"އިންޑިއާ އައުޓް" ކެމްޕޭނު ހިންގަނީ އިދިކޮޅު ފަރާތްތަކުގެ ބޮލުގައި އެޅިފައި ހުރި އިލްޒާމްތަކުން ސަލާމަތް ނުވެވިގެންކަމަށް މަކުނުދޫ ދާއިރާގެ މެމްބަރު މުޙައްމަދު ރާއީ ވިދާޅުވެއްޖެއެވެ.
ރާއީ މިހެން ވިދާޅުވެފައި މިވަނީ ވީޓީވީން ގެނެސްދޭ "ގޮނޑި ކޮޅު" ޕްރޮގްރާމްގައި މި ހަފްތާގެ މެހްމާނެއްގެ ގޮތުގައި ބައިވެރިވެވަޑައިގެން ވާހަކަ ދައްކަވަމުންނެވެ.
އިދިކޮޅު ކޯލިޝަނުން އިސްވެ ހިންގަމުންދާ "އިންޑިއާ މިލިޓަރީ އައުޓް" ކެމްޕޭނަށް އިޝާރާތްކުރަށްވާ ރާޢީ ވިދާޅުވީ، ރައީސުލް ޖުމްޙޫރިއްޔާ އިބްރާޙީމް މުޙައްމަދު ޞާލިޙް ވެސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ވެސް ރާއްޖެއަށް ދެރަގޮތެއް ދިމާވެދާނެ ކަމެއް ނުކުރައްވާނެ ކަމަށެވެ.
މީގެއިތުރުން މި ސަރުކާޒުގެ ވަޒީރުންނާއި، އެމްޑީޕީ މަޖިލިސް މެންބަރުން ވެސް އެފަދަ ކަމެއް ނުކުރައްވާނެ ކަމަށް ވިދާޅުވިއެވެ.
"މިހާރު ފަށައިގެން މިއުޅެނީ ބަޔަކު މީހުން ވެރިކަމަށް އަންނަން، މި ނޫންކަންތައް ވެސް ކުރެވޭނެ، ރަނގަޅު ގޮތުގައި ކެމްޕޭނެއް ކޮށްލަންވީ ނޫންތޯ، ޕީޕީއެމްއާއި ޚާއްޞަކޮށް ރައީސް ޔާމީން ބޮލުގައި މި އެޅިފައި ހުރި އިލްޒާމްތަކުން ސަލާމަތްވެ އެ އަޑު ކަނޑުވާލަން އިންޑިއާ އުޓޭ ކިޔާފައި އަވަށްޓެރި އިންޑިއާއާއި ޖެހިގަނެގެން އުޅުމީ ދިވެހިރާއްޖޭގެ އެއްވެސް ރައްޔިތަކު އަދި ދުނިޔޭގެ ނަޒަރުން ބެލިއަސް އެއްވެސް ބަޔަކު ބަލައިގަންނާނެ ކަންތައްތަކެއްނޫން،" ރާޢީ ވިދާޅުވިއެވެ.
ރާޢީ ވިދުވީ، އެއީ "ވަރަށް ގޯސް ވަރަށް ނުލަފާ ވިސްނުމެއްގައި" ރައީސް ޔާމީން އިސްވެ ހުންނަވައިގެން ޕީޕީއެމުން ކުރަމުންދާ ކަމެއް ކަމަށެވެ.
އިދިކޮޅު ކޯލިޝަނުން އިސްވެ ހިންގާ މި ކެމްޕޭން މުޅި ރާއްޖެއަށް މިހާރު ވަނީ ފުޅާކޮށް، ދަތުރުތައް ވެސް ފަށާފައެވެ.
ވެރިކަން ކުރާ ކޯލިޝަންގައި ހިމެނޭ ތިން ޕާޓީއަކުން ވަނީ މިހާތަނަށް މި ކެމްޕެއިން ބަލައި ނުގަންނަ ކަމަށް ބުނެފައެވެ. އެއީ އެމްޑީޕީ، އޭޕީ އަދި ޖޭޕީ އެވެ.
މީގެއިތުރުން އެމްއެންޕީން ވެސް ވަނީ މި ކެމްޕެއިން ބަލައި ނުގަންނަ ކަމަށް ބުނެފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!