ދަރިވަރުންނާ މުއާމަލާތްކުރާ މީހުންދެނެގަނެ، ގެއްލުމެއް ކުރިމަތިވިޔަ ނުދިނުމަށް ސަމާލުވާންޖެހޭކަމަށް މިނިސްޓަރ އޮފް އެޑިއުކޭޝަން ޑރ.ޢައިޝަތު އަލީ ވިދާޅުވެއްޖެއެވެ.

ދިރާސީ އައު އަހަރުގެ ކިޔެވުން ފެށުމާއި ގުޅިގެން މިނިސްޓަރު ޑރ.އައިޝަތު ޢަލީ ދެއްވި ޚިތާބުގައި ވިދާޅުވީ، އައު އަހަރެއްގެ ކިޔެވުން ފެށިގެންދާއިރު ލިބޭ އެންމެ ބޮޑު އުފަލަކީ ކޯވިޑްގެ ބަލިމަޑުކަމުން އާންމު ހާލަތަކަށް ބަދަލުވެ، ކިޔަވައިދިނިމުގެ ކަންކަން ކުރިއަށް ގެންދިޔުމުގެ ހެޔޮ ނަސީބު ލިބިފައިވުން ކަމަށެވެ.

Ad
rt

ދީނީ، އަދަބީ އަދި އިޖުތިމާއީ ހަރަކާތްތަކުގައި ދަރިވަރުންނަށް ކުރިއެކޭ އެއްގޮތަށް ބައިވެރިވުމުގެ ފުރުސަތު ފަހިވެގެން ގޮސްފައިވާ ކަމަށާއި، އެހެންކަމުން މިފަދަ ހަރަކާތްތަކުގައި ދަރިވަރުން ބައިވެރިކުރަން ސްކޫލްތަކުންނާއި، ބެލެނިވެރިން ސަމާލުކަމެއް ދެއްވުމަށް މިނިސްޓަރު ވަނީ އެދިވަޑައިގެންފައެވެ.

އެ ޚިޠާބުގައި މިނިސްޓަރު ވަނީ އަލަށް ތަންފީޒުކުރެވޭ ތަޢުލީމާބެހޭ ޤާނޫނަށް މި މަހުގެ 10 ވަނަ ދުވަހަށް އެއް އަހަރު ފުރިގެންދާކަން ފާހަގަ ކުރަށްވާފައެވެ. އަދި އެ ގާނޫނުން ހަވާލުކޮށްފައިވާ އެންމެ މުހިންމު ކަމަކީ ދަރިވަރުންގެ ރައްކާތެރިކަން ކަމަށް ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ، ދަރިވަރުންނާ ދިމާވާ އެންމެން ވެސް އެންމެ ބޮޑު ސަމާލުކަމެއް ދޭންވީ ދަރިވަރުންގެ ރައްކާތެރިކަމަށް ކަމަށާއި، އެންމެ ބޮޑަށް އިސްކުރަންވީ ދަރިވަރުންގެ މަސްލަހަތު ކަމަށެވެ.

''ސްކޫލާއި ސްކޫލުން ބޭރުގައި ދަރިވަރުންނާ މުއާމަލާތްކުރާ މީހުންނަކީ ކޮންބަޔެއްކަން ދެނެގަނެ އެއްވެސް މީހެއްގެ ފަރާތުން ދަރިވަރުންނަށް ގެއްލުން ވިޔަ ނުދިނުމަށް ސްކޫލްތަކުގެ މުވައްޒަފުންނާއި، ބެލެނިވެރިން ހާއްސަ ސަމާލުކަމެއް ދޭންޖެހޭ'' މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރުގެ ޚިޠާބުގައި ވަނީ ތަޢުލީމީ ޤާނޫނާއި ގުޅިގެން ހަދަން ޖެހޭ ހުރިހާ ޤަވާއިދުތަކެއް ހަދާ ނިމިފައިވާކަމަށް ވިދާޅުވެފައެވެ. އަދި މި ދިރާސީ އަހަރު އެ ޤަވާއިދުތައް ތަންފީޒުކުރަން ފަށާނެކަމަށް ވެސް ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ، މިއަހަރު އެންމެ އިސްކަމެއްދޭނެ އެއްކަމަކީ ތަޢުލީމީ ނިޒާމުގެ ފެންވަރު މަތިކުރުންކަމަށެވެ. މިގޮތުން އެޅޭ އެންމެ މުހިއްމު އެއް ފިޔަވަޅަކީ މުދައްރިސުންނަށް ކިޔަވައިދިނުމުގެ ލައިސަންސް ދޫކުރުންކަމަށް ވެސް ވިދާޅުވިއެވެ. އަދި މިއަހަރުގެ ތެރޭގައި އެކަމުގެ ޢަމަލީ މަސައްކަތްތައް ފަށާނެކަމަށް ވެސް ވިދާޅުވިއެވެ.