ރައްޔިތުންގެ ޚިޔާލާއި ކަންބޮޑުވުންތައް ހުށަހެޅުމަށް ޒިޔާރަތްކުރެވޭނެ ސިޓިޒަންސް ކޮމްޕްލެއިންޓްސް ބިއުރޯގެ ދެ ލައުންޖެއް މާލެއާއި ހުޅުމާލޭ ފޭސް 1 ގައި ހުޅުވައިފިއެވެ.
މި ދެ ލައުންޖަކީ، ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވެވަޑައިގެންނެވި ވަޢުދުފުޅާ އެއްގޮތަށް އުފެއްދެވި ސިޓިޒަންސް ކޮމްޕްލެއިންޓްސް ބިއުރޯގެ ދަށުން ޚިދުމަތް ދިނުމަށް ހުޅުވި ދެ ލައުންޖެވެ.
ރައްޔިތުންގެ ކަންބޮޑުވުންތަކާއި ޝަކުވާތައް ހުށަހެޅުމަށްޓަކައި ފަސޭހައިން ޒިޔާރަތްކުރެވޭ ގޮތަށް ހުޅުވި ސީސީބީގެ މާލެ ލައުންޖު ހުންނާނީ ހުޅުމާލެ ފެރީ ޓާމިނަލްގައެވެ. އަދި ހުޅުމާލެ ފޭސް 1 ގެ ލައުންޖު ގާއިމުކޮށްފައިވަނީ އުމަރު ޒާހިރު ބިލްޑިންގގެ ތިރީ ފަންގިފިލާގައެވެ.
މި ލައުންޖުތަކުގެ ޚިދުމަތް ސަރުކާރު ބަންދު ނޫން ކޮންމެ ދުވަހަކުވެސް ރައްޔިތުންނަށް ލިބިގެންދާނެއެވެ. އެގޮތުން ރަސްމީ ކޮންމެ ދުވަހެއްގެ ހެނދުނު 9:00 އިން މެންދުރުފަހު 3:00 އާ ހަމައަށް މި ތަންތަނުން ޚިދުމަތް ފޯރުކޮށްދިނުމަށް ވަނީ ހަމަޖެހިފައެވެ.
މާލެއާއި ހުޅުމާލޭ ފޭސް 1 ގެ އިތުރުން، މި ޚިދުމަތް އިތުރަށް ފުޅާކުރުމަށްވެސް ވަނީ ނިންމާފައެވެ. އެގޮތުން ކައިރި މުސްތަގުބަލެއްގައި ހުޅުމާލެ ފޭސް 2 ގައިވެސް ސީސީބީގެ ލައުންޖެއް ހުޅުވުމަށް ހަމަޖެހިފައިވާކަމަށް ވަނީ ހާމަކޮށްފައެވެ.
ރައީސުލްޖުމްހޫރިއްޔާގެ ވަޢުދުފުޅާ އެއްގޮތަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ސިޓިޒަންސް ކޮމްޕްލެއިންޓްސް ބިއުރޯ އުފެއްދެވީ މި އަހަރުގެ އެޕްރީލް 16 ވީ ބުރާސްފަތި ދުވަހުއެވެ. މި އޮފީހަކީ، ރައްޔިތުންގެ ކަންބޮޑުވުންތަކާއި ޝަކުވާތައް ހުށަހެޅުމަށްޓަކައި 24 ގަޑިއިރު ޚިދުމަތް ދިނުމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ގާއިމުކުރެއްވި އޮފީހެކެވެ.
މި ބިއުރޯގެ ދަށުން ރައްޔިތުންގެ ޚިޔާލާއި ކަންބޮޑުވުންތައް ހުށަހެޅުމަށް ޚާއްޞަކޮށްގެން 'ސިޓިޒަންސް ވޮއިސް' ގެ ނަމުގައި ވެބް ޕޯޓަލެއް މިހާރު ވަނީ އިފްތިތާޙުކޮށްފައެވެ. މީގެއިތުރުން، 24 ގަޑިއިރު ޚިދުމަތް ފޯރުކޮށްދޭ ކޯލް ސެންޓަރެއް ޤާއިމުކޮށްފައިވާއިރު، ހޮޓްލައިން ނަންބަރު 1470 މެދުވެރިކޮށް އެ ކޯލް ސެންޓަރުގެ ޚިދުމަތް ލިބޭނެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!