ޔޫކޭ، އޮސްޓްރޭލިއާ، ކެނެޑާ އަދި އިޓަލީވިލާތް ގުޅިގެން ނެރުނު ބަޔާނެއްގައި، ޣައްޒާގެ ހުރިހާ ސަރަހައްދަކަށް އެއްވެސް ހުރަހެއް ނެތި އަވަހަށް އިންސާނީ އެހީ ފޯރުކޮށްދިނުމުގެ ފުރުސަތު ވަގުތުން ދިނުމަށް އިސްރާއީލަށް ގޮވާލައިފިއެވެ.

އެ ހަތަރު ގައުމުން ފާހަގަކޮށްފައިވާ ގޮތުގައި ޣައްޒާގެ ބިމުގެ ހާލަތު މިހާރު އޮތީ އިންތިހާއަށް ގޯސްވެ، ނުރައްކާތެރި ދަރަޖައެއްގައެވެ.

Ad
rt

ހަނގުރާމައިގެ ސަބަބުން ސުންނާފަތިވެފައިވާ ޣައްޒާއަށް ދާދިފަހުން ކުރިމަތިވި ފިނި މޫސުމުގެ ފުރަތަމަ ތޫފާނާއި ފެންބޮޑުވުމުގެ ހާދިސާތަކުގެ ސަބަބުން، އެ ސަރަހައްދުގެ ރައްޔިތުން ތަހައްމަލުކުރަމުންދާ ތަކުލީފުތައް އިތުރަށް ބޮޑުވެފައިވާ ކަމަށް އެ ގައުމުތަކުގެ ޚާރިޖީ ވަޒީރުން އިންޒާރު ދެއްވާފައިވެއެވެ. މީގެ އިތުރުން، 150،000 ފޭލިގެއާއި އިންސާނުންގެ ދިރިހުރުމަށް ކޮންމެހެން ބޭނުންވާ މުހިންމު ސާމާނުތައް ބޯޑަރު ސަރަހައްދުގައި އެތެރެނުކުރެވި ހިފެހެއްޓިފައިވާ ކަމަށް ވެސް އެ ބަޔާނުގައި ބަޔާންކޮށްފައިވެއެވެ.

ބްރިޓިޝް، އޮސްޓްރޭލިއަން، ކެނެޑާ އަދި އިޓަލީގެ ޚާރިޖީ ވަޒީރުންގެ ގުޅިފައިވާ ބަޔާނުގައި ފާހަގަކުރައްވާފައިވަނީ، މިއީ މުޅިން ބަދަލުކުރެވިދާނެ ހާލަތެއް ކަމަށާއި، ފިނި މޫސުން އެއްކޮށް ފެށުމުގެ ކުރިން ފިޔަވަޅު އެޅުމުގެ ފުރުސަތު އަދިވެސް އެބައޮތް ކަމަށެވެ. "ބޯޑަރު ހުރަސްތައް ހުޅުވާލައި، ފޭލިގެތައް އެތެރެކުރުމުގެ ހުއްދަ ދޭންޖެހޭ، ވަގުތު ފާއިތުވުމުގެ ކުރިން، އިންސާނީ އެހީގެ މަސައްކަތްތަކަށާއި ކުރީކޮޅުގެ އަލުން އާރާސްތުކުރުމުގެ މަސައްކަތްތަކަށް ބޭނުންވާ ދެގޮތަށް ބޭނުންކުރެވޭ ތަކެތި އެތެރެކުރުމުގެ ހުއްދަ ދޭންޖެހޭ،" ކަމަށް ވަޒީރުންގެ ބަޔާނުގައި ވިދާޅުވެފައިވެއެވެ.

