިންމުމަށް އަމަލުކުރުން ހުއްޓުވަން ވަގުތީ އަމުރެއް ނެރެދެވެން ނެތް ކަމަށް ސިވިލް ކޯޓުން ނިންމައިފި އެވެ.
އާޓިފިޝަލް ބީޗާއި ރަސްފަންނާއި ސަލްޓަންޕާކާއި މަސްމާރުކޭޓާއި ލޯކަލް މާރުކޭޓްގެ އިތުރުން ކާނިވާ ސަރަހައްދު ފަދަ މުހިންމު ތަންތަން ވެސް ހިމެނޭ ގޮތަށް މާލޭ ސިޓީ ކައުންސިލްގެ ބެލުމުގެ ދަށުގައި އޮތް 14 ބިމެއް ސަރުކާރަށް ނަގަން ނިންމީ ލާމަރުކަޒީ ގާނޫނަށް ގެނައި އިސްލާހެއްގެ ދަށުންނެވެ.
އެ މައްސަލާގައި މާލޭ ސިޓީ ކައުންސިލުން ކޯޓުގައި ވަގުތީ އަމުރަކަށް އެދުނީ ސަރުކާރުގެ ނިންމުން ގާނޫނާ ހިލާފް ކަމަށް ބުނެ އެ މައްސަލަ ނިމެންދެން އެތަންތަން އަތުލުން ހުއްޓުވުމަށް އެދި އެވެ.
ސިވިލް ކޯޓުން މިއަދު ނިންމުމުގައިވަނީ މާލޭ ސިޓީ ކައުންސިލުން އެދިފައިވަނީ ދައުވާ ހުށަހެޅުމުގެ ކުރިން ވަގުތީ އަމުރެއް ނެރެދިނުމަށް ކަމަށް ވާއިރު, އެފަދަ އަމުރު ނެރުމުގައި ފުރިހަމަވާންޖެހޭ ޝަރުތުތައް އެ މައްސަލާގައި ފުރިހަމަވާކަން އެނގެން ނެތުމުން އެ އަމުރު ނެރެދެވެން ނެތް ކަމަށެވެ.
ސަރުކާރުން ކުރިން ބުނެފައިވަނީ އެތަންތަން އަތުލަނީ އެތަންތަން ތަރައްގީކުރަން ކަމަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!