ހަނިމާދޫ ސާއްބަ އެކުވެރި ކުލަބުން އިސްނަގައިގެން ހަނިމާދޫގައި ހޭންޑްބޯލް ކޭމްޕެއް ކުރިއަށް ގެންގޮސްފި އެވެ.

ހަނިމާދޫގައި ހޭންޑްބޯލް ކުޅޭ ކުޅުންތެރިން އިތުރުކޮށް އެ ކުޅިވަރު އެ ރަށުގައި ކުރިއެރުވުމުގެ މަޤުޞަދުގައި 30 ޖުލައި 2021 އިން 06 އޯގަސްޓް 2021 ގެ ނިޔަލަށް ކުރިއަށް ގެންދިޔަ މި ކޭމްޕް ވަނީ ފަސްދޮޅަހަށްވުރެ ގިނަ ބައިވެރިން ފުރިހަމަ ކޮށްފައެވެ.

Ad
rt

މި ކޭމްޕްގައި ވަނީ ހޭންޑްބޯޅައިގެ ޤަވައިދަށް ބައިވެރިން އަހުލުވެރި ކުރުވުމުގެ ގޮތުން ޤަވައިދު ކިޔައިދީ ދަސްކޮށްދިނުމުގެ ސެޝަންތަކެއް ކުރިއަށް ގެންގޮސްފައެވެ. އަދި މީގެއިތުރުން ހޭންޑްބޯޅައިގެ ހުނަރު އިތުރުކުރުމަށް މަސައްކަތްކުރާނެ ގޮތްތަކާއި އެ ޓްރޭނިންތައް ވެސް ވަނީ ކުރިއަށް ގެންގޮސްފައެވެ.

މި ކޭމްޕާއި ގުޅޭގޮތުން ސާއްބަ އެކުވެރި ކުލަބުގެ ފަރާތުން "ތިލަދުން" އާއި ވާހަކަ ދައްކަމުން އެ ކުލަބުގެ ހިންގާ ކޮމެޓީގެ މެމްބަރު ހަސަން ޒިޔާދު ބުނެފައިވަނީ ފުޓްބޯޅައާއި ވޮލީބޯޅައިގެ އިތުރުން ހޭންޑްބޯލްއަކީ މިހާރު މި އަތޮޅުތެރޭގައި ވެސް ފޯރީގައި ކުޅެމުން އަންނަ ކުޅިވަރަކަށް ވެފައި ހަނިމާދޫގައި މި ކުޅިވަރު ދިރުވައި އާލާކޮށް އަތޮޅު ފެންވަރުގައި ވާދަކުރެވޭ ފެންވަރުގެ ކުޅުންތެރިން އުފެއްދުމަކީ މި ކޭމްޕްގެ ވަރަށް ބޮޑު އަމާޒެއް ކަމަށެވެ.

ހަސަން އިތުރަށް ބުނެފައިވަނީ މިއީ ފެށުމެއް ކަމަށެވެ. ކުރިއަށް އޮތްތަނުގައި ބީޗް ހޭންޑްބޯލް ވެސް ރަށަށް ތަޢާރަފްކުރުމުގެ ގޮތުން ކޭމްޕެއް ކުރިއަށް ގެންދިއުމަށް މިހާރު ރާވަމުން އަންނަ ކަމަށެވެ.

ހަސަންވަނީ މި ކޭމްޕް ކުރިއަށް ގެންދިޔުމުގައި ހަނިމާދޫ ސްކޫލާއި، ހަނިމާދޫ ޔޫތު ސެންޓަރާއި ކޭމްޕްގެ ބައިވެރިންގެ ފަރާތުން ލިބުނު އެއްބާރުލުން ފާހަގަކޮށް ޝުކުރު އަދާކޮށްފައެވެ. އަދި މީގެއިތުރުން ކޭމްޕްގައި ކިޔަވައިދެއްވި 2 ޓްރެއިނަރުންނަށް ހަސަން ވަނީ ވަރަށް ހާއްސަ ޝުކުރެއް އަދާކޮށްފަ އެވެ.

2007 ވަނަ އަހަރުގެ ޑިސެމްބަރ މަހު ރަޖިސްޓަރީ ކުރެވުނު ސާއްބަ އެކުވެރި ކުލަބަކީ ފާއިތުވި 13 އަހަރުގެ މުއަދަތުގައި ވެސް ހަނިމާދޫގެ ކުރިއެރުމަށް މަސައްކަތްކުރަމުން އަންނަ ކުލަބެކެވެ. ހާއްސަކޮށް ރަށުގައި އެކުކުޅިވަރުތައް ކުރިއެރުވުމަށް ބުރަކޮށް މަސައްކަތްކުރަމުން އަންނަ ކުލަބެކެވެ.