ކުޅުދުއްފުށި ސިޓީގެ އިހްތިސާސް ތެރެއަށް، ހދ. ކުނބުރުދޫ ނުވަތަ ހދ. ކޭލަކުނު ހިމެނުމަށް ކުޅުދުއްފުށީ ސިޓީ ކައުންސިލުން އެދިއްޖެ އެވެ.
ކުޅުދުއްފުށި ސިޓީގެ މޭޔަރު މުޙައްމަދު ޢާޠިފު ވިދާޅުވީ މިގޮތަށް މަޝްވަރާ ކުރެވިފައިވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް އެސިޓީއަށް ދާދިފަހުން ކުރެއްވި ދަތުރުގައި އެކައުންސިލް އާއިއެކު ކުރިއަށްގެންދިޔަ މަޝްވަރާ ތަކުގެ ތެރޭގައި ކަމަށެވެ.
މިކަމުގެ މަޢުލޫމާތު “ތިލަދުން” އާއި ހިއްސާ ކުރައްވަމުން މޭޔަރު މުޙައްމަދު ޢާޠިފު ވިދާޅުވީ، ކުޅުދުއްފުއްށި ސިޓީގެ ބިމުގެ ދަތިކަން އޮތުމުން ސިނާއީ ގިނަ މަސައްކަތްތަކަށާއި ޓުއަރިޒަމްގެ ނަފާ ބިން ހަމަ ޖެއްސުމުގަ އުނދަގޫތަކެއް ހުރިކަން ފާހަގަކޮށް، ކުޅުދުއްފުށި ސިޓީގެ އިހްތިސާސް ތެރެއަށް އިތުރު ރަށެއްް ހިމަނައި ދެއްވުމަށް ކައުންސިލުން ރައީސްގެ އަރިހުން އެދިލެއްވިކަމަށެވެ. އެކަމާ ދޭތެރޭގައި ފުންކޮށް ވިސްނަވާ ރަނގަޅު ހައްލެއް ހޯއްދަވާ ދެއްވާނެކަމަށް ރައީސް ވިދާޅުވިކަމަށެވެ.
“މިފަދަ ގޮތަކަށް ރަށެއް ހަމަޖެއްސުމަށް ބަލާއިރު ހދ. ކުނބުރުދޫ ނުވަތަ ހދ.ކޭލަކުނު ހަމަޖެހިއްޖެ ނަމަ ކުޅުދުއްފުއްޓާ ވަރަށް ކައިރިން އެކަން ކުރެވިގެން ދާނެކަމަށް ވެސް އަޅުގަނޑުމެން ފާހަގަކުރިން، ރައީސް ވިދާޅުވީ ކޭލަކުނަކީ ހިމާޔަތް ކޮށްފައި އޮތް ރަށަކަށްވާތީ އެ ރަށް ހަމަޖެއްސި ނަމަވެސް އެރަށުގައި މާ ބޮޑެތި ކަންތައް ތަކެއް ކުރުމަށް އެކަށީގެންވާ ފުރުސަތު ނޯންނާނެތީ ކުނބުރުދޫ ހަމަޖެއްސުމަށް މަސައްކަތް ކުރަށްވާނެ ކަމަށް”
މޭޔަރު މުޙައްމަދު ޢާޠިފު ވިދާޅުވި އެވެ.
މީހެ އިތުރުން މޭޔަރު ވިދާޅުވީ، ކުޅުދުއްފުށި ސިޓީއަކީ ގިނަ ސިނާއީ މަސައްކަތް ކުރާ ފަރާތްތަކެއް ތިބި ރަށެއް ކަމުން މިކަން ހަމަޖެހިގެން ގޮސްފިނަމަ ރައްޔިތުންނަށް އެ ލިބިގެން ދިޔައީ ވަރަށް ބޮޑު ފުރުސަތެއްކަމަށެވެ.
“މިހާރު މި ރަށުގައި ލޮނުމަސް އަޅާ ފަރާތްކަށްވެސް ބިން ރަށުން ހޯދުން މި އޮންނަނީ ވަރަށް އުނދަގޫ ކަމަކަށްވެފަ، އަދި ކުނބުރުދޫ ލިބިއްޖެކަމަށް ވާނަމަ އޮޑި ދޯނިފަހަރު އެހެލާ މަރާމާތު ކުރާ ފަރާތްތަކަށްވެސް އެރަށުގެ ބޭނުން ހިފޭނެ ގޮތެއް އަޅުގަނޑުމެންނަށް ފަހިކުރެވިދާނެ ކަމަށް ފެނޭ، ދެން އެރަށުގެބައެއް ޕިކްނިކް އައިލެންޑަކަށް ވެސް ބަދަލު ކުރެވިދާނެ ހަމަ، ނޫނީ ގެސްޓް ހައުސްގެ ވިޔަފާރިއަށްވެސް ތަރައްގީ ކުރެވިދާނެ، ނުވަތަ ދަނޑުވެރިކަން ކުރަން ބެލި ކަމުގައި ވިޔަސް އެއީ ހަމަ ވަރަށް ރަނގަޅު ރަށެއް”
މޭޔަރު މުޙައްމަދު ޢާޠިފު މަޢުލޫމާތު ހިއްސާކުރަމުން ވިދާޅުވި އެވެ.
އެ ރަށް ކޮންމެ ގޮތަކަށް ބޭނުންކުރަން ނިންމި ކަމުގައި ވީނަމަވެސް ހދ އަތޮޅުގެ ހުރިހާ ރަށެއްގެ ރައްޔިތުންނަށް ވެސް ސީދާގޮތުންނާ ނުސީދާކޮށް އޭގެ މަންފާ ކުރާނެ ކަމަށް މޭޔަރު މުޙައްމަދު ޢާޠިފު ވިދާޅުވި އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!