މޯލްޑިވްސް ނެޝަނަލް ޔުނިވާސިޓީ (އެމްއެންޔޫ) ގައި ޑރ. މުހައްމަދު އިޔާޟު އަބްދުއްލަތީފު އަދާކުރައްވަމުން ގެންދެވި ވަޒީފާއިން ވަކި ކުރި މައްސަލައިގައި ވަކި ގޮތެއް ނިމެންދެން އޭނާ ހުންނެވި މަގާމަށް ދާއިމީ މުވައްޒަފަކު ނުނެގުމަށް ވަޒީފާއާބެހޭ ޓްރައިބިއުނަލުން އެމްއެންޔޫ އަށް އަމުރުކޮށްފިއެވެ.
އެމްއެންޔޫގެ އެސިސްޓަންޓް ޕްރޮފެސާގެ މަގާމުގައި ހުންނަވަނިކޮށް ޑރ. އިޔާޟު ވަޒީފާއިން ވަކިކޮށްފައި ވަނީ މިދިޔަ ޖުލައި މަހުގެ އެއްވަނަ ދުވަހުއެވެ.
އިޔާޒު ވަޒީފާއިން ވަކިކުރެއްވިއިރު ހުންނެވީ، އެމްއެންޔޫގެ ފެކަލްޓީ އޮފް ޝަރީއާ އެންޑް ލޯ ގެ އެސިސްޓެންޓް ޕްރޮފެސަރު/ސީނިއާ ލެކްޗަރާގެ މަގާމުގައެވެ.
މިފިޔަވަޅު އެޅުމުގެ ކުރިން، އަންހެނުން ހިތާނުކުރުމާ ގުޅޭގޮތުން ޑރ. އިޔާޟު ސޯޝަލް މީޑިއާގައި ދައްކަވާ ވާހަކަތަކާ ގުޅިގެން އެމްއެންޔޫގެ މައްސަލަ ބަލާ ކޮމެޓީން ވަނީ އެ މައްސަލަ ބަލާފައެވެ.
ވަޒީފާއިން ވަކިކުރުމުން ޑރ. އިޔާޟު މި މައްސަލަ ޓްރައިބިއުނަލަށް ހުށަހަޅާފައިވަނީ މިދިޔަ މަހުގެ ހަ ވަނަ ދުވަހުއެވެ.
އޭނާ ހުށަހެޅި މައްސަލައިގައި ވަނީ ވަޒީފާއާބެހޭ ޓްރައިބިއުނަލުން ފައިސަލާކުރަނިވި ނިންމުމެއް ނިންމުމުގެ ކުރިން، އޭނާ އަދާކުރަމުންދިޔަ ވަޒީފާއަށް އެމްއެންޔޫއިން ދާއިމީ މުވައްޒަފަކު އައްޔަނުކޮށްފިނަމަ، އަލުން ވަޒީފާ އިއާދަކުރުމަށް ހުރަސްއެޅި، އެކަމުގެ ސަބަބުން އިއާދަނުކުރެވޭނެ ގެއްލުންތަކެއް ވެދާނެތީ، މައްސަލަ ބަލައި ނިމެންދެން އެ މަގާމަށް މީހަކު އައްޔަން ނުކުރުމަށް ވަގުތީ އަމުރެއް ނެރެދިނުމަށެވެ.
މި މައްސަލައިގައި ވަޒީފާއާބެހޭ ޓްރައިބިއުނަލުން މިއަދު ނެރުނު އަމުރުގައި، ވަކިގޮތެއް ކަނޑައަޅަންދެން ނުވަތަ ވަޒީފާއާބެހޭ ޓްރައިބިއުނަލުން ވަކި ގޮތެއް އަންގަންދެން، އިޔާޟު އަދާކުރަމުން ގެންދިޔަ ސީނިއާ ލެކްޗަރާގެ މަގާމަށް ދާއިމީ މުވައްޒަފަކު އައްޔަނު ނުކުރުމަށާއި ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ހުށަހަޅާފައިވާ މައްސަލައިގައި ނިންމާ ނިންމުން ތަންފީޒުކުރުމަށް އަދި އިޔާޟު އަދާކުރަމުން ގެންދިޔަ ވަޒީފާ އިއާދަކުރުމަށް ހުރަސްއެޅިދާނެފަދަ އެއްވެސްކަމެއް ނުކުރުމަށް އެމްއެންޔޫގެ މައްޗަށް އަންގައި އަމުރުކުރާ ކަމަށް ކަނޑައަޅާފައިވެއެވެ.
ޑރ. އިޔާޟު އަދާކުރަމުންދިޔަ މަގާމަށް ދާއިމީ މުވައްޒަފަކު އައްޔަން ނުކުރުމަށް އަމުރުކުރެވުނުކަމުގައިވީ ނަމަވެސް، އެ މަގާމަށް ވަގުތީ މުވައްޒަފަކު އައްޔަންކުރުމުގެ ފުރުސަތު އޮންނާނެ ކަމަށްވެސް އަމުރުގައިވެއެވެ.
ރ. އިޔާޟު ވަޒީފާއިން ވަކިކުރަށްވާފައި ވަނީ ސޯޝަލް މީޑިއާ ގައި ކުރައްވާ ޕޯސްޓްތަކާ ގުޅިގެން ތަކުރާރުކޮށް ނަސޭހަތް ދިނުމުންވެސް އެކަންކަން އިސްލާހު ނުކުރުމުންކަމަށް އެމްއެންޔޫގެ ވައިސް ޗާންސެލަރު މުހައްމަދު ޝަރީޕް ބައެއް މީޑިއާތަކަށް ވިދާޅުވެފަވެއެވެ.
ސޯޝަލް މީޑިއާގައި ޑރ. އިޔާޒް ފާޅުކުރަށްވާފައިވާ ޚިޔާލުތަކަކާއި ގުޅިގެން، އެ މައްސަލަ ބަލަމުންދާތީ މިއަހަރުގެ މާރިޗްމަހު އޭނާ ސަސްޕެންޑް ވެސް ކުރިއެވެ.
ޑރ. އިޔާޒް ކުރައްވާ ބައެއް ޓްވީޓްތަކަކީ ސިޔާސީ ޓްވީޓްތަކެއް ކަމަަށާ އެ ޓްވީޓްތަކުގެ ސަބަބުން ގައުމީ ޔުނިވާސިޓީގެ އަބުރާއި އިއްޒަތާއި ގަދަރަށް ހީނަރުކަން އަންނަ ކަމަށް ބުނެ އެ ޔުނިވާސިޓީން އޭނާއަށް މިދިޔަ އަހަރު ވަނީ އިންޒާރުވެސް ދީފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!