ކޯވިޑްގެ ހާލަތުގެ ސަބަބުން ފުރަބަންދު ހާލަތުގައި އޮތް ހއ. މުރައިދޫއަށް، ރައްޔިތުންގެ މަޖިލީހުގައި އެރަށް ތަމްސީލް ކުރަށްވާ، ބާރަށު ދާއިރާގެ މެންބަރު އަޙްމަދު ޢަބުދުﷲ ކަނޑުމަސް ހަދިޔާ ކުރަށްވައިފިއެވެ.
މިގޮތުން މެންބަރު އަޙްމަދު މިއަދު ވަނީ އެރަށަށް 235 ކިލޯގެ ތާޒާ ކަނޑުމަސް ހަދިޔާ ކުރަށްވާފައެވެ.
މުރައިދޫ ކައުންސިލްގެ ރައީސް އަލީ ސިނާން "ތިލަދުން"އަށް ވިދާޅުވީ، މެންބަރު އަހްމަދު ވަރަށް ގާތުން މުރައިދޫ ރައްޔިތުންގެ ހާލު ބައްލަވަމުން ގެންދަވާ ކަމަށެވެ.
"އެމްޕީ ގުޅުއްވާނެ ކޮންމެ ދުވަހަކު، ރައްޔިތުންގެ ހާލު އައްސަވައި ދަތިވާ ކަންކަން އޮޅުން ފިލުއްވާނެ، ސަރުކާރު ތެރެއިން ހަމަޖައްސަންޖެހޭ ކަންކަން ވެސް ބައްލަވާނެ، އެމްޕީގެ އެހީތެރިކަމަކީ މުރައިދޫ ރައްޔިތުންނަށް ލިބިގެންދާ ވަރަށް ބޮޑު ހިތްވަރެއް" ސިނާން ވިދާޅުވިއެވެ.
މެންބަރު އަހްމަދު މިއަދު މުރައިދޫއަށް ރޯމަސް ހަދިޔާ ކުރެއްވިއިރު، މި ދުވަސްވަރަކީ އުތުރަށް މަސްވެރިކަން ދަށް ދުވަސް ވަރެކެވެ. އެހެންކަމުން މަސް ހޯދަން ވަރަށް ގިނަ ރައްތަކަށް ގުޅިކަމަށް ސިނާން ވިދާޅުވިއެވެ.
"އެމްޕީގެ އެދިލެއްވުމަށް ވަރަށް މަސައްކަތުން މަސްކޮޅެއް ލިބުނީ، މިއީ މަސްވެރިކަން ރަނގަޅު ދުވަސްވަރެއްނޫން، އެކިރަށްރަށަށް ގުޅައިގެން މަސްލިބުނު ވަރުއެއީ، ދެން މިރަށް މޮނީޓަރިންގަ އޮތުމުން މަސް ހިފައިގެންއައި ދޯނިވެސް ފަޅަކަށް ނުވަދޭ، މިރަށު ދޯންޏެއް ހަމަ ހިލޭ ސާބަހަށް މަސްހިފައިގެން އައި ދޯނި ކައިރިއަށް ރަށު ބޭރަށް ނުކުމެ މަސްތައް ރަށަށް ގެނެސްދިނީ، ކައުންސިލުން އެކަން ވެސް ޝުކުރުވެރިކަމާއެކު ފާހަގަކުރަން" ސިނާން ވިދާޅުވިއެވެ.
މެންބަރު އަހްމަދުގެ އެހީތެރިކަން މުރައިދޫއަށް ލިނުބުނުއިރު، އިއްޔެވަނީ ބާރަށު ރައްޔިތުންގެ ފަރާތުން ވެސް ކާޑުގެ ބާވަތްތައް މުރައިދޫއަށް ހަދިޔާކޮށްފަ އެވެ.
ޓްރެވަލް ހިސްޓްރީއެއް ވެސް ނެތް މުރައިދޫ މީހެއް، ކޯވިޑް ބަލީގެ އަލާމާތްތައް ފެނިގެން އެރަށު ސިއްހީ މަރުކަޒަށް ދެއްކުމުން ކޯވިޑަށް ޕޮޒިޓިވްކަން އެނގުނީ މިމަހުގެ 18 ވަނަ ދުވަހު އެވެ.
އެ ދުވަހުން ފެށިގެން މުރައިދޫ މޮނިޓަރިން ހާލަތަށް ގެނެސްފައިވާއިރު، އެ ކޭހާއި ގުޅިގެން މިހާތަަނަށް 23 މީހަކު އެރަށުން ވަނީ ޕޮޒިޓިވްވެފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!