ކްރިމިނަލް ކޯޓުގައި ނުނިމި ގިނަ ދުވަސްވެފައި ހުރި މައްސަލަތައް ނިންމުމުގެ މަސައްކަތް މިއަދު ފަށައިފިއެވެ.

ހަތަރު މަސް ދުވަހުގެ ތެރޭގައި މި މައްސަލަތަކުގެ ޝަރީޢަތްތައް ކުރިއަށް ގެންދިއުމަށްޓަކައި ކްރިމިނަލް ކޯޓުގައި އާއްމުގޮތެއްގައި މައްސަލަ ތާވަލް ކުރާ ވަގުތުގެ އިތުރުން ރަސްމީ ކޮންމެ ދުވަހަކުވެސް މެންދުރު ދެއަކުން ހަވީރު ފަހަކާ ހަމައަށް މައްސަލަތައް ތާވަލް ކުރުމަށް ވަނީ ހަމަޖެހިފައެވެ.

Ad
rt

މާދަމާވެސް 2016 ވަނަ އަހަރުން ފެށިގެން ހުށަހެޅިފައިވާ 61 މައްސަލައެއް ކްރިމިނަލް ކޯޓުގައި ވަނީ ތާވަލު ކޮށްފައެވެ.

ކްރިމިނަލް ކޯޓުގައި މި ވަގުތު އެންމެ ދުވަސްވީ މައްސަލަތަކުގެ ގޮތުގައި ހުރީ 2015 ވަނަ އަހަރު ކޯޓަށް ހުށަހެޅިފައިވާ މައްސަލަތަކެވެ.

އެހެންކަމުން މިދިޔަ އަހަރުގެ ނިޔަލަށް ނުނިމިހުރި އަހަރަކަށްވުރެ ގިނަދުވަސްވެފައިވާ 1017 މައްސަލަ ކްރިމިނަލް ކޯޓުގައި އެބައޮތެވެ.

މި މައްސަލަތައް ތާވަލް ކުރުމުގައި ރިމާންޑުގައި ތިބި މީހުންގެ ޝަރީޢަތްތަކާއި، ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމާ ގުޅިގެން ދަޢުވާކޮށްފައިވާ މައްސަލަތަކުގެ ޝަރީޢަތްތަކަށް ޙާއްސަ އިސްކަމެއް ދިނުމަށްވެސް ވަނީ ހަމަޖެހިފައެވެ.

ކޮންމެ ދުވަހެއްގައި ކުރިއަށް ގެންދަން ހަމަޖެހިފައިވާ މި މައްސަލަތަކުގެ ތާވަލް އެ ދުވަހެއްގެ ކުރީ ދުވަހު ކްރިމިނަލް ކޯޓުގެ ވެބްސައިޓާއި ކްރިމިނަލް ކޯޓުގެ ރަސްމީ ޓްވިޓަރ އެކައުންޓުގައި އާއްމުކުރާނެއެވެ. އަދި ކޮންމެ ދުވަހެއްގެވެސް ޝަރީޢަތްތައް ނިމުމުންއެ ދުވަހެއްގައި ކުރިއަށް ގެންދެވުނު ޝަރީޢަތްތަކާ ކުރިއަށް ނުގެންދެވުނު ޝަރީޢަތްތައް ކުރިއަށް ނުގެންދެވުނު ސަބަބާއެކު ކްރިމިނަލް ކޯޓުން އާއްމުކުރަމުން ގެންދާނެއެވެ.

ކްރިމިނަލް ކޯޓުގައި ނުނިމި ގިނަ ދުވަސްވެފައިހުރި މައްސަލަތައް ނިންމުމަށް ކުރާ މަސައްކަތަކީ ކްރިމިނަލް ކޯޓުގެ އިތުރުން ޖިނާއީ އަދުލުގެ ނިޒާމުގައި ހިމެނޭ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހާއި މޯލްޑިވްސް ކަރެކްޝަނަލް ސަރވިސަސްގެ އިތުރުން މޯލްޑިވްސް ޕޮލިސް ސަރވިސްއާއެކު ދުރާލާ މަޝްވަރާކުރެވި އިންތިޒާމް ކުރެވިގެން ކުރިއަށް ގެންދާ މަސައްކަތްތަކެއް ކަމުގައި އެ ކޯޓުން ހާމަކުރައްވައެވެ.