ކޮޕީފަތަކީ ދިވެހިންގެ ތެރޭގައި އެންމެ މަޤުބޫލު އެއް ފަތް ތަރުކާރީއެވެ. މިއީ ހައްދަން ފަސޭހަ އެއްޗަކަށް ވުމުން ރާއްޖޭގެ ހުރިހާ ހިސާބެއްގައިވެސް ކޮޕީފަތް ހައްދަމުން ގެންދެއެވެ.
ކުރި ކެނޑުން
ކޮޕީފަތް ހެއްދުމަށް ކުރި ކަނޑަނީ
ކޮޕީފަތް ރާއްޖޭގައި އަބަދުވެސް ހައްދައި އުޅެނީ ކުރި ޖަހައިގެންނެވެ. މުޑުވައް ކުރަން ރަނގަޅީ ބަލި ނުޖެހި ހުރި ގަހަކުން ކުރި ނަގައިގެނެވެ. ކުރި ނެގުމުގައި ބަލާނީ ގާތްގަނޑަކަށް ފަންސުރެއްގެ ފަލަ މިނުގެ ތަނޑިލާފައި ހުރި، 6 އިންޗި ދިގުމިނުގެ ކުރި ނެގުމަށެވެ.
ތޫނު ވަޅިއެއް ނުވަތަ ޕްރޫނިންގ ޝިއާރއަކުން 45 ޑިގުރީއަށް ކުރި ކަނޑައިލާނީ އެވެ. އެއަށްފަހު މެކްސިކްރޮޕް ފެން ކަހަލަ މޫލައްވަން އެހީތެރިވެދޭ އެއްޗަކަށް ލާފައި ދެތިން ގަޑިއިރު ބަހައްޓާނީ އެވެ. މީގެ އިތުރުން ބާޒާރުން ލިބެން ހުންނަ ރޫޓިންގ ހޯމޯންސް ވެސް ބޭނުންކުރެވިދާނެ އެވެ.
ކޮޕީކުރި އިންދާއިރު ބޭނުންކުރެވިދާނޭ ބައެއް ތަކެތި
ކޮޕީ ކުރި މެކްސިކްރޮޕް ފެނުގައި ބަހައްޓަފައި ނަގައި ގެން އިންދަނީ
މުޑުވައްކުރުން
ކޮފިކޮޅުގެ ކުރިއާއި ފޮޅިފައިވާ އެންމެ ޅަ ދެ ފަތް ފިޔަވައި އެހެންފަތްތައް ޕްރޫންކޮށްލުމަށްފަހު، ރޫޓިންގ ޓްރީމަންޓް ދީފައި ކަޅުފަސް އެކުލެވޭ ކޮތަޅަކަށް ނުވަތަ ކޮންޓެއިނަރ އަކަށް ޖަހާފައި ނާސަރީގައި ބަހައްޓާނީ އެވެ. މިގޮތަށް ކުރި އިންދާނީ ގާތްގަނޑަކަށް 3 އިންޗި ފުނުގައެވެ.
ގަސްތައް ހެދެމުން ދާވަރަކަށް ކޮތަޅުތައް ދުރުކުރަމުން ގެންދަންވާނެ އެވެ. އޭރުން ވައި ދައުރުވުން ރަނގަޅުވެ، ހެދެމުންދާ ފަތްތަކަށް ޖާގަލިބޭނެ އެވެ. ކުރި އިންދުމަށްފަހު 45 ދުވަސް ތެރޭ ދަނޑުގައި އިންދުމަށް ރުވޭ ވަރަށް މޫލާނެ އެވެ.
ކޮޕީކުރި ކޮތަޅުގައި އިންދާފައި
ބެޑު ތައްޔާރުކުރުން
ބެޑު ހެދުމަށްޓަކައި ބޭނުންވާ ސަރަޙައްދު ފާހަގަކޮށް، ކަޑަ ޖަހައި އެ ސަރަޙައްދުގައި ހުރި ކުދި ގަހާއި ވިނަ ނޮޅައި ސާފުކޮށްލާށެވެ. އެއަށްފަހު ބެޑު ހަދަންޖެހޭ ސަރަޙައްދު ވަކިން ސާފުކޮށް، ބެޑު ހަދާނީއެވެ.
