އީރާނާ ދެކޮޅަށް އެމެރިކާއިން އަޅާފައިވާ ކަނޑުގެ ބަންދު ތަންފީޒުކުރުމަށް މެދުއިރުމަތީގައި މިހާރުވެސް ހަރަކާތްތެރިވަމުންދާ އެމެރިކާގެ ދެ މަނަވަރުގެ އިތުރުން، ތިންވަނަ މަތިންދާބޯޓު އުފުލާ މަނަވަރެއް އެ ސަރަހައްދަށް ދަތުރުކުރަން ފަށައިފިއެވެ.
ރިޕޯޓްތައް ބުނާގޮތުގައި މި ދަތުރުގައި ބައިވެރިވާ ޔޫއެސްއެސް ތިއޮޑޯ ރޫޒްވެލްޓް ކެރިއާ ސްޓްރައިކް ގްރޫޕް ގާތްގަނޑަކަށް 6،000 ފަޅުވެރިންނާއެކު ކެލިފޯނިއާގެ ސެން ޑިއޭގޯއިން ފުރާފައިވަނީ ސެޕްޓެމްބަރު 27 ގައެވެ. އޭގެ އަނެއް ދުވަހު، 4،200 ސިފައިންނާއެކު 13 ވަނަ މެރިން އެކްސްޕެޑިޝަނަރީ ޔުނިޓާއި މެކިން އައިލެންޑް އެމްފިބިއަސް ރެޑީ ގްރޫޕް ވެސް ވަނީ ފުރާފައެވެ. ސިންގަޕޫރުގެ ޗަންގީ ނޭވަލް ބޭސްއަށް ނޮވެމްބަރު 6 ގައި ބަނދަރުކުރުމަށްފަހު، މަލަކާ ކަނޑުއޮޅި ހުރަސްކޮށް އިންޑިއާ ކަނޑަށް ވަދެފައިވާ މި ފްލީޓް މިހާރު ދަތުރުކުރަމުން ދަނީ އެމެރިކާގެ ސެންޓްރަލް ކޮމާންޑް (ސެންޓްކޮމް) ގެ ސަރަހައްދަށެވެ.
ޔޫއެސްއެސް ތިއޮޑޯ ރޫޒްވެލްޓް އާއިއެކު ކެރިއާ އެއާ ވިންގް 11 އާއި ކްރޫޒާ ޔޫއެސްއެސް ޗޯސިންގެ އިތުރުން ޑިސްޓްރޯޔާ ޔޫއެސްއެސް ޕޯލް ހެމިލްޓަން އަދި ޔޫއެސްއެސް ޑިކޭޓާ ބައިވެރިވެއެވެ. މެދުއިރުމަތީގައި މިހާރު ހަރަކާތްތެރިވަމުން ދަނީ ޔޫއެސްއެސް ޖޯޖް އެޗް.ޑަބްލިއު. ބުޝް އަދި ޔޫއެސްއެސް ޖޯޖް ވޮޝިންޓަންއެވެ. ރަސްމީ ރޭވުމަކީ ޖޯޖް ވޮޝިންޓަންގެ ބަދަލުގައި ތިއޮޑޯ ރޫޒްވެލްޓް ހަރަކާތްތެރިވުން ކަމަށް ވިޔަސް، ހަމަލާތައް ވަރުގަދަކުރަން އަމުރުކޮށްފިނަމަ މި ތިން މަނަވަރު ވެސް އެއްފަހަރާ އެ ސަރަހައްދުގައި ދެމިތިބޭނެ ކަމަށް އެމެރިކާގެ އޮފިޝަލުން ކަށަވަރުކޮށްދެއެވެ.
އީރާނުގެ ބިމުގެ އަޑީގައިވާ ނިއުކްލިއާ މަރުކަޒުތަކަށް އަލުން ހަމަލާދިނުމުގެ އަސްކަރީ އިޚްތިޔާރުތައް ޕެންޓަގަނުން ހުޅުވާލާފައި ބޭއްވި ނަމަވެސް، ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ އީރާނުން އިތުރު އުދުވާނެއް ނުހިންގާހާ ހިނދަކު އާ ހަމަލާތަކެއް ނުދީ މަޑުޖައްސާލުމަށް މުޝީރުންނަށް އަންގަވާފައެވެ.
މެދުއިރުމަތީގެ މަސްރަހު އިތުރަށް ހޫނުވިޔަ ނުދިނުމަށްޓަކައި ސައޫދީ އަރަބިއްޔާ އާއި ތުރުކީ ފަދަ ގަލްފުގެ ބައިވެރި ގައުމުތަކުން ދަނީ ވޮޝިންޓަނަށް ޕްރެޝަރު ކުރަމުންނެވެ. އެ ގައުމުތަކުން ކަންބޮޑުވަނީ ހަމަނުޖެހުން މުޅި ސަރަހައްދަށް ފެތުރި، ހަކަތައިގެ ބާޒާރަށް ބޮޑެތި ލޮޅުންތަކެއް އަރައިފާނެތީއެވެ. ނަމަވެސް، އިސްރާއީލުގެ އޮފިޝަލުން ދަނީ އީރާނާ ދެކޮޅަށް އިތުރު އަސްކަރީ ހަރަކާތްތަކެއް ހިންގުމަށް ބާރުއަޅަމުންނެވެ.
އެމެރިކާގެ ޖާސޫސީ ރިޕޯޓްތަކުން ހާމަވާ ގޮތުގައި، މިހާރު އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކާއި ކަނޑުގެ ބަންދުގެ ސަބަބުން އީރާނުގެ އިގްތިސާދަށް ބޮޑެތި ދަތިތަކާ ކުރިމަތިލާން ޖެހިފައިވީ ނަމަވެސް، އިތުރު ބޮންއެޅުމަކުން ތެހެރާނުގެ ސިޔާސަތަށް ބަދަލެއް އަންނާނެ ކަމަކަށް ނުބެލެވެއެވެ.
މީގެއިތުރުން ކުރީގެ އޮޕަރޭޝަންތަކުގެ ސަބަބުން އެމެރިކާގެ ދުރު ރާސްތާގެ ޕްރެސިޝަން ހަތިޔާރުގެ ސްޓޮކް މަދުވަމުންދާ ކަމުގެ ކަންބޮޑުވުންވެސް ވަނީ ފާޅުކޮށްފައެވެ. މި ހާލަތުގައިވެސް، ނޮވެމްބަރު 12 އަދި 13 ގައި ހޮރުމުޒް ކަނޑުއޮޅިން ތެޔޮ ޓޭންކަރުތަކެއް ގޮއްވާލުމާއި، ބަހްރައިނަށް އަމާޒުކޮށް އީރާނުން ފޮނުވާލި ދެ ޑްރޯން އެމެރިކާ ސިފައިން ވައްޓާލުމާ ގުޅިގެން ސަރަހައްދުގެ ނުތަނަވަސްކަން އަދިވެސް އޮތީ އިންތިހާއަށް ބޮޑުވެފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!