އަދިވެސް ބޭންކުގެ ޚިދުމަތް ލިބެނީ މަދު އަތޮޅުތަކަކުންކަމަށާއި، އެގޮތުން ލިބޭ ޚިދުމަތުގައި ވެސް ހިމެނެނީ ބައެއް ޚިދުމަތްތައް އެކަނިކަމަށް ހޯރަފުށީ ދާއިރާގެ މެންބަރު އަޙްމަދު ސަލީމް (ސައްލެ) ވިދާޅުވެއްޖެއެވެ.

ސައްލެ މިހެން ވިދާޅުވީ، ސަރުކާރުގެ ފަރާތުން މިލަންދޫ ދާއިރާގެ މެންބަރު ޢަލީ ރިޟާ ހުށަހަޅުއްވާފައިވާ ކުދި އަދި މެދު ފަންތީގެ ޤާނޫނަށް އިޞްލާޙް ގެނައުމުގެ ބިލުގެ ބަހުސްގައި ވާހަކަ ދައްކަވަމުންނެވެ.

Ad
rt

މިބަހުސް ގައި ވާހަކަ ދައްކަވަމުން ސައްލެ ވިދާޅުވީ، ރާއްޖޭގެ އަތޮޅުތަކުގައި ހިންގާ ވިޔަފާރިތަކުގެ %80އަކީ އެސް.އެމް.އީ ކެޓަގަރީގެ ކުންފުނިތައް ކަމަށާއި އެހެންކަމުން ބޭންކުތަކުން އެފަރާތްތަކަށް ފަސޭހަ ލުއި ގޮތްތަކެއް އެބަ ގެންނަންޖެހޭކަމަށެވެ.

ބޭންކުން ލޯނު ހޯދުމަކީ ހަމަ ޙަޤީޤަތުގައި ވެސް ދަތިކަމެއްކަމަށާއި ކުދި ކުންފުނިތަކަށް މިކަން ކުރުމަކީ ވަރަށް ބޮޑު މައްސަލައެއްކަމަށް ވިދާޅުވިއެވެ.

"ކުދި ވިޔަފާރިތަކަށް ލޯނު ހޯދުމަކީ ހަމަ ޙަޤީޤަތުގައި ވެސް ވަރަށް އުނދަގޫ، ތަކުލީފު އުފުލަންޖެހޭ ކަމެއްގެ ގޮތުގައި އޮތީ. ވަކިން ޚާއްޞަކޮށް އަތޮޅުތަކުގައި މަސައްކަތްކުރާ ފަރާތްތަކަށް މީގެ ދަތިކަން ބޮޑުކަން ފާހަގަކުރެވޭ. އެހެންވުމުގެ ސަބަބުން، ލޯނު ހޯދުމުގައި އަދި މާލީ އެހީ ބޭންކުތަކުން ހޯދުމުގައި ވަރަށް ބޮޑެތި ދަތިތައް އެބަ ހުރި."

ސައްލެ ވިދާޅުވެފައިވެއެވެ.

މިހާހިސާބަށް ދިވެހިރާއްޖެ އައުމާ އެކުގައި ވިސްނަންޖެހޭ އެހެން ކަންތައްތައް އެބަ ހުރިކަމަށާއި ލޯނު ހޯދުމުގައި ބޭންކު ނޫން ގޮތްތަކެއް ހޯދަން ވެއްޖެ ކަމަށް ސައްލެ ވިދާޅުވި އެވެ. ދުނިޔޭގެ ޤައުމުތަކުގައި މިހާރު ޢަމަލުކުރަމުންދަނީ ތަފާތު އެކިއެކި އިނޮވޭޓިވް ގޮތްތަކުން ފައިނޭންސިން ހޯދޭނެ މަގުތައް ތަނަވަސްކޮށްދިނުމަށްކަމަށާއި އަމިއްލަ ވިޔަފާރިތަކުން ލޯނުދޫކުރެވޭނެ ގޮތްތައް، އަމިއްލަ ފަރުދުންނަށް ލޯނުދޫކުރެވޭނެ ގޮތްތައް، އަދި އިންޓަރނެޓް މެދުވެރިކޮށް ދުނިޔޭގެ އެހެން ފަރާތްތަކުން ވެސް އަޅުގަނޑުމެންނަށް ފަސޭހައިން ލޯނު ހޯދޭނެ ގޮތްތައް ހޯދަން ޖެހޭކަމުގައި ވިދާޅުވި އެވެ.

