އެމީހާގެ ދީން ވިއްކާލާ މީހާ: ސިޙްރުގެ ތަޢާރަފާއި ތާރީޚް

Sihuru 1

އެޑިޓަރުގެ ނޯޓް: އިރުވަރު ބެލުމާއި ފާލުބެލުމާއި، ރަމަލުޖެހުމާއި، ޖާދޫ ގަރުންނާއި، ރަމަލުޖަހާ މީހުންނާއި، ކަހީނުންނާއި، ކުރާ އަނބުރާ މީހުންނާއި، ޖޯޑު ދުއްވާ މީހުންނާއި، އަތްބަލާ މީހުންގެ އެންމެހައި ކަންތައްތަކަކީ ހަމަ ސިޙުރު ހާހޫރަޔާއި އެއްފަދަ ބޮޑެތި ފާފަތަކެކެވެ.

ސިޙްރުވެރިންނަކީ އަދި ސިޙްރުވެރިންގެ ގާތަށްގޮސް އެމީހުންގެ ބަސް ޤަބޫލުކުރާ މީހުންނަކީ އީމާންކަމުގެ ދާއިރާއިން ބޭރުވެފައިވާ ބައެކެވެ. އެމީހުންނަކީ ﷲ ގެ ޙަޟްރަތުން ވާގި ހޯދުމުގެ ބަދަލުގައި އެހެން ފަރާތްތަކުން ވާގި ހޯދާ މީހުންނެވެ.

އެންމެ ޤަދީމީ ޒަމާނުއްސުރެ އިންސާނާއަށް ކުރިމަތިވެފައިވާ ބޮޑެތި ވަބާތަކުގެ ތެރޭގައި ސިޙުރު ހާހޫރަ ހިމެނެއެވެ. މިކުޑަކުޑަ މުޖުތަމަޢުގެ ތެރޭގައިވެސް މިވަބާ މިވަނީ އިންތިހާއަށް ބޮޑުވެފަ އެވެ. ސިޙްރުވެރިޔާއަކީ އިންސީންގެ ޝައިޠާނުންގެ ތެރޭގައި ހިމެނޭ ޝައިޠާނެއް ކަމަށާއި އޭނާގެ މަޤްސަދަކީ މަކަރާއި ހީލަތްހަދައި މީސްތަކުން ގިލަންވެރި ކުރުވުމާއި، މީސްތަކުންނަށް ގޯނާކުރުމާއި، އޮޅުވާލައިގެން ޢަޤީދާ ބަލިކަށި މީހުންގެ ސިކުނޑިތަކާއި ކުޅެގެން، އޭނާގެ ޖީބު ތަނަވަސްކުރުމެވެ.

މިފަދަ މީހުންގެ މަޅީގައި މިއަދު އެތައްބައެއް ޖެހިފައިވާއިރު މިފަދަ ކަންކަމަށް މީހުން ހޭލުންތެރިކޮށް ލޯހުޅުވުމަށް މިވަނީ ވަރަށް ބޭނުން ވެފައެވެ.

"އެމީހާގެ ދީން ވިއްކާލާ މީހާ" މިއީ މިދަފަ އެތަކެއް މަޢުލޫމާތު ހިމެނޭ ވަރަށް އަގުހުރި ފޮތެކެވެ. އަރަބި ބަހުން ލިޔެފައިވާ މިފޮތް ދިވެހި ބަހަށް ތަރުޖަމާ ކުރައްވާފައިވަނީ އުސްތާޛް އަބޫ އަބްދުﷲ ސަލްމާން ރަޝީދު އެވެ. ސިލްސިލާ ގޮތެއްގައި މިނޫހުގެ ކިއުންތެރިންނާއި ހަމައަށް މިފޮތުގެ ބައިތަށް ގެނެސްދިނުމަށް އުސްތާޛް އަބޫ އަބްދުﷲ ސަލްމާން ރަޝީދު، ރުހުން ދެއްވާފައިވާކަމީ މިނޫހުގެ ކިއުންތެރިންނާއި މެނޭޖްމަންޓްގެ ފަރާތުން ވަރަށް އުފާކުރާކަމެކެވެ. މިފަދަ އަގުހުރި އެތަކެއް މަސައްކަތްތަކެއް، އުސްތާޛް އަބޫ އަބްދުﷲ ސަލްމާން ރަޝީދުއަށް ކުރުމުގެ ތަޢުފީގު ދެއްވުން އެދި މާތް ﷲގެ ޙަޟްރަތުގައި ދުޢާ ދަންނަވަމެވެ.

