ކ. ކުޑަވިލިނގިލި ރިސޯޓް ކަައިރީގައި އޮތް ދޯންޏެއްގައި މިރޭ ހިނގި އަލިފާނުގެ ހާދިސާގައި ދޯނީގައި ރޯވި އަލިފާން ކޮންޓްރޯލްކޮށްފިއެވެ.

އެ ހާދިސާގެ މައުލޫމާތު ލިބުމާއެކު ސިފައިންގެ ފަޔާ ޓީމުން އެސަރަހައްދަށް ގޮސް ދޯނީގައި ރޯވި އަލިފާން ނިއްވާލުމުގެ މަސައްކަތްފަށާފައިވާ ކަމަށް އެމްއެންޑީއެފްއިން ވަނީ ކުރިން ވިދާޅުވެފަ އެވެ.

Ad
rt

އެ ދޯނީގައި ރޯވި އަލިފާން ކޮންޓްރޯލްވިކަމަށް އެމްއެންޑީއެފްއިން މީޑިއާތަކަށް މައުލޫމާތުދެއްވީ ފަތިހު 5:15 ގައެވެ.

"އަލިފާން ކޮންޓްރޯލްކޮށްފި، އަލިފާން ރޯވި ދޯނި މިހާރު އޮތީ ދެފެންދޭތެރޭ" އެމްއެންޑީއެފްގެ އިސް ތަރުޖަމާން މޭޖާ އިބްރާހިމް އާޒިމް ވިދާޅުވުއެވެ.

އެ އަލިފާނުގެ ހާދިސާ ހިނގިއިރު ދޯނީގައި ތިބީ 4 މީހެކެވެ. އެމްއެންޑީއެފްއިން ފުރަމަ ހާމަކުރެއްވީ އޭގެތެރެއިން އަނިޔާވީ އެކަކަށް ކަމަށެވެ. ނަމަވެސް އޭގެތެރެއިން ދެ މީހަކަށް އަނިޔާވެފައިވާ ކަމަށް އެ އިދާރާއިން ފަހުން ވިދާޅުވިއެވެ.

މިހާދިސާގައި އަނިޔާވީ ދިވެއްސަކަށާއި، ބިދޭސީއަކަށް ކަމަށް ވެސް އެމްއެންޑީއެފްއިން ވިދާޅުވިއެވެ. އަދި އެ ދެމީހުންނަށް އިތުރު ފަރުވާ ދިނުމަށް އެމްއެންޑީއެފްގެ ފަޔާ ލޯންޗްގައި މިހާރު މާލެ ގެނައުމަށް ދަތުރު ކުރަމުންދާ ކަމަށް ވެސް އެ އިދާރާއިން ވިދާޅުވިއެވެ.

"ދޯނީގައި އަލިފާން ރޯވާން މެދުވެރިވީ ދޯނީގެ ބަދިގޭގެ ތެރޭގައި ކައްކަން އުޅުމުގެ ތެރޭގައިކަމަށް މަޢުލޫމާތު ލިބިފައި ވަނީ" އިސް ތަރުޖަމާން މޭޖާ އިބްރާހިމް އާޒިމް ވިދާޅުވުއެވެ.

މި ދޯނީގައި އަލިފާން ރޯވެގެން އުޅޭކަމުގެ ރިޕޯޓް ސިފައިންނަށް ލިބުނީ މެންދަމު 3:23 ގައި ކަމަށް އެ އިދާރާއިން މީޑިއާތަަކަށް މައުލޫމާތު ދެއްވީ ފަތިހު 4:14 ގައެވެ.