އިޓަލީގެ ގައުމީ އެއާލައިން، އައިޓީއޭ އެއާވޭސްގެ ދަތުރުތައް ރާއްޖެއަށް ފަށަން ނިންމައިފިއެވެ.

އެ އެއާލައިނުން ބުނެފައިވާ ގޮތުގައި މި ދަތުރުތައް ފަށާނީ މި އަހަރުގެ ޑިސެމްބަރު މަހުއެވެ. އަދި އަންނަ އަހަރުގެ މާޗު މަހާ ހަމައަށް ދަތުރުތައް އޮންނާނެ ކަމަށް އެ އެއާލައިނުން ބުނެއެވެ.

Ad
rt

އައިޓީއޭ އިން އިއުލާން ކޮށްފައިވާ ގޮތުގައި އިޓަލީގެ ރޯމާއި މާލެއާ ދެމެދު ފުރަތަމަ ދަތުރު އޮންނާނީ 17 ޑިސެމްބަރު 2022 ގައެވެ.

އެ އެއާލައިނުން ރާއްޖެއަށް ހަފްތާއަކު ތިން ދުވަހު ދަތުރުތައް ބާއްވާނެއެވެ.

އައިޓީއޭ އެއާވޭސް އަކީ އިޓަލީގެ ގައުމީ އެއާލައިން އަދި އެ ގައުމުގެ އެންމެ ބޮޑު އެއާލައިން ކަމަށްވާ އަލިޓާލިއާ ބަނގުރޫޓްވެގެން ހުއްޓާލަން ޖެހުމާ ގުޅިގެން އުފެއްދި އާ އެއާލައިނެވެ. އެ އެއާލައިން އުފެއްދީ 2021 ވަނަ އަހަރުއެވެ.

ވައިގެ ދަތުރުފަތުރަށް ޒަމާނީ ކުލަވަރާއި ހިތްގައިމުކަން ގެނެސްދޭކަން ކަށަވަރުކޮށް ދެމުން ފެށި އާ އެއާލައިންގެ ބޯޓްތަކުގެ ރަސްމީ ކުލަ އަކީ ނޫކުލައެވެ. އަދި ބޯޓްގެ ފަހަތުގައި ފިޔަގަނޑުގައި ރަތާއި ފެއްސާއި ހުދުން ކުލަ ބަރިއެއް ހިމަނާފައިވެއެވެ. މިއީ އެ އިޓަލީގެ ގައުމީ ކުޅިވަރު ޓީމްތަކުގެ ކުލަތަކާ ގުޅޭގޮތަށް ހިޔާރު ކުރި ކުލަތަކެކެވެ.