އިހަވަންދޫ މަސްވެރިންގެ ގުޅުން (އިމަގު)، ޖަމިއްޔާއިން އިސްނަގައިގެން މި އަހަރުގެ އަޟްހާ ޢީދުގެ މުނާސަބާ ފާހަގަ ކުރުމުގެ ގޮތުން ހއ. އިހަވަންދޫގައި ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންދިޔުމަށް ނިންމައިފިއެވެ.
ޖުމްލަ ތިން ދުވަހަކަށް ބަހާލައިގެން ކުރިއަށް ގެންދިޔުމަށް ރާވާފައިވާ ހަރަކާތްތަކަށް ބަލައިލާއިރު، 09 ޖުލައި 2022 (ޢީދު ދުވަސް) ޢީދު ނަމާދަށް ފަހު އަސަރީ ސައިފޮދު ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. އެ ދުވަހުގެ ހަވީރު ކުޑަކުދިންގެ ސަގާފީ ހަވީރު ބޭއްވުމަށް ނިންމާފައިވާއިރު، އެ ރޭ ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައި ވަނީ އުކާކުޅުމުގެ މުބާރާތެވެ.
10 ޖުލައި 2022 ވަނަ ދުވަހު މެންދުރުކުރި ފޯރި ބޭއްވުމަށް ހަމަޖެހިފައިވާއިރު، ހަވީރު ބޭއްވުމަށް ހަމަޖެހިފައި ވަނީ ގޮފިތަކުގެ ވާދައެވެ. ރޭގަނޑު ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައި ވަނީ އުކާކުޅުމުގެ މުބާރާތެވެ.
11 ޖުލައި 2022 ވަނަ ދުވަހު މެންދުރުކުރި ޢީދު ފޯރިއަށް ފަހު، އެ ދުވަހުގެ ހަވީރު ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައި ވަނީ ތެލިބުރި މުބާރާތުގެ އިތުރުން މާލި ޕެރޭޑެވެ. އެ ރޭ ވެސް އުކާކުޅުމުގެ މުބާރާތް ކުރިއަށް ގެންދިޔުމަށް ވަނީ ހަމަޖެހިފައެވެ.
ދިވެހިން ޒަމާނުއްސުރެ ކުޅެމުން އަންނަ "ފައިގަތަޅާ" ކުޅިވަރު އަސްލަކަށް ބަލައިގެން ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ އުކާކުޅުމުގެ މުބާރާތުގައި ބައިވެރިވާން ބޭނުންވާ ޓީމްތަކަށް އެ ފުރުޞަތު އިމަގުން މިހާރު ވަނީ ހުޅުވާލާފައެވެ. މިގޮތުން އެ މުބާރާތުގައި ބައިވެރިވާން ބޭނުންވާ ޓީމްތަކުން 6 ޖުލައި 2022 ވަނަ ދުވަހުގެ 14:00 ކުރިން އެކަމަށް އެދި ފުރަންޖެހޭ އޮންލައިން ފޯމް ފުރިހަމަ ކުރެއްވުމަށް ފަހު ސަބްމިޓް ކުރެއްވުމަށް އިމަގުން އެދިލައްވައެވެ. މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމާއި މުބާރާތުގެ ގަވާއިދު އިމަގުގެ ފޭސްބުކް ޕޭޖުން ލިބިލައްވާނެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!