އެއް ބަރިއަށް އިންދާނަމަ، ބެޑުގެ ފުޅާ މިނުގައި ބަހައްޓާނީ ދޮޅު ފޫޓެވެ. ދެ ބަރިއަށް ނަމަ 3 ފޫޓެވެ. ދިގު މިނުގައި ބޭނުން ވަރެއް ބެހެއްޓިދާނެ އެވެ. ކޮންމެ ދެ ބެޑެއްގެ ދޭތެރޭގައި ބަހައްޓާނީ 3 ފޫޓެވެ. އޭރުން ބެޑުތަކުގެ ދޭތެރޭގައި މަސައްކަތްކޮށް އުޅުމަށް ފަސޭހަވާނެ އެވެ.
ކޮޕީފަތް އިންދަން ތައްޔާރުކުރާ ދިގުބެޑެއް
ބެޑުތައް ހަދައި ނިމުމަށްފަހު ކޮންމެ އަކަމީޓަރަކަށް 2.5 ކިލޯ ކާދު، ދެރަ ފަސްގަނޑެއް ނަމަ ކޮންމެ އަކަމީޓަރަކަށް 5 ކިލޯ ކާދު އެޅުން ރަނގަޅު ވާނެއެވެ. އެއަށްފަހު، ފަކީރާއަކުން ނުވަތަ އުދައްޔަކުން ރަނގަޅަށް ކާނާ ފަސްގަނޑާ އެއްކޮށްލާނީ އެވެ. ބެޑު ހަދައި ނިމުމުން ބެޑަށް ފެން ޖަހައިލާށެވެ.
ބެޑަށް އެއްކުރުމަށް ކާދު (ޔުނިގުރޯ) ކިރަނީ
ބެޑު ހަދައި ނިމުމުން ބެޑަށް ފެންޖަހައިލަނީ
ހަންބުރީގައި އިންދާއިރު ކާދު އެއްކުރާނީ 3 ވެއްޔަށް 1 ކާދުގެ ނިސްބަތުންނެވެ. ހަންބުރިއަށްވެސް ތައްޔާރުކުރި ފަސް އެޅުމަށްފަހު ރަނގަޅަށް ފެންޖަހައިލަން ވާނެއެވެ. ކޮތަޅުގައި މުޑުވައްކުރި ގަސްތައް ދަނޑަށް ރުވަން ހަފުތާއަކަށް ވުމުން މަޑުމަޑުން އަތްވަށް ހާނަންފަށަން ވާނެއެވެ.
އެހެން ނޫންނަމަ ގަސްތައް ފަސޭހައިން އަނދާގޮތްވެ ދަނޑުގައި ރޯވުމުގެ ފުރުޞަތު ކުޑަވާނެ އެވެ.
ކޮތަޅުގައި އިންދާފައި ހުރި ކުރިތައް ހެނދު އަވީގައި ބަހައްޓާފައި
ބެޑުގައި ގަސްތައް އިންދުން
ބެޑުގައި ގަސްތައް ރުވާއިރު ކޮތަޅުގައި ހުރި ވެލިކޮޅާ އެއްކޮށް ނެގުމަކީ މުހިއްމުކަކެވެ. ވެލިކޮޅާ އެއްކޮށް ނެގުމަށްޓަކައި ކޮތަޅަށް ރަނގަޅަށް ފެން ޖަހައިލުމަށްފަހު، ކޮތަޅު ބޭރުން އަތް ހާކައިލުމަށްފަހު، ގަހުގެ ތަނޑި ދެ އިނގިލި ދޭތެރެއަށް ވާގޮތަށް ބައިންދާ، އަތް މަައްޗަށް ފުށުން ޖަހާލައި މަޑުމަޑުން ކޮތަޅު ދަމައިލާށެވެ. އޭރުން ގަހުގެ މޫތަކަށް ގެއްލުން ނުލިބި ފަސޭހައިން ބެޑުގައި ރުވޭނެއެވެ.
ކޮތަޅުން ގަސް ނަގަންވީ ގޮތް
ބެޑުގައި ރުވުމަށްފަހު ގަހުގެ މޫތަކާއެކު ފަސްގަނޑު ތެމޭވަރަށް ރަނގަޅަށް ފެން ޖަހާލައި، ދެ ފަރާތުން ފަން ހުނގުންޏެއް ޖަހައި ހަފުތާއެއްވަރު ބަހައްޓައިލަން ވާނެއެވެ. އޭރުން ގަސް މަޑުމަޑުން އަތްވަށް ހޭނި، ގަސް އަވަހަށް ހެދެން ފަށާނެއެވެ.
