ރާއްޖެއާއި ސްރީލަންކާއިން ފެންނަ މަހެއް ކަމަށްވާ ރޯސް ވެއިލްޑް ފެއާރީ ރާސް (wrasse fairy veiled-Rose) އަށް ފިނިފެންމަލަށް ނިސްބަތްކޮށް ނަން ކިޔައިފިއެވެ. މިމަހުގެ ސައިންޓިފިކް ނަން ދެވިފައިވަނީ ރާއްޖޭގެ ގައުމީ މަލަށް ނިސްބަތްކޮށް ކިރިލެބްރަސް ފިނިފެންމާ (finifenmaa Cirrhilabrus) މިހެނެވެ.
މިމަހާއި ގުޅޭގޮތުން މައުލޫމާތު ހިއްސާކުރައްވަމުން ފިޝަރީޒް މިނިސްޓްރީއިން ވިދާޅުވީ މިމަސް ފެންނަނީ ފަރުތަކުގެ 70-40 މީޓަރު އަޑިން ކަމަށެވެ. މިމަހަކީ ދިރޭ ކުދިމަސް އެކްސްޕޯޓް ވިޔަފާރީގައި މިހާރވެސް ބޭނުންކުރަމުންދާ މަހެކެވެ.
މިމަހަށް ކުރިން ކިޔާފައިވަނީ ޗާގޯސް ސަރަހައްދުން ފެންނަ މަހެއް ކަމަށްވާ ފެންނަމުންދާ (rubrisquamis ،Cirrhilabrus) މި ނަމެވެ. ނަމަވެސް ކެލިފޯނިއާ އެކަޑެމީ އޮފް ސައިންސަސް ގެ "ހޯޕް ފޮރ ރީފްސް އިނިޝިއަޓިވް" ގެ ދަށުން އެ އެކަޑެމީ އާއި، ޔުނިވަރސިޓީ އޮފް ސިޑްނީއާއި، އޮސްޓްރޭލިއަން މިއުޒިއަމް ރިސާރޗް އިންސްޓިޓިއުޓާއި، ފީލްޑް މިއުޒިއަމް އޮފް ނެޗުރަލް ހިސްޓޮރީއާއި އަދި މޯލްޑިވްސް މެރިން ރިސާރޗް އިންސްޓިޓިއުޓް ގުޅިގެން ވަރަށް ފަހުން ކުރެވުނު ދިރާސާ އަކުން ދައްކާފައިވާ ގޮތުގައި މިމަހާއި ޗާގޯސް އިން ފެންނަ މަހާއި މުޅިން ތަފާތެވެ.
މިމަހަށް ފިނިފެންމާގެ ނަމުން ނަން ދެވުމާއިއެކު ދިވެހި ބަސްބަހާ ގުޅުވައިގެން ސައިންޓިފިކް ނަން ދެވިފައިވާ މަދު މަސްމަހާމެހީގެ ލިސްޓުގައި ކިރިލެބްރަސް ފިނިފެންމާ ވެސް މިހާރު ވަނީ ހިމެނިފައެވެ.
ފިޝަރީޒް މިނިސްޓްރީއިން މައުލޫމާތު ދީފައިވާ ގޮތުގައި މިމަހުގެ އިތުރުން "ހޯޕް ފޯރ ރީފްސް އިނީޝިއެޓިވް" ގެ ދަށުން ކެލިފޯނިއާ އެކެޑެމީ އޮފް ސައިންސަސް އާއި ގުޅިގެން އެމް.އެމް.އާރ.އައި އިން މި އަހަރު ކުރެވިފައިވާ މަސައްކަތްތަކުން، ދުނިޔޭގައިވެސް މުޅިން އަލަށް ފެނިފައިވާކަމަށް ބެލެވޭ 8 ބާވަތެއްގެ މަހުގެ ސާމްޕަލް ވަނީ ނަގާފައެވެ.
އެގޮތުން މިޕްރޮގްރާމްގެ ދަށުން ރާއްޖޭގެ ސަރަހައްދުން ހޯދޭ އެހެން މަސްމަހަށް ނަން ދިނުމުގައި ދިވެހި ބަހަށް ނިސްބަތްވާ ނަމެއް ކިއުމަށް ހަމަޖެހިފައިވާ ކަމަށް އެމިނިސްޓަރީއިން ވިދާޅުވެފައި ވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!