މުތަރުޖިމުގެ މުޤައްދިމާ

ޢާލަމްތަކުގެ ރައްބު، ﷲ އަށް ޙަމްދު ހުއްޓެވެ. އަދި އަޅަމެންގެ ނަބިއްޔާ މުޙައްމަދު صلى الله عليه وسلم‘ އަށާއި އެނަބިއްޔާގެ އެންމެހާ އާލުންނާއި އަޞްޙާބުންނަށް ޞަލާވާތާއި ސަލާމް ލައްވާށިއެވެ. އެއަށްފަހު ދަންނަވަމެވެ.

ފަހެ، ސިޙްރަކީ މީހާގެ ދީންހަލާކު ކޮށްލާ ބޮޑުފާފައިގެ ތެރެއިން ހިމެނިގެންވާ ފާފައަކަށްވުމުގެ އިތުރުން މިކަމަކީ މުޖުތަމަޢު ހަލާކުކޮށް، ޢާއިލާތައް ބައާިބައިކޮށްލާ ކަމެކެވެ. ހަމައެއާއެކުވެސް ދިވެހި މިމުޖުތަމަޢުގައި މިނުރައްކާތެރި ވަބާ އިންތިހާއަށް ފެތުރެމުން ދާކަމީ ހިތާމަހުރިކަމެކެވެ.

އެހެންވުމުން " އެމީހާގެ ދީންވިއްކާލާ މީހާ" ގެ ނަން ދީފައިވާ މިފޮތް، ފަދަ ފޮތަކަށް ދިވެހި މުޖުތަމަޢު ބޭނުން ޖެހިފައިވާކަމުގެ އިޙްސާސް އަމިއްލަ ނަފްސަށް ކުރެވުނު ހިނދު، ﷲގެ ވާގިފުޅާއެކު މިފޮތް ދިވެހި ބަހަށް ތަރުޖަމާކުރުމަށް އަޒުމު ކަނޑައަޅައި އެކަމުގައި ކުރިއަށް ދިއުމަށް ނިންމީމެވެ.

އަޅަމެން ﷲގެ ޙަޟްރަތުން އެދެނީ، މިފޮތަކީ އެއިލާހުގެ އަޅުތަކުންނަށް މަންފާހުރި ފޮތެއްކަމުގައި ލައްވައި މިޢަމަލަކީ އެއިލާހުގެ ޙަޟްރަތުގައި ޤަބޫލުވެވިގެންވާ ޢަމަލެއްކަމުގައި ލެއްވުމަށެވެ. އަދި މިއަޅާއަށާއި މިފޮތުގެ މުއައްލިފަށާއި މިފޮތް ކިޔުންތެރިންނާ ހަމަޔަށް ފޯރުކޮށްދިނުމުގެ ސަބަބަކަށްވި އެންމެހާ ފަރާތްތަކަށް ހެޔޮޖަޒާ ދެއްވާށިއެވެ. އަދި ސިޙްރުވެރިންނާއި މުޝަޢްވިޛީންގެ ނުބައިކަމުން މުސްލިމުން ދުރުކުރައްވައި ސަލާމަތްކޮށްދެއްވާށިއެވެ.

އަދި ޢާލަމްތަކުގެ ވެރި ރައްބު، ﷲއަށް ޙަމްދު ހުއްޓެވެ. އަދި އަޅަމެންގެ ނަބިއްޔާ މުޙައްމަދު صلى الله عليه وسلم‘ އަށާއި އެނަބިއްޔާގެ އާލުންނާއި އެންމެހާ އަޞްޙާބުންނަށް ޞަލާވާތާއި ސަލާމް ލައްވާށިއެވެ.

