ކުރިއަށް އޮތް ފަސް އަހަރުގެ ތަރައްޤީގެ މިޞްރާބު ހިމެނޭ ސަރުކާރުގެ ސްޓްރެޓީޖިކް އެކްޝަން ޕްލޭން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް މިރޭ އިފްތިތާޙު ކޮށްދެއްވައިފިއެވެ.
މި އެކްޝަން ޕްލޭން އިފްތިތާޙު ކޮށްފައިވަނީ އެކަމަށްޓަކައި މިރޭ ބެއްވި ރަސްމިއްޔާތެއްގައެވެ. މި ރަސްމިއްޔާތުގައި ރައީސް ޞާލިޙް ވިދާޅުވީ، މިއީ ސަރުކާރުގެ ވަޢުދުތައް ހާސިލުކުރާނެ ގޮތުގެ މަޝްވަރާ ހޯދައި، ވަގުތު ތާވަލު ހަދައި، ވިލަރެސްކޮށް، ކަރުދާހަށް ތިރިކޮށްފައިވާ، ކަންކުރާނެ ގޮތުގެ ސިޔާސަތު ކަމަށެވެ.
މި ޕްލޭނަކީ ސަރުކާރުގެ މެނިފެސްޓޯގައި ހިމެނޭ ވަޢުދުތަކާއި، އެކިއެކި ދާއިރާތަކުން މިހާރު ވެސް ކުރަމުންދާ މަސައްކަތްތަކުގެ މައްޗަށް ބިނާވެގެންވާ ޕްލޭނެކެވެ. މި ޕްލޭންގެ ދައުރަކީ ސަރުކާރުގެ ސިޔާސަތުތަކާއި ތަރައްޤީގައި އިސްކަންދޭ ކަންތައްތައް ކުރިއަށް އޮތް ފަސް އަހަރު ދުވަހުގެ ތެރޭގައި ތަންފީޒުކުރުމާއި، އޭގެ ނަތީޖާ ހާސިލުކުރެވޭ މިންވަރު ދެނެގަނެ، އެ މަސައްކަތްތައް ކުރިއަށްދާ މިންވަރު ބެލުމެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ މިފަދަ އެކްޝަން ޕްލޭނެއް އެކަށައެޅުމުގެ އެއް ބޭނުމަކީ، ވަޢުދުތައް ފުދެމުންދާ މިންވަރާ މެދު، ސަރުކާރު ޖަވާބުދާރީކުރުވުން ކަމަށެވެ. އަދި މި ޕްލޭންގެ ދަށުން ދައުލަތުގެ ވެރިން ޒިންމާދާރުކުރުމުގެ ފުރުޞަތު ރައްޔިތުންނަށް ލިބިގެންދާ ކަމަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!