ޤާނޫނުއަސާސީން ރައްޔިތުންނަށް ލިބިދޭ ޚިޔާލު ފާޅުކުރުމުގެ މިނިވަންކަން ޤަރާރަކުން ހަނިކޮށް، ނުހުއްޓުވޭނެ ކަމަށް ކެންދޫ ދާއިރާގެ މެންބަރު އަލީ ހުސައިން ވިދާޅުވެއްޖެއެވެ.
ޤާނޫނުއަސާސީގައި ''ޚިޔާލު ފާޅުކުރުމުގެ މިނިވަންކަން'' ބަޔާން ކޮށްފައި ވަނީ މާއްދާ ހަތާވީހުގައެވެ. އެ މާއްދާގައި ބުނެފައި ވަނީ، "މިނިވަން ކަމާއިއެކު ފިކުރު ކުރުމާއި، އިސްލާމްދީނުގެ އަސްލަކާއި ޚިލާފްނުވާ ގޮތެއްގެ މަތީން، އެމީހެއްގެ ބުއްދިއަށް ފެންނަ ގޮތްތަކާއި ޚިޔާލުތައް ދުލާއި ގަލަމުން އަދި މި ނޫން ވެސް ގޮތް ގޮތަށް ފާޅުކުރުމުގެ މިނިވަންކަންމެ މީހަކަށްމެ ލިބިގެންވެއެވެ.'' މިހެންނެވެ.
ކެންދޫ ދާއިރާގެ މެންބަރުގެ އިތުރުން މަޝްޙޫރު ޤާނޫނީވަކީލެއް ކަމަށްވާ، ޢަލީ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ދިވެހިރާއްޖޭގެ ޤާނޫނު އަސާސީން ރައްޔިތުންނަށް ލިބިދޭ ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމަކީ ރައީސުލް ޖުމްހޫރިއްޔާގެ ޤަރާރަކުން ހަނިކުރެވޭނެ، އަދި ހުއްޓުވޭނެ ކަންކަމެއް ނޫން ކަމަށެވެ.
ދިވެހިރާއްޖޭގެ ޤާނޫނު އަސާސީން ރައްޔިތުންނަށް ލިބިދޭ ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމަކީ ރައީސުލް ޖުމްހޫރިއްޔާގެ ޤަރާރަކުން ހަނިކުރެވޭނެ. އަދި ހުއްޓުވޭނެ ކަންކަމެއް ނޫން.
— Ali Hussain (@AleeVoice) April 21, 2022
ޢަލީ މިހެން ވިދާޅުވެފައި މިވަނީ، އިންޑިއާއި މެދު ނަފުރަތު އުފެއްދުމަށް ހިންގާ ހަރަކާތްތަކަކީ ޤައުމީ ސަލާމަތަށް ނުރައްކަލެއް ކަމަށް ޤައުމީ ސަލާމަތާބެހޭ މަޖިލީހުގެ މިއަހަރުގެ ތިން ވަނަ ބައްދަލުވުމުގައި ކަނޑައަޅާފައިވުމާއެކު، އެފަދަ ހަރަކާތްތައް ހުއްޓުވުމަށް ތަންފީޒީ އިދާރާތަކުގެ މައްޗަށް އަންގަވައި ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު މިއަދު ގަރާރެއް ނެރުއްވާފައި ވަނިކޮށެވެ.
އެ ގަރާރު ބާތިލްކޮށްދިނުމަށް އެދި އެ މައްސަލަ ކޯޓަށް ވައްދާނެ ކަމަށް އިދިކޮޅު ކޯލިޝަނުން މިއަދު ވަނީ ބުނެފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!