ގަސްތައް އިންދާފައި ފަން ހުނގުލި ޖަހާފައި
ކާނާދިނުން
ގަސް ހެދެމުންދާއިރު ގަސްތަކަށް ކާނާ ދިނުމަކީ ވަރަށް މުހިއްމުކަމެކެވެ. ނައިޓްރިޖަންއާއި ފޮސްފޮރަސް އަދި ޕޮޓޭސިއަމަކީ ގަސް ހެދުމަށްޓަކައި އެންމެ ބޮޑަށް ބޭނުންވާ 3 ބާވަތެކެވެ. ނަމަވެސް ފަތްތަރުކާރީ އަށް އެންމެ މުހިއްމީ ގިނައިން ނައިޓްރިޖަން އެކުލެވޭ ކާނާ އެވެ.
މީގެއިތުރުން މަދުން، އަދި އެންމެ މަދުން ގަހަށް ބޭނުންވާ ބައިތަކެއްވެސް ހުރެއެވެ. ގަސްކާނާގެ ތެރެއިން އެންމެ ބައެއް މަދުވިޔަސް އޭގެ ނޭދެވޭ އަސަރު ގަސްތަކަށް ކުރާނެއެވެ. އެހެންކަމުން ގަވައިދުން ކާނާދިނުން ވަރަށް މުހިއްމެވެ. ބެޑުތަކަށް ބޭނުންކުރާނީ އެކި އުމުރުގައި އެކި ގަސްކާނާ އެވެ.
ފެނަށް ގިރާފައި ކާނާ ޑްރެންޗްކުރަނީ
އެކި އުމުރުގައި ކާނާދޭނޭ ގޮތް
ގަސް ފަޅައިގެން އަންނައިރު ދިޔާ ގަސްކާނާއެއް ދޭންވާނެ އެވެ. އެގޮތަށް ދޭއިރު ދޭނީ ގިނައިން ނައިޓްރިޖަން އެކުލެވޭ ކާނާއެކެވެ. ކޮޕީފަތް ކަހަލަ ފަތްތަރުކާރީއަށް މައިގަނޑުގޮތެއްގައި ބޮޑަށް ރަނގަޅީ ނައިޓްރިޖަން ގިނައިން އެކުލެވޭ ކާނާ އެވެ.
ނައިޓްރިޖަން މަތި ކާނާއެއް
ގަސްތައް ރުވުމަށްފަހު ހަފުތާއެއް ވުމުން ނައިޓްރިޖަން ގިނައިން އެކުލެވޭ ކާނާއެއް ފެނަށް ގިރުވުމަށްފަހު ގަސް ބުޑަށް ޑްރެޖްކޮށްލެވިދާނެ އެވެ. ގަހުގެ އުމުރުން 30 ދުވަސް ވަންދެން މިގޮތަށް ދިޔާ ގަސްކާނާއެއް ދެވިދާނެއެވެ.
ގަހުގެ އުމުރުން 1 މަސް ވުމުން ކޮންމެ ގަހަކަށް 10 ގުރާމްގެ ނިސްބަތުން އެންޕީކޭ މިކްސް ކާނާއެއް ދޭންފަށަން ވާނެއެވެ. އަދި ކޮންމެ މަހަކު 2 ފަހަރު މިގޮތަށް ކާނާ ދެވިދާނެއެވެ.
ކާނާ މަދުވުމުން ފެންނާނޭ ޢަލާމާތްތަކާއި ޙައްލުކުރާނޭ ގޮތް
ގަސްތައް ހެދެމުން ދާއިރު ކާނާ މަދުވުމުގެ މައްސަލައަކީ އަބަދުވެސް ދިމާވާނެ މައްސަލައެކެވެ. އެހެންކަމުން ކާނާ މަދުވުމުން ފެންނާނޭ ޢަލާމާތްތައް ދެނެގަތުމަކީ ވަރަށް މުހިއްމު ކަމެކެވެ.
ނައިޓްރިޖަން މަދުވުން
ނައިޓްރިޖަން މަދުވުމުން ގަހުގެ ހުރިހާ ފަތެއް ހެން މަޑުފެހި ކުލައަކަށް ބަދަލުވާން ފަށާ، ހަރުފަތްތައް މަޑު މުށިކުލައަކަށް ބަދަލުވުން އަދި ގަހުގެ ދެ ފަތްވަޅު ދޭތެރެ ކައިރިވުމާއެކު ގަސް ހެދުން ލަސްވެއެވެ. ނައިޓްރިޖަން މަދުވާކަން ފާހަގަވާނަމަ ގިނައިން ނައިޓްރިޖަން އެކުލެވޭ ކާނާއެއް ހޯދުމަށްފަހު، އެފަދަ ކާނާއެއް ގަސްތަކަށް ދޭށެވެ. އެގޮތުން ބިމަށް އަޅާ ކާނާއެއްވެސް ނުވަތަ ގަހަށް ސްޕްރޭކުރާ ދިޔާ ކާނާއެއްވެސް ބޭނުންކުރެވިދާނެ އެވެ.
