ޖަޒީރާ ފުޓްބޯޅަ ޗެމްޕިއަންޝިޕް ކުޅޭ ފޯމެޓަށް ބޮޑެތި ބަދަލުތަކެއް ގެނެސްފިއެވެ.

ފުޓުބޯޅަ އެސޯސިއޭޝަނުން މިއަދު ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނި މިނިސްޓްރީ އޮފް ޔޫތް، ސްޕޯރޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް އާއި ފުޓްބޯޅަ އެސޯސިއޭޝަނާއި ދެމެދު ކުރެވުނު މަޝްވަރާއަށް ފަހު "ޖަޒީރާ ފުޓްބޯޅަ ޗެމްޕިއަންޝިޕް" ކުޅޭ ފޯމެޓަށް ބޮޑެތި ބަދަލުތަކެއް ގެނެވިފައި ވާނެ ކަމަށެވެ.

Ad
rt

ފުޓުބޯޅަ އެސޯސިއޭޝަނުން ބުނީ، މި ބަދަލުތަކަށް ފަހު "ޖަޒީރާ ފުޓްބޯޅަ ޗެމްޕިއަންޝިޕް 2020" އަށް ކޮލިފައިވުމަށް ކުޅެވޭ ރަށު މުބާރާތް ކުޅެވޭނީ ސްޕޯރޓްސް ކޮމިޝަންގައި ރަޖިސްޓްރީ ކުރެވިފައިވާ އެރަށެއްގެ ކްލަބް، ޖަމްއިއްޔާ ޖަމާޢަތް ތަކަށް ކަމަށެވެ. މި މުބާރާތް ރާވާ ހިންގާނީ އެ ރަށެއްގެ ރަށު ކައުންސިލުންނެވެ. އަދި ޖަޒީރާ ފުޓްބޯޅަ ޗެމްޕިއަންޝިޕް 2020 އަށް ކޮލިފައިވުމަށް ކުޅެވޭ ރަށު މުބާރާތަށްފަހު، ކޮންމެ ރަށެއްގެ ޗެމްޕިއަން ޓީމް ކޮލިފައިވާނީ ޖަޒީރާ ފުޓްބޯޅަ ޗެމްޕިއަން ޝިޕް 2020 ގެ ފުރަތަމަށް ބުރަށެވެ. ފުރަތަމަ ބުރު ކުޅެވޭނީ ހޯމް އެންޑް އަވޭ އުސޫލުންނެވެ. މިމުބާރާތް ރާވާ ހިންގާނީ ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް އިންނެވެ.

މި ގެނެވުނު ބަދަލުތަކަށް ފަހު ކޮލިފައިވުމަށް ކުޅެވޭ މުބާރާތުގައި ބައިވެރިވުމަށް ބޭނުންވާ ސްޕޯރޓްސް ކޮމިޝަންގައި ރަޖިސްޓްރީ ކޮށްފައިވާ އެރަށެއްގެ ކްލަބް ޖަމްޢިއްޔާ ޖަމާއަތްތަކުން، 15 އޮކްޓޯބަރ 2019 ވާ އަންގާރަ ދުވަހުގެ 15:00 ގެ ކުރިން ސިޓީއަކުން ބައިވެރިވުމަށް ވަނީ އެފްއޭއެމް އިން އެދިފައެވެ. އަދި މި ސިޓީ އާއި އެކު ސްޕޯރޓްސް ކޮމިޝަންގައި ރަޖިސްޓްރީ ވި ކަމުގެ ލިޔުންވެސް atolls@famaldives.com އަށް މެއިލް ކުރުމަށް އެފްއޭއެމުން ވަނީ އެދިފައެވެ.