ދިވެހިބަހަށް ޤަދަރުކޮށް، އިޚްލާޞްތެރިވުމަކީ ޢަމަލުން އެކަން ސާބިތުކޮށްދިނުން ކަމަށް ދިވެހިބަހުގެ އެކެޑަމީގެ ރައީސް ޑރ އަޝްރަފް ޢަބުދުއްރަޙީމް ވިދާޅުވެއްޖެއެވެ.
މިއަދު ފާހަގަކުރަމުންދާ ދިވެހި ބަހުގެ ދުވަހާއި ގުޅުވައިގެން ދިވެހިބަހުގެ އެކެޑަމީގެ ރައީސް ޑރ. އަޝްރަފް ފޮނުއްވި ޚިޠާބެއްގައި ވިދާޅުވީ، ދިވެހިބަހަކީ ބަހަކަށް ލިބިދޭންޖެހޭ އެންމެހައި ސިފަތައް ލިބިފައިވާ ރީތި ބަހެއް ކަމަށެވެ. އަދި ބަހެއްގައި ހުންނާންޖެހޭނޭ ކަމަށް ބަހުގެ ޢިލްމުވެރިން ފާހަގަކުރައްވާ އެންމެ ފުރިހަމަ ސިފަތައް ލިބިފައިވާ ބަހެއް ކަމަށާއި، ރިވެތި ހަމަތަކާއި، ތަރުތީބުކުރެވިފައިވާ އުޞޫލުތައް ލިބިފައިވާ ބަހެއްކަމަށް ވިދާޅުވެފައިވެއެވެ.
ލަފުޒުތަކުގެ މާނަފުރޮޅެމުންދާ ގޮތުގެ ހިތްގައިމުކަމާއި، ދާދި އެއް މާނައެއް ދޭހަވާ އެތައް ލަފުޒުތަކެއް ދިވެހި ބަހަށް ލިބިގެން ވުމާއި، ޙާލަތާއި މުނާސަބަތުގެ ގޮތުން ޖުމުލައިގެ މާނައަށް އަންނަ ނަލަކަން ފާހަގަ ކުރައްވައި، ބުނާ ރާގާއި ބުނާ މީހާގެ ސަބަބުން ޖުމުލައިގެ މާނަ ތަފާތުވާ ގޮތްތައްފަދަ ސިފަތަތަކީ، ހައްތަހާވެސް ދިވެހިބަހުގެ ނަލަކަމާއި ފަރިކަން ކަމަށް ޑރ. އަޝްރަފް ވިދާޅުވެފައި ވެއެވެ.
ބަހެއް ދެމި އޮތުމަށް ބޭނުންވާ މި ސިފަތަކުގެ އިތުރުން، ބަހެއްގެ އަދަބިއްޔާތުގައި ހުންނަން ޖެހޭ އެންމެހައި ރިވެތި އަދަބީ ސިފަތައް ވެސް މި ދިވެހިބަހުގައި އެކުލެވިގެންވާކަމަށާއި، އަދަބިއްޔާތުގައި ހިމެނޭ ވާހަކައާއި އިސްޓޭޖު ޑުރާމާއާއި ޅެމުގެ ތަފާތު ބާވަތްތައް ހިމެނޭ މުއްސަނދި އަދަބިއްޔާތެއް މި ބަހަށް ލިބިފައިވާކަން އޭނާ ވަނީ ފާހަގަ ކުރަށްވާފައެވެ.
"ދިވެހިންގެ ހިތަށް ފުނަށް އަސަރުފޯރާގޮތަށް ލިޔެވިފައި ހުރި ދިވެހި ވާހަކަތައް ދިވެހި އަދަބިއްޔާތުގެ ހަރުގަނޑުގައި އެތައް ބައިވަރެއް އެބަހުއްޓެވެ. ލޯތްބާއި އިޝްޤާއި ޤައުމިއްޔަތުގެ މައުޟޫޢުތަކުގެ މައްޗަށް ހަދާފައިހުރި ގުނާ އަދަދު ނުކުރެވޭ މިންވަރުގެ ޅެންތައް އެބަހުއްޓެވެ. ރޭޑިޔޯއާއި ޓީވީއާއި އިސްޓޭޖަށް ޚާއްޞަކޮށް ލިޔެފައި ހުރި، އަދި ކުޅެފައި ހުރި ޑުރާމާތައް ވެސް އެބަހުއްޓެވެ. އަންނަން އޮތް ޒަމާނަށް ފެންނާނޭހެން ރައްކާކުރެވިފައެވެ." ޑރ. އަޝްރަފް ވިދާޅުވެފަވެއެވެ.
ޑރ. އަޝްރަފް ވިދާޅުވެފައި ވަނީ، އެއްޗަކަށް ޤަދަރުކުރުމަކީ ޤަދަރުކުރާ ކަމަށް ތިމާގެ ދުލުން ބުނާ ބަހަކުން ފުއްދައިލުމެއް ނޫންކަމަށެވެ. އަދި އިޚްލާޞްތެރިވުމަކީ ތިމަން އިޚްލާޞްތެރިވަމޭ ހަމައެކަނި ބުނެ އެކަން ހާމަކުރަމުން ދިއުމެއް ވެސް ނޫން ކަމަށެވެ.
"އަޅުގަނޑު ދެކޭގޮތުގައި ދިވެހިބަހަށް ޤަދަރުކޮށް ދިވެހިބަހަށް އިޚްލާޞްތެރިވުމަކީ ޢަމަލުން އެކަން ސާބިތުކޮށްދިނުމެވެ. އެހެންކަމުން، ތިމާގެ ޙަޔާތުގެ ދުވަސްތަކުގައި ދިވެހިންނާ މުއާމަލާތުކުރައްވަން ޖެހިވަޑައިގަންނަވާ ކޮންމެ ދަނޑިވަޅެއްގައި ވެސް ދިވެހިބަހުން މުއާމަލާތުކުރެއްވުމަށް އަޒުމުކަނޑައަޅުއްވަމާ ހިންގަވާށެވެ." ޑރ. އަޝްރަފް ވިދާޅުވެފަވެއެވެ.
ދިވެހި ބަހުގެ އެކަޑަމީގެ ރައީސް ވަނީ، ރަސްމީ ހައިސިއްޔަތުންނާއި ނުރަސްމީ ހައިސިއްޔަތުގައި ވެސް ދިވެހިބަހުން މުއާމަލާތުކުރަން އެދިވަޑައިގަންނަވާފައެވެ. އަދި ބާއްވަވާ ޖަލްސާތަކާއި ލިޔުއްވާ ލިޔުއްވުންތަކުގައި ވެސް އަމަލީ ގޮތުން މިކަން ސާބިތުކޮށް ދިނުމަށް އެދިވަޑައިގެންފައި ވެއެވެ.
މި އަހަރުގެ ދިވެހިބަހުގެ ދުވަހަށް ދިވެހިބަހުގެ އެކެޑަމީން ކަނޑައަޅައިފައިވާ ޝިޢާރަކީ "ދިވެހިން ދިވެހިންނަށް ވީ ދިވެހިބަހުން ވާހަކަދައްކާތީއެވެ." މިއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!