ނައިޓްރިޖަން މަދުވުމުގެ އަލާމާތާއި ދެވިދާނެ ކާނާއެއް
ފޮސްފޮރަސް މަދުވުން
ކޮޕީފަތް ހައްދާއިރު އެންމެ ޢާއްމުކޮށް ފެންނާނެ ކާނާ މަދުވުމުގެ ޢަލާމާތަކީ ފޮސްފޮރަސް މަދުވުމުގެ ޢަލާމާތެވެ. ފޮސްފޮރަސް މަދުވުމުން ފަތްތަކަށް ދަނބުކުލައެއް އަރާނެއެވެ. ކޮޕީފަތަކީ އޭގެ ޒާތުގައިވެސް ފަތުގެ ތަނޑީގައި އަދި ނާރުތަކުގައި ދަނބުކުލަ ހުންނަ އެއްޗެކެވެ. ނަމަވެސް ފޮސްފޮރަސް މަދުވުމުން ދަނބުކުލަ އަރަން ފަށަަނީ ފަތުގެ ފެހި ބަޔަށެވެ.
ފޮސްފޮރަސް މަދުވުމުގެ އަލާމާތާއި ދެވިދާނެ ކާނާއެއް
ފޮސްފޮރަސް މަދުވުމުވުގެ ޢަލާމާތްތައް ފެންނަން ފެށުމުން ފޮސްފޮރަސް ގިނައިން އެކުލެވޭ ކާނާއެއް ދެވިދާނެ އެވެ. ފޮސްފޮރަސް އިން ސައްތަ ރަމްޒުކޮށްދޭނީ ކާނާ ޕެކެޓު ނުވަތަ ދަޅުގެ ބޭރުގައި އިންނަ 3 ނަންބަރުގެ ތެރެއިން 2 ވަނަ ނަންބަރެވެ. ކާނާ ދެ ގޮތަކަށް ފޯރުކޮށްދެވިދާނެ އެވެ. އެއްގޮތަކީ ކާނާ ފެނަށް ގިރުވުމަށްފަހު ގަހަށް ސްޕްރޭކުރުން ނުވަތަ ގަހުގެ ބުޑަށް ޑްރެޖްކުރުމެވެ.
ދެވަނަ ގޮތަކީ ގަހުގެ ބުޑާ 4 ވަރަކަށް އިންޗި ދުރަށް ކާނާ އަޅައި ވަޅުޖައްސައިލުމެވެ. ކާނާ އެޅުމަށްފަހު ރަނގަޅަށް ފެންދޭންވާނެ އެވެ.
ގަހުގެ ބުޑަށް ކާނާ ވަޅުޖައްސަނީ
ޕޮޓޭސިއަމް މަދުވުން
ކޮޕީފަތަކީ ފަތްތަރުކަަރީއަކަށް ވެފައި އެހެން ގަސްގަހާ ބަލާއިރު ނިސްބަތުން މަދުން ޕޮޓޭސިއަމް ބޭނުންވާ ގަހެކެވެ. ގަވާއިދުން މިކްސް ކާނާއެއް ދެމުން ދަނިކޮށް ޕޮޓޭސިއަމް މަދުވުމުގެ މައްސަލައެއް ކޮޕީފަތުން ވަރަށް ނުފެންނާނެއެވެ. ނަމަވެސް މާބޮޑަށް ޕޮޓޭސިއަމް މަދުވެއްޖެނަމަ ފަތްތަކުގެ ކައިރި މަޑު ރީނދޫކުލައަކަށް ބަދަލުވެ އަނދަން ފަށާނެއެވެ.
ޕޮޓޭސިއަމް މަދުވުމުގެ ޢަލާމާތާއި ދެވިދާނެ ކާނާއެއް
މިގޮތަށް ހަރު ފަތްތަކުން ފެންނަ ކަމުގައިވާނަމަ ޕޮޓޭސިއަމް ގިނައިން އެކުލެވޭ ކާނާއެއް ދޭންވާނެ އެވެ.
މިއީ މިނިސްޓްރީ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗާއިން ވީޑިއޯއެއް ގޮތުގައި ގެނެސްދީފައިވާ މަަޢުލޫމާތުކޮޅެކެވެ. މިލިޔުމުގައިވާ ހުރިހާ ފޮޓޯއަކީވެސް އެ މިނިސްޓްރީގެ ޙައްޤެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!