މާލެއާއެކު ތިލަފުށި، ގުޅީފަޅު އަދި ވިލިމާލެ ގުޅުވާލުމަށް އަޅާ ބްރިޖު މަޝްރޫޢުގެ ޢަމަލީ މަސައްކަތް މިއަދު ރަސްމީކޮށް ފަށައިފި އެވެ.
މިގޮތުން މި މަޝްރޫޢުގެ ރަސްމީކޮށް ފެށުމަށް އެ ބްރިޖުގެ ފުރަތަމަ ތަނބުގެ ބިންގާ އަޅުއްވައި ދެއްވީ ރައީސް އިބްރާހިމް މުހައްމަދު ޞާލިޙް މިހާރު އިންޑިއާއަށް ކުރަށްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން އެމަނިކުފާނާއި، އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އެވެ.
އިންޑިއާގެ ނިއުދިއްލީގައި ކުރިއަށް ދިޔަ ރަސްމިއްޔާތެއްގައި މި މަޝްރޫޢުގެ ޢަމަލީ މަސައްކަތް މިއަދު ފެށިއިރު، ރާއްޖޭގެ ބައެއް އިސްވެރިން ވެސް ވެރިރަށް މާލޭގައި ތިއްބަވައިގެން ވާޗުއަލްކޮށް މި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތެވެ. މިގޮތުންނައިބު ރައީސް ފައިސަލް ނަސީމާއި ހައުސިން އެންޑް ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމާއި ބައެއް ވަޒީރުން އެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތެވެ.
ރައީސް އިބްރާހީމް މުހައްމަދު ޞާލިޙްގެ ވެރިކަމުގައި ކުރިއަށް ގެންދިއުމަށް ނިންމާފައިވާ ތަރައްގީގެ އެންމެ ބޮޑު މަޝްރޫއު މިއަދު ޢަމަލީގޮތުން ފެށިއިރު، މިރަސްމިއްޔާތުގައި ވަނީ އިންޑިއާގެ އެހީއާ އެކު ރާއްޖޭގައި ކުރިއަށްދާ މަޝްރޫއުތަކާ ގުޅޭ ވީޑިއޯ ރިޕޯޓެއް ދައްކާފަ އެވެ. އަދި އިންޑިއާގެ އެހީގައި ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ކުރިއަށް ގެންދާ ސޯޝަލް ހައުސިން ޔުނިޓުތަކާ ގުޅޭ މައުލޫމާތު ހިއްސާކޮށްފައިވެ އެވެ.
މި ބްރިޖުގެ މަސައްކަތް ކުރަނީ އިންޑިއާގެ އެފްކޮންސް ކުންފުނިންނެވެ. އެ ކުންފުނިން މިހާރު ވެސް އަންނަނީ މި މަޝްރޫޢުގެ މަސައްކަތް ކުރަމުންނެވެ.
މުޅި މި މަޝްރޫޢުއަށް 7.7 ބިލިއަން ރުފިޔާ ހޭދަވާނެކަމަށް ލަފާކޮށްފަވެއެވެ. މި މަޝްރޫޢު ކުރިއަށް ގެންދަނީ އިންޑިއާ ސަރުކާރުން ދޭ 100 މިލިއަން ޑޮލަރުގެ ގްރާންޓާއި 400 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓްގެ ދަށުންނެވެ. އަދި ދަޢުލަތުން ޚަރަދުކުރުމަށްވެސް ވަނީ ހަމަޖެހިފައެވެ.
މި މަޝްރޫޢު ނިމުމުން ގްރޭޓާ މާލޭ ސަރަހައްދުގައި ހިމެނޭ ތިލަފުއްޓާއި ގުޅީފަޅާއި ވިލިމާލެ މާލެއާ ގުޅާލެވޭނެ އެވެ. އެހެންކަމުން ތިލަފުށިން ހުޅުމާލެއާ ހަމައަށް އެއްގަމު މަގުން ދަތުރުކުރެވޭނެ އިންތިޒާމު މި މަޝްރޫޢާއެކު ފަހިވެގެން ދާނެއެވެ.
މާލޭން ފެށިގެން ތިލަފުށްޓާ ހަމައަށް ގުޅާލަން އަޅާ ބްރިޖާއި ކޯޒްވޭ އަދި މަގުތަކުގެ ނެޓްވާކުގެ ދިގުމިނުގައި 6.7 ކިލޯމީޓަރު ހުންނައިރު، އެ މަޝްރޫޢުގެ ބައިތަކުގެ ތެރޭގައި ތިން ބްރިޖާއި ދެ މަގާއި ކޮންމެ ރަށަކަށް އަރާ ފޭބުމަށް އިންޓަޗޭންޖް ޕޮއިންޓްތަކާއި ޕާކިން ސަރަހައްދުތައް ގާއިމުކުރެވޭނެ އެވެ.
ތިލަމާލެ ބުރިޖްގެ އެންމެ ބޮޑު ބޭނުމަކީ އިޤްތިޞާދީގޮތުން ގްރޭޓަރ މާލެ ސަރަޙައްދު ގުޅާލުން ކަމަށް ސަރުކާރުން ވަނީ ބުނެފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!