ހއ. އަތޮޅުގައި ހިންގަމުން އަންނަ ޖޭއޭ މަނަފަރު ރިސޯޓުގެ ފަރާތުން އެ އަތޮޅުގެ ބައެއް ރަށް ރަށަށް ކަދުރު ހަދިޔާކޮށްފިއެވެ.

އެ ރިސޯޓުގެ ޓީމެއް ޒިޔާރަތްކޮށް ކަދުރު ހަދިޔާ ކޮށްފައިވާ ރަށްތަކުގެ ތެރޭގައި ހއ. އަތޮޅުގެ ވެރިރަށް ދިއްދޫއާއި، ހޯރަފުއްޓާއި، އިހަވަންދޫ އަދި މޮޅަދޫ ހިމެނެއެވެ.

Ad
rt

މި އެހީތެރިކަމާއި ގުޅިގެން ދިއްދޫ ކައުންސިލްގެ ރައީސް އަބުދުﷲ ރަޝީދު "ތިލަދުން" އަށް ވިދާޅުވީ، މަނަފަރު ރިސޯޓުގެ އެ އެހީތެރިކަން ޝުކުރުވެރިކަމާއެކު ބަލައި ގަންނަކަމަށާއި، ކުރިމަގުގައި ދެފަރާތް ގުޅިގެން އިތުރު ކަންތައްތައް ކުރުމުގެ އުންމީދު އާވެގެން ގޮސްފައިވާ ކަމަށެވެ.

މަނަފަރު ޓީމާއިއެކު ކުރެވުނު މަޝްވަރާގައި ކުރިއަށްއޮތް ތަނުގައި މިހާރަށްވުރެ ގުޅިގެން ކުރިއަށް ދިޔުމަށް މަޝްވަރާ ކުރެވުނު ކަމަށް ދިއްދޫ ރައީސް ވިދާޅުވިއެވެ.

މަނަފަރުން ކަދުރު ހަދިޔާކުރި އިތުރު ރަށެއްކަމުގައި މޮޅަދޫ ކައުންސިލްގެ ރައީސް މުޙައްމަދު ސިނާދު "ތިލަދުން" އަށް ވިދާޅުވީ، މަނަފަރު ޓީމާއެކު އެކުވެރި މާހައުލެއްގައި މަޝްވަރާކުރެވުނު ކަމަށެވެ. އަދި އެ އެހީތެރިކަން އުފަލާއެކު ބަލައި ގަންނަކަމަށް ވިދާޅުވިއެވެ.

ކުރިމަގުގައި ދެ ފަރާތް ގުޅިގެން ކުރިއަށް ދިޔުމަށާއި، އެގޮތުން ކުރެވިދާނެ ކަންކަމާމެދު މަޝްވަރާ ކުރެވުނު ކަމަށް ސިނާދު ވިދާޅުވިއެވެ.

ހއ. އަތޮޅުގައި މިވަގުތު އޮޕަރޭޓް ކުރާ ދެ ރިސޯޓެއް އޮވެއެވެ. އެއީ މަނަފަރުގެ އިތުރުން ދޮނަކުޅި އައިލެންޑް ރިސޯޓެވެ. މީގެ އަހަރުތަކެއް ކުރިން ހއ. އަތޮޅުގެ އަލިދޫ ވެސް ވަނީ ރިސޯޓެއްގެ ގޮތުގައި ހިންގާފައެވެ.