ސަލްމާން ރަޝީދު
2020/08/22

މުވައްލިފުގެ މުޤައްދިމާ

ޢާލަމްތަކުގެ ރައްބު، ﷲ އަށް ޙަމްދު ހުއްޓެވެ. އަދި އަޅަމެންގެ ނަބިއްޔާ މުޙައްމަދު صلى الله عليه وسلم‘ އަށާއި އެނަބިއްޔާގެ އެންމެހާ އަޞްޙާބުންނަށް ޞަލާވާތާއި ސަލާމް ލައްވާށިއެވެ. އެއަށްފަހު ދަންނަވަމެވެ.

ފަހެ، ސިޙްރަކީ ދީން ހަލާކުކުރާ ( ބޮޑުފާފައިގެ ތެރެއިންވާ ) ކަމެކެވެ. އަދި މުޖުތަމަޢް ކުދިކުދި ކޮށްލާ ކައްޓިތަކުގެ ތެރެއިންވާ އެއްޗެކެވެ. އަދި ޢާއިލާތައް ބައިބައިކޮށްލާ އެއްޗެކެވެ. އަދި ބައެއްމީހުން އެބައިމީހުންގެ ރައްބާ ދުރުވުމުގެ ސަބަބުންނާއި އެބައިމީހުންނަށް ނުވަތަ އެހެންމީހުންނަށް ލިއުއްވާފައިވާ ކަންތައްތަކާމެދު ނުރުހުމާއި އެހެންމީހުންގެ މައްޗަށް އެބައިމީހުންގެ ހިތުގައިވާ ޙަސަދަވެރިކަން ބޮޑުވުމުގެ ސަބަބުން އެބައިމީހުން ހިތާމަހުރި މަގު އިޚްތިޔާރުކުރެއެވެ. ފަހެ، އެބައިމީހުންގެ ތެރެއަށް އެބައިމީހުންގެ ޢަޤީދާ ފަސާދަކުރާނޭ ސިޙްރުވެރިނާއި ކާހިނުންނާއި ޢައްރާފުން ނުކުތެވެ.

އަދި " އެމީހާގެ ދީންވިއްކާލާ މީހާ" ގެ ނަން ދީފައިވާ މިފޮތުގައި ސިޙްރުވެރިންނާއި ކާހިނުންނާއި އެބައިމީހުންގެ އެހީހޯދަން އެބައިމީހުންގެ ގާތަށްދާ މީހުންގެ ނުރައްކާތެރިކަން ބާޔާންވެފައިވާނެއެވެ. އަދި އެމީހާގެ އަޤީދާ ކިލަނބުކޮށް، އަނެކާއަށް ސިޙްރުޖެއްސުމަށްޓަކައި، ސިޙްރުހެދުމަށް، ސިޙްރުވެރީންގެ ގާތަށް ދާމީހާއަށް އިންޛާރު ދީފައިވާނެއެވެ. އަދި އަނިޔާލިބިފައިވާ، ސިޙްރުޖެހިފައިވާ މީހާގެ ހިތާމަތައް ފިލައިގެންދާނެ ކަންތައްތައް ބަޔާންކޮށްފައިވާނެއެވެ.

އަހަރެން ﷲގެ ޙަޟްރަތުން އެދެނީ މިފޮތުގެ ސަބަބުން މަންފާވެ، ސިޙްރުވެރިންނާއި މުޝަޢްވިޛީންގެ ނުބައިކަމުން މުސްލިމުން ދުރުކުރެއްވުމަށެވެ. އަދި އެބައިމީހުންގެ ޢަދާވާތްތެރިންގެ މަކަރުވެރިކަން އެބައިމީހުންގެ ( ޢަދާވާތްތެރިންގެ) ކަރަށް އަމާޒުވުމަށެވެ.

އަދި އަޅަމެންގެ ނަބިއްޔާ މުޙައްމަދު صلى الله عليه وسلم‘ އަށާއި އެނަބިއްޔާގެ އާލުންނާއި އެންމެހާ އަޞްޙާބުންނަށް ޞަލާވާތާއި ސަލާމް ލައްވާށިއެވެ.
د. عبدالمحسن بن محمد القاسم
إمام وخطيب المسجد النبوي الشريف
و القاضي بالمحكمة العامة بالمدينة المنورة