މި ހާލަތާ ގުޅިގެން އދ. ގެ އޮފީސް ފޯ ދަ ކޯޑިނޭޝަން އޮފް ހިއުމެނިޓޭރިއަން އެފެއާޒް (އޮޗާ) އިން ބުނީ، ފެންބޮޑުވުމާއި ބިންގަނޑު ކަނޑައިގެން ދިއުމުގެ ސަބަބުން ބައެއް މީހުން މަރުވެ، އެތައް ހާސް ބަޔަކު ދިރިއުޅޭ ވަގުތީ ހިޔާތަކަށް ގެއްލުންވެ، އަދި ކޮންމެހެން ބޭނުންވާ މުހިންމު ޚިދުމަތްތައް މެދުކެނޑިފައިވާ ކަމަށެވެ. މީގެ އިތުރުން ޔޫރަޕިއަން ޔޫނިއަން (އީޔޫ) އިން ވެސް ހޮނިހިރު ދުވަހު މިފަދަ ބަޔާނެއް ނެރެ، ދިގުލައިގެން ގޮސްފައިވާ ގެއްލުންދެނިވި އިންސާނީ ކާރިސާއާ މެދު އިންތިހާއަށް ކަންބޮޑުވުން ފާޅުކޮށް، ބައިނަލްއަގުވާމީ ގާނޫނުތަކަށް ފުރިހަމައަށް ބޯލެނބުމަށް އިސްރާއީލަށް ގޮވާލާފައިވެއެވެ.

ޣައްޒާގެ ބޯޑަރު ހުރަސްތައް ކޮންޓްރޯލްކުރާ އިސްރާއީލުގެ އަސްކަރީ އިދާރާއިން ބުނެފައިވަނީ، ފިނި މޫސުމުގެ ޕްލޭނަކާ ގުޅޭގޮތުން އެމެރިކާ އިސްވެ އޮންނަ ބޯޑް އޮފް ޕީސް އަދި އދ. އާއެކު ވިލަރެސްކުރަމުން އަންނަ ކަމަށެވެ. އަދި 93،000 ފޭލިގެއާއި ފިނި މޫސުމަށް ބޭނުންވާ ސާމާނު ހިމެނޭ ގޮތަށް އެހީ ބަރުކޮށްފައިވާ 8،600 ލޮރީ ޣައްޒާއަށް ވައްދާފައިވާ ކަމަށް ވެސް އެ އިދާރާއިން ބުންޏެވެ. ނަމަވެސް ޣައްޒާ އަލުން އާރާސްތުކުރުމުގެ މަސައްކަތް ފެށޭނީ ހަމާސްއިން އެއްކޮށް ހަތިޔާރު އެޅުން ހުއްޓާލުމުން ކަމަށް އިސްރާއީލު އަސްކަރިއްޔާއިން ވަނީ އިތުރަށް ބުނެފައެވެ.

ޣައްޒާގެ ހަނގުރާމަ ފެށުނީ 7 އޮކްޓޫބަރު 2023 ގައި ހަމާސް އިސްވެ އިސްރާއީލުގެ ދެކުނުގެ ސަރަހައްދުތަކަށް ދިން ހަމަލާތަކާ ގުޅިގެންނެވެ. އެ ހަމަލާތަކުގައި ގާތްގަނޑަކަށް 1،200 މީހުން މަރުވެ، 251 މީހުން ވަނީ ރަހީނުކޮށްފައެވެ. އޭގެ ރައްދުގައި އިސްރާއީލުން ޣައްޒާއަށް ދެމުންދާ ހަމަލާތަކުގައި މިހާތަނަށް 74،690 އަށް ވުރެ ގިނަ މީހުން މަރުވެފައިވާ ކަމަށް ހަމާސްގެ ބެލުމުގެ ދަށުން ހިންގާ ޣައްޒާގެ ސިއްހަތާ ބެހޭ ވުޒާރާއިން ހާމަކުރެއެވެ. މި އަދަދުތަކަކީ އިތުބާރު ހުރި އަދަދުތަކެއް ކަމަށް އދ. އިން ވެސް ބަލައިގަނެއެވެ. ވޭތުވެދިޔަ އަހަރުގެ އޮކްޓޫބަރު މަހު ހަނގުރާމަ ހުއްޓާލުމަށް އެއްބަސްވެވުނު ނަމަވެސް، އިސްރާއީލުން ދަނީ ގާތްގަނޑަކަށް ކޮންމެ ދުވަހަކު ވައިގެ މަގުންނާއި އެހެނިހެން ގޮތްގޮތުން ޣައްޒާއަށް ހަމަލާތައް ދެމުންނެވެ.