"ގާނޫނެއްގެ ތެރެއިން، ގާނޫނުގެ އިމުގެ ތެރެއިން އަޅުގަނޑުމެންނަށް ފަހިވެއްޖެ ނަމަ، އަޅުގަނޑު ގަބޫލުކުރާ ގޮތުގައި މިހާރު މިހިރަ ދަތިތަކަށް ވަރަށް ބޮޑު ލުއިތަކެއް ލިބިގެންދާނެ. މި ކަންކަމަށް ގާނޫނަށް ހުށަހެޅުނު އިޞްލާޙަށް އަޅުގަނޑުމެން ބަހުސްކުރަމުންދާއިރު ވިސްނުމަކީ އަޅުގަނޑު ދެކޭގޮތުގައި ބޭނުންތެރި ކަމެއް."

ބަހުސް ނިންމަވާލައްވަމުން ސައްލެ ވިދާޅުވެފައިވެއެވެ.

މީގެ އިތުރުން ރަހުނުގެ ގޮތުގައި ބެހެއްޓަން ޖެހޭ ތަކެތީގެ ސަބަބުން ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ލޯނު ލިބުމުގައި ދަތިތައް ދިމާވާ ކަމަށެވެ. އެހެންކަމުން ގާނޫނަށް އިސްލާހު ގެނެސްގެން ވެސް ރަހުނުގެ ގޮތުގައި ބެހެއްޓޭނެ ތަކެއްޗަށް ލުއިތަކެއް ދޭން ޖެހޭ ކަމަށެވެ.

ކުދި އަދި މެދު ފަންތީގެ ވިޔަފާރީގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލުގެ ބޭނުމަކީ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް ހަރުދަނާކުރުމުގެ ގޮތުން އެފަދަ ވިޔަފާރިތައް ގިންތިކުރުމުގައި ރިއާޔަތްކުރާ މައުލޫމާތުތަކުގެ ތެރޭގައި މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހުން ބަލަހައްޓާ މައުލޫމާތުތައް ހިމެނުން ކަމަށް ބުނެފައި ވެއެވެ. އަދި އަލަށް ރަޖިސްޓްރީކުރާ ވިޔަފާރިތައް ރަޖިސްޓްރީކުރެވޭ ތާރިހުން ފެށިގެން ގިންތިކުރުމުގައި އަމަލުކުރާނެ އުސޫލުތައް ބަޔާންކުރުމެވެ.

މީގެ އިތުުރުން ވަޒީފާއާ ބެހޭ ގާނޫނުގެ ދަށުން އެންމެ ކުޑަމިނުން ދޭން ޖެހޭ އުޖޫރަ ކަނޑައެޅުމުގައި އެފަދަ ވިޔަފާރިތަކަށް ނިސްބަތްކޮށް ވަކިވަކި އަދަދުތައް ކަނޑައެޅިފައިވާތީ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް ގިންތިކުރުމުގައި ގާނޫނުގައި ބަޔާންކުރާ އުސޫލުތައް އިތުރަށް ހަރުދަނާ ކޮށް ފުރިހަމަކޮށް އެންމެ ކުޑަމިނުން ދޭން ޖެހޭ އުޖޫރައަށް އަމަަލުކުރަން ފަށާ ތާރީހާ ހަމައަށް ރާއްޖޭގައި ހަރަކާތްތެރިވާ ހުރިހާ ވިޔަފާރިތަކެއް ގިންތިކުރުމަށް މަގުފަހިކުރުމެވެ.