ސިޙްރުގެ ތަޢާރަފު

ބަހުގެ ގޮތުން ސިޙްރުގެ މާނައީ : އޭގެ ސަބަބު ފޮރުވި ވަންހަނާ ވެގެންވާ ޙަޤީޤަތް ނޭނގޭ ކޮންމެ އެއްޗެކެވެ. އަދި އިޞްޠިލާޙީގޮތުން ސިޙްރުގެ މާނަ : ފަހެ، ސިޙްރުގެ ވައްތަރުތައް ގިނަވެގެންވުމާއި އެކަންކުރާގޮތްތައް ތަފާތުވުމުގެ ސަބަބުން ފަހެ، އެހުރިހާ ގޮތްތަކަކާއި ވައްތަރުތައް އެކުވެގެންވާ އިޞްޠިލާޙީ މާނައެއް ނުވެއެވެ.

އަޟްވާއުލް ބަޔާންގައި ވިދާޅުވެފައިވެއެވެ. أضواء البيان (4/444): (( ތިބާ ދެނެގަތުން ހުއްޓެވެ. ހަމަކަށަވަރުން ސިޙްރުގެ އިޞްޠިލާޙީ މާނައިގެ ޙައްދު ކަނޑައަޅައި އޭގެތެރެއަށް ވަންނަ ކަންތައްތަކާއި ނުވަންނަ ކަންތައްތައް ކަނޑައެޅުމަކީ ކުރެވޭނޭ ކަމެއް ނޫނެވެ. އެއީ އޭގެ ވައްތަރުތައް ގިނަވެފައި ތަފާތުވުމުންނެވެ. އަދި އޭގައި ފުރިހަމަވާންޖެހޭ މިންވަރާއި އޭގެ އިމުން ބޭރުވާންޖެހޭ މިންވަރު ތަޙްޤީޤު ނުކުރެވޭނެއެވެ. އެހެންވެ ޢިލްމުވެރިންގެ ބަސްތައް އޭގެ ޙައްދު ކަނޑައެޅުމުގައި މާބޮޑަށް ތަފާތުވެގެން ވެއެވެ.))

އަދި ބުނާނަމަ ސިޙްރަކީ ދުންއެރުވުމަށް ބޭނުންކުރާ މީރުވަސްދުވާ ތަކެއްޗާއި ރޭވުންތެރި ގޮތްތަކަކަށް އެކުލަވާލާ އެކުލަވާލުންތަކަކާއި ގޮށްޖެހުމާއި އެތަކެތި ބޭނުންކޮށްގެ ޝައިޠާނާއާ ގާތްވުމަށްޓަކައި ﷲއަށް ކާފަރުވުމަށްފަހު ސިޙްރުވެރިޔާ ކުރާ ކަންތައް ތަކެކެވެ. ފަހެ، ސިޙްރު ވެރިޔާގެ މިޢަމަލުން ސިޙްރު ހެދޭމީހާއަށް ﷲގެ އިޛްނަ ފުޅާއެކު އަޘަރު ކުރުވައެވެ.

އިބުނުލް ޤައްޔިމް ވިދާޅުވެފައިވެއެވެ. زاد المعاد (4/125) (( ސިޙްރަކީ : އެއީ މުޑުދާރު ވެގެންވާ ރޫޙުތަކުން ކުރުވާ އަޘަރުތަކާއި އެއިން އުފެދޭ ޠަބީޢި ބާރުގައި ވަމުންދާ ކަންތައްތަކެވެ. ))

ސިޙްރުގެ ތާރީޚް

ﷲ ރަސޫލަކު ފޮނުއްވައި އެއިލާހު عزوجل އެއްކައުވަންތަކޮށް އަޅުކަން ކުރުމަށް އެބައިމީހުންނަށް ގޮވާލައްވައި އަދި އެބައިމީހުންނަށް ޝިރުކު ނަހީ ނުކުރައްވާ ޙާލުގައިވި އެއްވެސް އުންމަތެއް އުންމަތްތަކުގެ ތެރެއިން ނުވެއެވެ. ހުސްޠާހިރުވަންތަ ﷲ ވަޙީކުރެއްވިއެވެ. وَإِن مِّنْ أُمَّةٍ إِلَّا خَلَا فِيهَا نَذِيرٌ ‎﴿٢٤﴾ މާނައީ " އަދި އެއުންމަތަކަށް އިންޛާރު ކުރައްވާ ބޭކަލަކު، އިސްވެގޮސްފައި ނުވާ އެއްވެސް އުންމަތެއް ނުވެތެވެ."

