އޭސިއާ ސަރަހައްދުން 5 ވަނައަށް އެންމެ އިންޓަނެޓު އަގުބޮޑު ގައުމު

4FDF5405-0792-42BE-9E5A-0B932C31A63D

އިންޓަނެޓަކީ އަދުގެ ދުނިޔޭގައި އެޔާ ނުލާ ނޫޅެވޭނެ އެއްޗެކޭ ބުނެވިދާނެއެވެ. އަބަދުމެ އޭގެ ބޭނުން އަޅުގަނޑުމެން އެންމެން ކުރާ އެއްޗެކެވެ. އެންމެ ކުރުކޮށް ބުނަނީނަމަ އިންޓަނެޓަކީ އެއާއި ނުލާ މިއަދު ކޮފީ މޭޒެއްވެސް ފުރިހަމަ ނުވާނެ އެއްޗެކޭ ބުނެވިދާނެއެވެ.

މި ޖަޒީރާ ދިވެހިރާއްޖެއަށް އިންޓަނެޓަކީ މުހިންމު އެއްޗެއްކަން ހާމަވާ އެއް ސަބަބަކީ ރާއްޖެއަކީ ނިސްބަތުން އިންޓަނެޓުގެ ބޭނުންކުރާ ފަރާތްތައް ގިނަ ގައުމަކަށްވެފައި، އަދުގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސޯލިހްގެ ރިޔާސީ ވައުދުތަކުގެ ތެރޭގައިވެސް އިންޓަނެޓު އަގު ހެޔޮކުރުން ހިމަނާފައިވާތީއެވެ.

މީސް މީޑިއާގައި އިންޓަނެޓުގެ އަގުހެޔޮކުރުމަށް ދިވެހި ގިނަ ޒުވާނުން ދަނީ މިހާރުވެސް ކެނޑިނޭޅި އަޑު އުފުލަމުންނެވެ. މޮބައިލް ޑާޓާއަކީ ދިވެހިންނަށް ވަރަށް މުހިންމު، ވަރަށް ގިނައިން ބޭނުންކުރާ ވަސީލަތެކެވެ. ނަމަވެސް ހިތާމައަކީ ދިވެހިރާއްޖޭގައި މި ހިދުމަތުގެ އަގު އެހާމެ ބޮޑުކަމެވެ. މި ސަރަހައްދުންވެސް މޮބައިލް ޑާޓާ އެންމެ އަގުބޮޑު ގައުމުތަކުގެ ލިސްޓުގައި ރާއްޖެ ހިމެނެއެވެ.

އޭސިއާ ސަރަހައްދުން 5 ވަނައަށް އެންމެ އިންޓަނެޓު އަގުބޮޑު ގައުމު

އޭސިއާގެ 27 ގައުމެއް ހިމަނައިގެން 2018 ވަނަ އަހަރުގެ ނޮވެމްބަރ މަހު އިނގިރޭސި ވިލާތުގެ ކުންފުންޏެއްކަމަށްވާ ކޭބްލް އިން ހެދި ސާވޭއަކުން ދައްކާގޮތުގައި މުޅި އޭސިއާއިންވެސް މޮބައިލް ޑާޓާ އެންމެ އަގުބޮޑު 5 ގައުމުގެ ތެރޭގައި ރާއްޖެ ހިމެނެއެވެ.

މޮބައިލް ޑާޓާ އެންމެ އަގުބޮޑު ލިސްޓުގެ 1 ވަނައިގައި ސައުތު ކޮރެއާ އޮތީ އެވަރެޖުކޮށް ޖީބީއަކަށް 15.12 ޑޮލަރު (233.15 ރުފިޔާ) އާއިއެކުއެވެ. ޖީބީއަކަށް 9.89 ޑޮލަރު (152.50 ރުފިޔާ) ހަރަދު ކުރަންޖެހޭ ޗައިނާ 2 ވަނައިގައި އޮތް އިރު 3 ވަނައިގައި ތައިވާން އޮތީ ޖީބީ އަކަށް 9.49 ޑޮލަރު (146.33 ރުފިޔާ) ހަރަދުކުރަން ޖެހޭކަމަށެވެ. 4 ވަނައިގައި އޮތީ ޖީބީއަކަށް 8.34 ޑޮލަރު (128.60 ރުފިޔާ) ހަރަދު ކުރަން ޖެހޭ ޖަޕާނެވެ. އޭސިއާ ސަރަހައްދުން އިންޓަނެޓު އެންމެ އަގުބޮޑު ގައުމުތަކުގެ ލިސްޓުން 5 ވަނައިގައި މިއޮތީ މި ކުޑަ ޖަޒީރާ ދިވެހިރާއްޖެއެވެ. ރާއްޖޭގައި ޖީބީއަކަށް އެވަރެޖުކޮށް 5.27 ޑޮލަރު (81.26 ރުފިޔާ) ހަރަދުކުރަން ޖެހޭކަމަށް މިސާވޭއިން ދައްކައެވެ.

