ޢިލްމު އިންސްޓިޓިއުޓުގެ 100 ޙާފިޒުން ޕްރޮގްރާމްގެ ފުރަތަމަ ސެމިސްޓަރ ކާމިޔާބު ކަމުގައި އެ އިންސްޓިޓިއުޓްގެ ފައުންޑަރ ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.
ޑރ. މުހައްމަދު ޝަހީމް ވިދާޅުވީ ޢިލްމު އިންސްޓިޓިއުޓުން ފެށި 100 ޙާފިޒުން އުފެއްދުމުގެ މަޝްރޫޢު ﷲ ގެ މަތިވެރި ރަޙުމަތުން ކާމިޔާބުކަމާއެކު ކުރިއަށް ދިއުމަކީ ލިބޭ ވަރަށް މަތިވެރި އުފަލެއް ކަމުގައެވެ.
އެގޮތުން މި މަޝްރޫޢުގެ ފުރަތަމަ ސެމިސްޓަރ މިހާރު ނިމިފައިވާ ކަމަށާއި މި ސެމިސްޓަރ ނިމުނުއިރު ބައެއް ދަރިވަރުން ހަތަރު ފޮތާއި އަށް ފޮތާ ދެމެދުގެ އަދަދަކަށް ފޮތް ހިތުން ދަސްކޮށްފައިވާ ކަމަށެވެ.
ޢިލްމު އިންސްޓިޓިއުޓް ފޯރ އިސްލާމިކް ސްޓަޑީޒްއިން ކުރިއަށް ގެންދާ ކީރިތި ޤުރުއާން ހިތު ދަސް 100 ޙާފިޒުންގެ އުފެއްދުމުގެ ޕްރޮގްރާމަށް ބޮޑު ތަރުހީބެއް ލިބެމުން އަންނަ ކަމަށް އެ އިންސްޓިޓިއުޓްއިން ކުރިން ބުނެފައިވެއެވެ.
ޢިލްމު އިންސްޓިޓިއުޓް އިން ބުނީ، "ކީރިތި ޤުރުއާން ހިތު ދަސް 100 ޙާފިޒުންގެ އުފެއްދުމުގެ މަޝްރޫޢު"ގެ ނަމުގައި އެ އިންސްޓިޓިއުޓުން ފަށާ މި ޕްރޮގްރާމުގައި 500 އަށް ވުރެ ގިނަ ކުދިން ބައިވެރިވެފައިވާ ކަމަށެވެ.
އެ އިންސްޓިޓިއުޓް އިން ބުނީ މި ޕްރޮގްރާމްގެ ދަށުން ހިންގާ ފިޒިކަލް ކުލާސް އޮންނަނީ މާލޭގައި ކަމަށެވެ. އަދި އޮންލައިންކޮށްވެސް ހިފްޒު ކްލާސް ބާއްވަމުން ގެންދެއެވެ.
މި ޕްރޮގްރާމްގައި ކިޔަވައިދެއްވަނީ ތަޖުރިބާކާރު ޤުރުއާން ހިތުދަސް އުސްތާޒުންނާއި އުސްތާޒާއިން ކަމަށް ޢިލްމު އިންސްޓިޓިއުޓް ވިދާޅުވެއެވެ.
މަޝްރޫޢުގެ ޚާއްޞަ ކަންކަން:
- އިޖާޒާ ދިނުން: އިޖާޒާއަކީ، ޙިފުޒު ކޮށް ނިމުމުން ޙިފުޒުގެ ސަނަދުން ސިލްސިލާ ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމައާ ހަމައަށް ގުޅުވައިދިނުމެވެ. މިކަން ކުރާ ގޮތައް ހަމަޖެހިފައިވަނީ އެފަދަ އިޖާޒާ ސަނަދު ލިބިވަޑައިގެންފައިވާ ދަންނަބޭކަލުން ނުވަތަ ޙާފިޒުން ރާއްޖެއިން ބޭރުން ގެނެސްގެން އެކުއްޖަކު ލައްވައި އެބޭފުޅަކަށް ޤުރުއާން އެއްކޮށް ހިތުން ކިޔައިދީގެންނެވެ. ނުވަތަ ޢިލްމު އިންސްޓިޓިއުޓްގެ ޚަރަދުގައި އެދަރިވަރަކު އެފަދަ ތަނަކަށް ފޮނުވައިގެންނެވެ. ޙިފްޒުގެ ސަނަދުގެ ސިލްސިލާއިން ކީރިތި ރަސޫލާއާ ހަމަ އަށް ގުޅުވައިލުމަކީ ޙާފިޒަކަށް ލިބޭނެ ޙިފްޒުގެ އެންމެ މަތިވެރި ޝަރަފެވެ.
- ޙިފުޒު ކުރުމާއެކު ރީތި ރާގަށް ޤުރުއާން ކިޔަވަން ދަސްކުރުން.
- ބޭރުގެ އުސްތާޛެއް މެދުވެރިކޮށް ކޮންމެ މަހަކު އެއް ފަހަރު ޢަރަބި ބަހުގެ ކުލާހެއް.
- ތަޖްވީދުގެ ހަމަތަކުން ކިޔަވަން ދަސްކުރުން.
- އަންހެން ދަރިވަރުންނަށް ތިއްބަވާނީ އަންހެން އުސްތާޛުން.
- ތަރުބަވީ ފިލާވަޅުތަކާއި ޤުރުއާނުގެ އަޚުލާޤު ދަސްކޮށްދިނުން.
- ބޭރުގެ ތަޖުރިބާކާރު އުސްތާޛުން ދަރިވަރުންނާ ބައްދަލުކުރުން.
މި ޕްރޮގްރާމްގެ ޕްރޮޖެކްޓް ހެޑަކީ، މަޝްހޫރު ދީނި އިލްމުވެރިޔާ، ކުރީގެ އިސްލާމިކް މިނިސްޓަރު އަދި އިސްލާމިކް ޔުނިވާސިޓީގެ ކުރީގެ ޗާންސެލާ، އަލްހާފިޒް ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު އެވެ.
އަދި ޢިލްމް އިންސްޓިޓިއުޓް ފޯރ އިސްލާމިކް ސްޓަޑީޒް އަކީ ޑރ. ޝަހީމްގެ ބެލުމުގެ ދަށުން ހިންގަމުންދާ އިންސްޓިޓިއުޓެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!