އަދި ކޮންމެ އުންމަތަކަށް ރަސޫލަކު ފޮނުއްވުމުން އެރަސޫލުބޭކަލެއްގެ ޤަޥްމުގެމީސްތަކުން އެރަސޫލުބޭކަލަކަށް މަލާމާތް ރައްދުކުރެތެވެ. އަދި އެރަސޫލު ބޭކަލަކީ ސިޙްރުވެރިއެއް ކަމުގައި ބުނެތެވެ. މިކަމުން ދަލީލު ކުރަނީ އިންސާނުން ބިމުގައި ލައްވައި އެ ބިމުގައި އެބައިމީހުން އުޅެން ފެށުނު ދުވަހުން ފެށިގެން ހުރިހާ ޒަމާނެއްގައި ހުރިހާ ޤަރުނުތަކެއްގައި ހުރިހާ އުންމަތްތަކެއްގައި މީސްތަކުންނަށް ސިޙްރު އެނގިފައިވާ ކަމެވެ. ހުސްޠާހިރުވަންތަ ﷲ ވަޙީކުރެއްވިއެވެ. كَذَٰلِكَ مَا أَتَى الَّذِينَ مِن قَبْلِهِم مِّن رَّسُولٍ إِلَّا قَالُوا سَاحِرٌ أَوْ مَجْنُونٌ ‎﴿٥٢﴾ މާނައީ " އެފަދައިން އެއީ ސިޙްރުވެރިޔެކޭ، ނުވަތަ މޮޔައެކޭ އެއުރެން ނުބުނާ އެއްވެސް ރަސޫލަކު، އެއުރެންގެ ކުރީގެ މީހުންގެ ގާތަކަށްވެސް ވަޑައެއް ނުގަންނަވައެވެ."

އިބުނު ޙަޖަރު ވިދާޅުވެފައިވެއެވެ. فتح الباري ( 10/223) (( ނޫޙު عليه السلام ގެ ޒަމާނުގައި ސިޙްރު ވިއެވެ.

އެއީ ނޫޙް  عليه السلام ގެ ޤަޥްމުގެ މީސްތަކުންނާ ބެހޭގޮތުން ﷲ ، އަހަރެމެންނަށް ޚަބަރު ދެއްވި ހިނދުގައެވެ. ހަމަކަށަވަރުން އެރަސޫލާއަކީ ސިޙްރުވެރިއެއް ކަމުގައި އެބައިމީހުން ދަޢްވާކުރިއެވެ. އަދި އިބުން އިސްޙާޤާއި އެނޫން މީހުން ޛިކުރު ކޮށްފައިވާ ފަދައިން ހާރޫތާއި މާރޫތުގެ ވާހަކައަކީ ނޫޙް عليه السلام (ރަސޫލު ކަމާއިގެން ފޮނުއްވުމުގެ)  ކުރީގެވާހަކައެކެވެ.))

އަދި ސިޙްރު ބައެއް ޤަޥްމުތަކުގައި ފެތުރިގެން ދާއިރު އަނެއްބައި ޤަޥްމުތަކުގައި އެކަން ފާޅުވެ ފެތުރެމުންދާލެއް މަދެވެ. ފަހެ، މޫސާ  عليه السلام ގެ ޒަމާނުގައި ސިޙްރާއި ސިޙްރުވެރިން ޢާއްމުވެގެން ދިޔައެވެ. އަދި އެބައިމީހުން އެބައިމީހުންގެ ސިޙްރުން މޫސާ عليه السلام އާއި ހަނގުރާމަ ކުރިއެވެ. އިބުނު ޚަލްދޫން ވިދާޅުވެފައިވެއެވެ. مقدمة ابن خلدون ( ص: 927) (( މޫސާ عليه السلام ފޮނުއްވުނު ޒަމާނުގައި ބާބިލްއާއި މިޞްރުގައި ސިޙްރު ވަރަށް ގިނައެވެ.))

-ނުނިމޭ-

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

Share on facebook
Share on twitter
Share on linkedin
Share on telegram
Share on whatsapp
Share on email

ހިޔާލު ދެއްވާ!

Your email address will not be published.