ސަރުކާރުން މަޖިލީހަށް ފޮނުވަން ނިންމާފައިވާ ބިލުތައް މަޖިލީހުގެ ކަމާ ބެހޭ ކޮމިޓީތަކުން ޑްރާފްޓް ކުރުމުގެ މަސައްކަތްތަކެއް ފަށާފައިވާކަމަށް އިއްޔެ އިއުލާންކުރެވިގެން ދިޔުމާއެކު ދެންއައީ ބަންޑަރަ ނައިބުގެ ނުސީދާ ނުރުހުމުގެ ޓުވީޓެކެވެ.
އެކަމާ ގުޅިގެން ބަންޑާރަ ނައިބު އިބްރާޙީމް ރިފްއަތު ކުރެއްވި ޓްވީޓުގައި ވިދާޅުވީ، މަޖިލީހަށް ސަރުކާރުން ހުށަހަޅާ ބިލްތަކަކީ ސަރުކާރުން ރައްޔިތުންނަށް ވެފައިވާ ވައުދުތައް ފުއްދުމަށްޓަކައި، ސަރުކާރުގެ މައިގަނޑު ސިޔާސަތުތަކާއި، ސިޔާސަތުތައް ތަންފީޛުކުރާނެ ހަމަތައް ބަޔާންކުރާ އެއް ވަސީލަތްކަމަށާއި، ނަޒާހަތްތެރި މަޖިލީހަކުން އެފުރުސަތު ރައްޔިތުންނަށް ފަހިކޮށްދޭންވާނެކަމަށެވެ.
މިމައްސަލާގައި ބަންޑާރަ ނައިބުގެ ކުރިން، މިސަރުކާރުގެ ޔޫތު މިނިސްޓަރ އަހުމަދު މަހުލޫފް ވެސްވަނީ ސަރުކާރުން ހުށަހަޅާ ބިލްތައް ޑްރާފްޓް ކުރާނީ ސަރުކާރުން ކަމަށާއި އެކަން ކުރަން ޖެހޭނީ އެޓާނީ ޖެނެރަލް ވިދާޅުވެ ޓުވީޓު ކުރައްވާފައެވެ.
ބަންޑާރަނައިބުގެ ނުސީދާ ނުރުހުމުގެ ބަސްއިއްވާފައި ވަނިކޮށް، ގާނޫނުތައް ހެދުމަށް ކުރަން ޖެހޭ އެންމެހާ މަސައްކަތެއް މަޖިލީހުގެ ތެރެއިން ކުރުމުގައި އެއްވެސް ހުރަހެއް ނެތް ކަމަށާއި އެއީ ގާނޫނު އަސާސީއިން މަޖިލީހަށް ލިބިދީފައިވާ ބާރެއް ކަމަށް ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވުން މިކަމުގައި އެމަނިކުފާނު ހުރީ ގޮތްދުކުރައްވަން ނޫންކަން ސާފުވެއެވެ.
ޤާނޫނުތައް ސަރުކާރުން ބޭނުންވާ ތަރުތީބުން ޑްރާފްޓްކޮށް ދަނީ މަޖިލިސްއަށް ފޮނުވަމުންނެވެ. ސަރުކާރުން ފޮނުއްވާފައިވާ ބިލުތައް އެކި މަރުހަލާތަކުގައި މަޖިލިސްގައި އެބަހުއްޓެވެ. ސަރުކާރުން ބިލު ނުފޮނުވައިގެން މަސައްކަތް ހުސްވީކީ ނޫނެވެ. ނަމަވެސް މަޖިލިސް ރައީސް ބޭނުންފުޅުވަނީ މަޖިލިސްއިން ބިލްތައް ޑަރާފްޓް ކުރުމުގެ މަސައްކަތް ކުރިއަށް ގެންދާށެވެ.
ބަންޑާރަ ނައިބު އިބްރާޙީމް ރިފްއަތު ވިދާޅުވާ ނަޒާހަތްތެރި މަޖިލީހުން މިކަމުގައި ސަރުކާރަށް ދޫނުދެނީ ކޮންކަމެއް ފޮރުވިފައި އޮތުމުން ބާވައެވެ؟ މިކަމުގައި އަދި ކުލަނުވާ ފޮޓޯއެއްވަނީ ކަމުގެ ބެލުމުގެ ޖާގަ އެބައޮތެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!