ސަރުކާރުން މަސައްކަތް ކުރައްވަމުން ދަނީ ދަރިވަރުންގެ އުންމީދުތައް ޙަޤީޤަތަކަށް ހަދައިދިނުމަށްކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

ދިރާސީ އައު އަހަރު ފެށުމުގެ ގޮތުން މިއަދު ހެނދުނު އަމީނިއްޔާ ސްކޫލުގައި ބޭއްވި ޚާއްޞަ އެސެމްބްލީ ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ، ދިރާސީ އަހަރެއް ފެށޭ ދުވަހަކީ، ކުރިއެރުމާއި ތަރައްޤީގެ ވިސްނުމުގައި ދުވަސް ގުނާ ބަޔަކާ، އަހަރެއްގެ ތެރޭގައި ބައްދަލުކުރާނެ އެންމެ އުފާވެރި އެއް ދުވަސް ކަމަށެވެ.

Ad
rt

މިއަދު ދަރިވަރުންގެ މޫނުތަކުން ފެންނަމުން ދަނީ ކުރިމަގަށްޓަކައި އެ ކުދިން ކުރާ އުންމީދުގެ އުޖާލާކަން ކަމަށް ރައީސް ވިދާޅުވިއެވެ. އަދި ސަރުކާރު އޮތީ އެ ދަރިވަރުންގެ އުންމީދުތައް ހަގީގަތަކަށް ހަދައިދޭން ކަމަށް ވެސް ވިދާޅުވިއެވެ.

''އަޅުގަނޑުމެން މިތިބީ ތިޔަ ކުދިންގެ އުންމީދުތައް ޙަޤީޤަތަކަށް ހަދައިދޭން. ރާއްޖޭގެ ތަޢުލީމީ ދާއިރާ ތަރައްޤީކޮށް ކުރިއަރުވަނީ، ތިޔަ ކުދިންނަށް އުޖާލާ ކުރިމަގެއް ހޯދައިދޭން. އަދި މައިންބަފައިން ދަރިވަރުންނާ މެދު ދެކޭ ފޮނި ހުވަފެނެއް އޮތްކަން އެނގި ތިބެ، އެ ހުވަފެންވެސް ޙަޤީޤަތަކަށް ހަދައިދިނުމަށް،'' ރައީސް ވިދާޅުވިއެވެ.

ދަރިވަރުންގެ އުންމީދުތައް ހާސިލްކުރުމަށް ބޭނުންވާނެ ފުރުޞަތުތައް ސަރުކާރުން ފަހިކޮށްދެމުން ގެންދަވާކަމަށާއި، އެކަންކަން ޙަޤީޤަތަކަށް ވެގެންދާއިރު ނުކުންނަ ނަތީޖާއަކީ، ތަރައްޤީގެ އައްސޭރިއަށް ޤައުމުގެ މިސްރާބު ހިފާނޭ ޢިލްމީ ހުނަރުވެރި ނެވިންތަކެއް އުފެދިގެން ދިޔުން ކަމަށް ރައީސް ވިދާޅުވިއެވެ.

''މިތަނުން އަޅުގަނޑަށް ފެންނަނީ، މި ދެންނެވި އުންމީދާ ގުޅިފައިވާ މޫނުތަކެއް. މިއިން ކޮންމެ ދަރިވަރަކީވެސް، ޤައުމަށް ބޭނުންތެރި އަދި ޤައުމަށް ޚިދުމަތް ކުރުމަށް ތައްޔާރަށް ހުރި ދަރިވަރެއްކަމާ މެދު އަޅުގަނޑު ޝައްކެއް ނުކުރަން.'' ރައީސް ވިދާޅުވިއެވެ.

ރައީސް ޞާލިޙް ވިދާޅުވީ، ސްކޫލަކަށް ހާޒިރުވެ ކިޔެވުމަކީ، ވަރަށް ގިނަ ކަންތައްތައް އެކުލެވޭ ކަމެއް ކަމަށެވެ. އަދި އަޚްލާޤީ އެންމެ ރިވެތި ސިފަތައް ލިބިގަތުމަކީ، ކުދިން ސްކޫލަށް ހާޒިރުވުމުގެ އެންމެ މުހިންމު މަޤްޞަދު ކަމަށް ވިދާޅުވިއެވެ. ފިލާވަޅުތައް ދަސްކުރާ ފަދައިން، ދުޅަހެޔޮ، ހަށިހެޔޮ ޒިންމާދާރު ކުދިބަޔަކަށް ވުމަކީވެސް، ސްކޫލެއްގައި ކިޔެވުމުގެ ވަރަށް މުހިންމު އެއްބައިކަން ވެސް އެމަނިކުފާނު ފާހަގަ ކުރެއްވިއެވެ.

ރައީސް ޞާލިޙް ވަނީ، ދަރިވަރުން ދިރާސީ އައު އަހަރަކާ ބައްދަލުކުރާއިރު، ހިތްހަމަޖެހިގެން އައު ޢަޒުމަކާއެކު ކިޔެވުން ފެށުމަށް އިލްތިމާސް ކުރަށްވާފައެވެ.

ދިރާސީ އައު އަހަރެއްގެ ކިޔެވުން ފެށިގެން ދިޔައިރު، ރާއްޖޭގެ ހުރިހާ ކަންކޮޅެއްގައި 271 ސްކޫލެއްގައި ކިޔަވައިދޭނެ ކަމަށް ރައީސްގެ ވާހަކަފުޅުގައި ވަނީ ފާހަގަ ކުރައްވާފައެވެ.

އެ ސްކޫލް މަދަރުސާތަކުގައި 92 ހާހަށް ވުރެ ގިނަ ދަރިވަރުން ތަޢުލީމް ޙާޞިލުކުރަމުން ދާނެކަން ވެސް އެމަނިކުފާނު ފާހަގަ ކުރެއްވިއެވެ. އޭގެ ތެރެއިން ސަރުކާރުގެ 217 ސްކޫލްގައި 76 ހާހަށް ވުރެ ގިނަ ދަރިވަރުން ކިޔަވަމުން ދާނެކަމަށާއި، އަދި 8300 އަށް ވުރެ ގިނަ ޓީޗަރުން އެ ސްކޫލްތަކުގައި ތިބޭނެ ކަމަށް ވެސް ރައީސް ޞާލިޙް ވަނީ ވިދާޅުވެފައެވެ.