ރާއްޖެ މިއޮތީ މި ސާވޭގައި ހިމެނޭ އިންޓަނެޓު އެންމެ އަގުހެޔޮ ގައުމުތަކުގެ ތެރެއިން 116 ވަނައިގައެވެ. އޭސިއާ ސަރަހައްދުން މޮބައިލް ޑާޓާ އެންމެ އަގުހެޔޮ ގައުމަކީ އަވައްޓެރި އިންޑިއާއެވެ. އެގައުމުގައި ޖީބީއަކަށް ހަރަދު ކުރަންޖެހެނީ 26 ސެންޓް (4 ރުފިޔާ) އެވެ. އިންޑިއާ އަކީ ދުނިޔެއިންވެސް އެންމެ މޮބައިލް ޑާޓާ އަގުހެޔޮ ކަމަށް ދައްކާ ގައުމެވެ. އޭސިއާ ސަރަހައްދުން 2 ވަނައިގައި މިއޮތީ ރާއްޖެއާއި އެންމެ ކައިރާގައި މިއޮތް އަވައްޓެރި ސްރީލަންކާއެވެ. އެގައުމުގައި ޖީބީ އަކަށް ހަރަދު ކުރަން ޖެހެނީ 78 ސެންޓް (12 ރުފިޔާ) އެވެ. ސްރީލަންކާ އޮތީ މުޅި ދުނިޔެއިން 7 ވަނައަށް މޮބައިލް ޑާޓާ އެންމެ އަގުހެޔު ގައުމުގެ ގޮތުގައެވެ.

ދިވެހި ސަރުކާރުގެ އަމާޒު

ކުރިންވެސް ދެންނެވިފަދައިން ރައީސް ސޯލިހް ވެރިކަމަށް އައީ އިންޓަނެޓުގެ އަގުހެޔޮ ކުރާނެކަމަށް ވައުދުވެފައެވެ. މިނިސްޓަރ އޮފް ކޮމިއުނިކޭޝަން، ސައިންސް އެންޑް ޓެކްނޮލޮޖީ މުޙައްމަދު މަލީހް ޖަމާލް ވަނީ އިންޓަނެޓު އަގުހެޔޮ ކުރުމާއި ގުޅޭ ގޮތުން ތަފާތު އެކި ވާހަކަތައް އެކިފަހަރުމަތިން ދައްކަވާފައެވެ.

އެންމެފަހުން 2019 އޮކްޓޯބަރ 3 ވަނަ ދުވަހު މަލީޙް ވިދާޅުވީ އިންޓަނެޓްގެ ޚިދުމަތުގެ އަގުހެޔޮ ކުރުމަށް ކޮމިއުނިކޭޝަން، ސައިންސް އެންޑް ޓެކްނޮލޮޖީ މިނިސްޓްރީން ކުރަން ޖެހޭ ހުރިހާ ކަމެއް ނިންމާފައިވާ ކަމަށާއި ފަހުގެ ނިންމުން ނިންމުމުގެ ހުރިހާ ބާރެއް އޮތީ ރައީސް އޮފީހުގައި ކަމަށެވެ. ކުރިއަށް އޮތް ފަސް އަހަރަށް ސަރުކާރުން ކަނޑައަޅައި މި އޮކްޓޯބަރ މަހު އިއުލާން ކުރި ސްރެޓެޖިކް އެކްޝަން ޕްލޭންގައިވާ ގޮތުން، އިންޓަނެޓުގެ ޚިދުމަތާ ގުޅޭ ގިނަ މަސައްކަތްތައް ރާވާފައި ވަނީ 2020 ވަނަ އަހަރާއި 2021 ވަނަ އަހަރަށެވެ.

"ޓެކްސީގެ އަގު ދައްކުރެވިއްޖެ. ވުމާއެކު، ތަނުގެ ކުއްޔާއި އިންޓަނެޓު ބިލްގެ އަގު ހެޔޮނުކުރެވެންވީ ސަބަބެއް ނެތް. އެއީ ޓެކްސީއެކޭ އެއްފަދައިން، ކުއްޔާއި އިންޓަނެޓަކީވެސް އަސާސީ ޙައްޤުތަކެއް ކަމުގައި ވާތީ!" މިއީ ދިވެހި ޒުވާނަކު މީސް މީޑިއާގައި ކޮށްފައިވާ ޕޯސްޓެކެވެ. ދިވެހި ހުރިހާ ޒުވާނުންގެވެސް އުއްމީދަކަށްވާނީ ވީއެންމެ އަވަހަކަށް އެންމެ އަގުހެޔޮކޮށް އިންޓަނެޓުގެ ހިދުމަތް ލިބުމެވެ. އިންޓަނެޓު އަގުހެޔޮ ކުރުން ލަސްވުމުގެ އިތުރަށް އިންޓަނެޓު ސްލޯ ވުމަކީވެސް ދިވެހި ޒުވާނުންގެ ވަރަށް ބޮޑު ކަންބޮޑުވުމެކެވެ. ޒުވާނުން އުއްމީދުކުރަމުން ދަނީ ރައީސް ސޯލިހުގެ ވައުދު ފުދިގެންދާއިރު އިންޓަނެޓުގެ އަގަށް ހެޔޮ ބަދަލެއް އައުމެވެ.

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *