މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ދިން ބޮމުގެ ހަމަލާއާ ގުޅިގެން ދައުލަތުން ދައުވާކުރާ މައްސަލާގައި ދައުލަތުގެ ބައެއް ހެކިތައް ސިއްރުކޮށް، ދިފާއީ ގިނަ ހެކިތަކެއް ބަލައިނުގަތުމަށް ކްރިމިނަލް ކޯޓުން ނިންމައިފި އެވެ.

މިދިޔަ އަހަރު މެއި މަހު ނަޝީދަށް އަމާޒުކޮށް ދިން ބޮމުގެ ހަމަލާއާ ގުޅިގެން ދައުލަތުން ދައުވާކުރަނީ މއ. ފޭރުގޭ މުޖާޒް އަހުމަދާއި ގއ. ކޮނޑޭ ފޮޅޭމާ، ތަހުމީން އަހުމަދާއި ނ. މަނަދޫ ނޫރީގެ އަލީ ހައިޝަމާއި ގއ. ވިލިނގިލީ ހުދުރުވާގެ ފަހުމީ އަލީގެ އިތުރުން މ، ކުދެހިގެ އިސްހާގާއި އއ. މާޅޮހު، އަސަރީގެ މުހައްމަދު ނާޒިމްގެ މައްޗަށެވެ.

Ad
rt

ކްރިމިނަލް ކޯޓުގައި މިއަދު ބޭއްވި އަޑުއެހުމުގައި ޝަރީއަތުގެ ކުރީގެ ހުށަހެޅުންތަކާ މެދު ގޮތް ނިންމިއިރު، ދިފާއީ ގިނަ ހެކިތަކެއް ބަލައިނުގަންނަން ނިންމީ ދައުލަތުން ހުށަހެޅުމުންނެވެ. ދައުލަތުން އެދުނީ ދައުވާލިބޭ މީހުންގެ ދިފާއީ ހެކިތައް ބަލައިނުގަތުމަށެވެ. އެއީ ތަހުގީގުގައި އެ ހެކިންގެ ވާހަކަ ފާހަގަ ނުކުރާތީ އާއި ދައުވާއާ ގުޅުމެއް ނެތް ހެކިތަކެއް ކަމަށް ބުނެ އެވެ.

ކޯޓުން ނިންމީ ހައިޝަމާއި ނާޒިމް ފިޔަވައި ދެން ތިބި މީހުންގެ ދިފާއީ ގިނަ ހެކިތަކެއް ބަލައިނުގަތުމަށެވެ. އެ މީހުން ހެކިން ހުށަހެޅީ ކުށްކުރި ތަނުގައި އެ މީހުން ނުތިބޭނެ ކަމުގެ ދިފާއު ސާބިތުކުރާށެވެ.

ހައިޝަމްގެ ދިފާއީ ހެކިންނާއި ނާޒިމްގެ އެއް ހެއްކަކު ބަލައިގަންނަން ކޯޓުން ނިންމި އެވެ.

ދައުލަތުގެ ބައެއް ހެކިތައް ސިއްރުކުރަން އެދިފައިވާތީ އެ ހެކި ސިއްރުކުރަން ވެސް ކޯޓުން ނިންމި އެވެ. އަދި ސިއްރުން ހެކިބަސް ނުނެގޭނެ ކަމަށް ދިފާއީ ބައެއް ވަކީލުން ބުންޏަސް، ސިއްރުން ހެކިބަސް ނެގޭނެ ކަމަށް ނިންމި އެވެ.

އެ މައްސަލާގެ ޝަރީއަތުގެ މަރުހަލާ އަންނަ ހަފުތާގައި ފަށާނެ އެވެ.

ބޮން ގޮއްވާލުމުގައި އަމަލީ ގޮތުން ބައިވެރިވި އަދުހަމް އަހުމަދު ރަޝީދުގެ މައްްޗަށް 23 އަހަރުގެ ޖަލު ހުކުމެއް ކުރިން އޮތީ އިއްވައިފަ އެވެ.