ރައްޔިތުންގެ ކަންބޮޑުވުންތަކާއި ޝަކުވާތައް 24 ގަޑިއިރު ހުށަހެޅޭނެ އިންތިޒާމު ހަމަޖެއްސުމަށްޓަކައި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ގާއިމުކުރެއްވި "ސިޓިޒަންސް ކޮމްޕްލެއިންޓްސް ބިއުރޯ" ގެ ދަށުން "ސިޓިޒަންސް ވޮއިސް" ގެ ނަމުގައި ޚާއްޞަ ޕޯޓަލެއް މިއަދު އިފްތިތާޙުކޮށްފިއެވެ.
މި ޕޯޓަލަކީ ރައްޔިތުންގެ ޚިޔާލާއި ކަންބޮޑުވުންތައް ސަރުކާރަށް ހުށަހެޅުމަށް ޚާއްޞަކޮށްގެން ތަޢާރަފުކުރި ވަސީލަތެކެވެ. މި ޚިދުމަތް ހޯދުމަށް ހަމަޖެހިފައިވާ ވެބް އެޑްރެހަކީ Citizens' Voice އެވެ.
މި ޕޯޓަލް ތަޢާރަފުކުރައްވާފައި މިވަނީ، 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ 2026 ވަނަ އަހަރުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާގައި މަޖިލިސް އެ ދައުރަށް އިފުތިތާޙުކޮށްދެއްވައި، އެ އަހަރުގެ ރިޔާސީ ބަޔާން އިއްވަވަމުން ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވެވަޑައިގެންނެވި ވަޢުދުފުޅާ އެއްގޮތަށެވެ.
ރައީސުލްޖުމްހޫރިއްޔާގެ އެ ވަޢުދުފުޅާ އެއްގޮތަށް ސިޓިޒަންސް ކޮމްޕްލެއިންޓްސް ބިއުރޯ އުފައްދަވައި، މި ޕޯޓަލް އިފްތިތާޙުކުރެއްވުމުގެ މައިގަނޑު ބޭނުމަކީ ރައްޔިތުންގެ ޚިޔާލާއި ކަންބޮޑުވުންތައް ސަރުކާރުން ވަރަށް ގާތުން ބެއްލެވޭނެ މަގު ފަހިކޮށްދިނުމެވެ.
މި ޕޯޓަލްގެ ޚިދުމަތް މިވަގުތަށް ވެބްސައިޓް މެދުވެރިކޮށް ފެށި ނަމަވެސް، މާ ލަސްތަކެއް ނުވެ ކައިރި މުސްތަޤުބަލެއްގައި މި ޚިދުމަތަށް ޚާއްޞަކުރެވޭ ފޯނު އެޕްލިކޭޝަނެއް ވެސް އިފްތިތާޙުކުރުމަށް ވަނީ ނިންމާފައެވެ.
މީގެ އިތުރުން، އޮންލައިން ޕޯޓަލްގެ އިތުރުން ސިޓިޒަންސް ކޮމްޕްލެއިންޓްސް ބިއުރޯގެ ކޯލް ސެންޓަރުގެ ޚިދުމަތް، އެ ބިއުރޯގެ ހޮޓްލައިން ނަންބަރު 1470 މެދުވެރިކޮށް މިހާރުވެސް ލިބެމުންދާނެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!