ރައްޔިތުންގެ މަޖިލީހުގެ މިއަދުދުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން މަކުނުދޫ ދާއިރާގެ މެމްބަރު މުޙައްމަދު ރާއީ ވަނީ އަދާލަތު ޕާޓީން މަކުނުދޫ ދާއިރާ އަދި ވައިކަރަދޫ ދާއިރާގެ ތަރައްޤީއަށް ހުރަސް އަޅާ ކަމުގެ ތުހުމަތު ކުރައްވައިފައެވެ.
މިއަދުގެ މަޖިލިސް ތަޅުމުގައި ވާހަކަފުޅު ދައްކަވަމުން ރާއީ ވިދާޅުވީ މަކުނުދޫ ދާއިރާގެ ގޮނޑި ވަދެފަ އާޔަތެއް ކިޔާފަ، ނިންމާފަ އާޔަތެއް ކިޔާފަދާ ޕާޓީގެ މެމްބަރަކަށް ލިބިގެނެއް ދާއިރާ ކުރިއެއް ނާރާނެކަމަށެވެ. ރާއީ ދެން ވިދާޅުވީ
އަޅުގަނޑު ހަރުއަޑުން ކުއްވެރިކުރަން އަދާލަތު ޕާޓީން އަޅުގަނޑުމެންގެ ދާއިރާ އާއި ވައިކަރަދޫ ދާއިރާގެ ތަރައްޤީއަށް ހުރަސް އަޅަން އުޅޭތީވެ އެކަންތައް - މަކުނުދޫ ދާއިރާގެ މެމްބަރު މުޙައްމަދު ރާއީ
ރާއީ އިތުރަށް ވިދާޅުވީ މަކުނުދޫ ދާއިރާ ދުވަހަކުވެސް ނުދެކޭ ފަދަ ތަރައްޤީއެއް ރައީސް ސޯލިހުގެ 5 އަހަރު ދުވަސް ތެރޭގައި، ދާއިރާއަށް ގެނަސްދޭނެ ކަމަށް ކެމްޕއެިން ތެރޭގައި ވާނީ ބުނެފައިކަމަށާއި އެބަދަލު ގެންނާނެކަމަށެވެ.
ކުމުންދޫގައި ގޯތި ދޫނުކުރާތާ 12 އަހަރު ވެއްޖެކަމަށާއި ކުމުންދޫ ކައުންސިލުން މިދިޔަ 12 އަހަރު ތެރޭގައި އެދުނީ 150 ގޯއްޗަށް ކަމަށާއި ހުއްދަ ދިނީ 20 ގޯއްޗަށް ކަމަށްވެސް ރާއީ ވިދާޅުވިއެވެ. އަދި މަކުނުދޫގައި ގޯތި ދޫކުރާނެ ޖާގަވެސް މިހާރު ނެތްކަމަށާއި އެރަށުގެ ބިން ހިއްކަންޖެހިފައި ވާކަމަށްވެސް ރާއީ ވިދާޅުވިއެވެ.
އަނެއްކާވެސް ރާއީ ވަނީ މަޖިލިސް އައިސް އާޔަތް ކިޔާފަ ދިޔަޔަސް ތަރައްޤީއެއް ނާންނެކަމަށް ތަކުރާރު ކުރައްވާފައެވެ. އަދި އަދާލަތު ޕާޓީގެ ގޮނޑިއެއް މަޖިލީހުގަ ނެތަސް މަކުނުދޫ ދާއިރާ މި 5 އަހަރުތެރޭ ބޮޑު ތަނުން ތަރައްޤީވެގެން ދާނެކަމަށްވެސް ރާއީ ވަނީ ވިދާޅުވެފައެވެ.
މިދިޔަ ދައުރުގައި މަކުނުދޫ ދާއިރާގެ ގޮނޑި ފުރުއްވީ އަދާލަތު ޕާޓީގެ ޓިކެޓުގައި މިފަހަރުވެސް މަޖިލިސް އިންތިޚާބުގައި ވާދަކުރެއްވި އަނާރާ ނަޢީމް އެވެ. ނަމަވެސް އަނާރާއާއު ވާދަކޮށް ރާއީ ވަނީ މިފަހަރު ގޮނޑި ކާމިޔާބު ކުރައްވާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!