މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ)ގެ ޗެއާޕާސަން އިންތިހާބަށް ތައްޔާރުވުމަށް ކުރިއަށްދާ ކެމްޕޭން ހުތުރުވީ، ރައްޔިތުންގެ މަޖިލިސް ތެރޭ ޕާޓީގެ މެންބަރުންނާ ދިމާއަށް "މެއްސޭ މާބުރޭ" ގޮވުމުން ކަމަށް މަކުނުދޫ ދާއިރާގެ މެންބަރު މުޙައްމަދު ރާޢީ ވިދާޅުވެއްޖެއެވެ.
މެންބަރު ރާޢީ މިހެން ވިދާޅުވީ ރޭ ކުރިއަށް ދިޔަ އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުންނެވެ.
އަންނަ އޭޕްރިލް މަހުގެ 16 ވަނަ ދުވަހު ބާއްވަން ކުރިން ނިންމާފައިވާ އެމްޑީޕީގެ ޗެއާޕާސަންގެ އިންތިޚާބު ފަސްކުރަން ފެނޭތޯ ބަލަން ރޭ ބޭއްވި ބައްދަލުވުން ވަނީ ވަރަށް ބޮޑަށް ހޫނުވެ، ވަރަށް ފޯރިއާއިއެކު މެންބަރުން ބަހުސް ކުރަށްވާފައެވެ.
އެ ބަހުސްގައި ބައިވެރިވެ ވާހަކަ ދައްކަމުން ރާޢީ ވިދާޅުވީ، ޗެއާޕާސަން ހޮވުމަށް ތާއީދު ހޯދަން ކުރިއަށްދާ ކެމްޕޭން ދެން ރީތި ނުވާނެ ކަމަށެވެ.
"މި ކެމްޕޭން ހުތުރުވި ހިސާބަކީ ރައްޔިތުންގެ މަޖިލިސްތެރޭގައި ދެއްކެވުނު ވާހަކަ، އަޅުގަނޑު ދާއިރާއިން މީހުން ގުޅި، އެމްޑީޕީގެ މެންބަރުން ގުޅި، އަޅުގަނޑު މީ 65 މެންބަރުން ތެރެއިން އެންމެ އުނދަގުލުން މަޖިލިސްތެރެއަށް ވަދެއިން މެންބަރު، އަޅުގަނޑު ހިތްހަމަނުޖެހޭ އަޅުގަނޑު ދާއިރާގެ މެންބަރުންނާއި ދިމާއަށް މެއްސޭ މާބޫރޭ މިއެއްޗެހި ކީމަ، އެހިސާބުން އޭތި ހަޑިވީ،" ރާޢީ ވިދާޅުވިއެވެ.
ރާޢީ ވިދާޅުވީ އެމްޑީޕީ މެންބަރުން ވޯޓުން ވައްކަންކުރާ ކަމަށް ބުނެ ގައުމީ މަޖިލިސް ބައްދަލުވުމުގައި ވަރަށް ހުތުރު ވާހަކަ ދައްކާފައިވާ ކަމަށެވެ. އެހެންނަމަވެސް އެއީ ދޮގެއްކަމަށް ރާޢީ ވިދާޅުވިއެވެ.
"މިތާނގައި ވަރަށް ހުތުރު ވާހަކަ ދައްކައިފި، އަޅުގަނޑުމެން މެންބަރުން ވޯޓުން ވައްކަން ކުރާ ވާހަކަ، އަޅުގަނޑުގެ ދާއިރާގެ އެއްވެސް މެންބަރަކު ވޯޓަކުން ވައްކަމެއް ނުކުރާނެ، އެމްޑީޕީގެ މެންބަރުން ވޯޓުން ވައްކަމެއް ނުކުރާނެ،" ރާޢީ ވިދާޅުވިއެވެ.
އޭނާ ތަކުރާރުކޮށް ވިދާޅުވީ، "އަޅުގަނޑުމެންގެ މީހުން އެ ވާހަކަ ދައްކާކަމަށް ވާނަމަ ދެން މި ކެމްޕޭން ރީއްޗެއް ނުވާނެ" ކަމަށެވެ.
މިދިޔަ ފެބްރުއަރީ މަހުގެ 10 ވަނަ ދުވަހުގެ ރޭ އޮތް އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމުގައ،ި އަންނަ އޭޕްރިލް މަހުގެ 16 ވަނަ ދުވަހު އެ ޕާޓީގެ ޗެއާޕާސަން ހޮވާ އިންތިޚާބު ބާއްވަން ކުރިން ނިންމާފައި ވީނަމަވެސް، ރޭގެ ބައްދަލުވުމުގައި ވަނީ އެ އިންތިޚާބު ފަސްކުރަން ފާސްކޮށްފައެވެ.
އެގޮތަށް ނިންމީ އޭޕްރިލް މަހުގެ 16 ވަނަ ދުވަސް ރޯދަމަހާއި ދިމާވާތީއެވެ. އެހެންކަމުން ރޭ އޮތް އެ ޕާޓީގެ ގައުމީ މަޖިލީހުގެ އަޣުލަބިއްޔަތުން ވަނީ އެ އިންތިޚާބު ބާއްވާ ތާރީޚް މެއި 14 އަށް ފަސްކުރަން ފާސްކޮށްފައެވެ. އެގޮތަށް ފާސްކުރުމަށް 100 މެންބަރުން ވޯޓުދެއްވިއިރު، 15 މެންބަރަކު އެ ހުށަހެޅުން ފާސްކުރަން ވޯޓު ނުދެއްވައެވެ. ރޭގެ ބައްދަލުވުމުގައި 115 މެންބަރަކު ބައިވެރިވިއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!