އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން މިހާރު މާލޭ ސިޓީގައި ކުރަމުންދާ އިހުތިޖާޖުތަކުގެ ތެރެއިން ހައްޔަރުކުރި ކޯލިޝަންގެ ވަގުތީ ލީޑަރ އަދި ޕީއެންސީގެ ރައީސް އަބްދުއްރަޙީމް ޢަބުދު ﷲ އާއި، އެޕާޓީގެ ނައިބު ރައީސް އިބްރާޙީމް ޝުޖާއު މިރޭ ދޫނިދުއަށް ބަދަލުކޮށްފިއެވެ.
މީގެއިތުރުން އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަންގެ މައިޕާޓީ، ޕީޕީއެމްގެ ނައިބު ރައީސް ނައިފަރު ދާއިރާގެ މެންބަރު އަޙްމަދު ޝިޔާމް މިރޭ ހައްޔަރު ކުރުމަށްފަހު ވަނީ ފުލުހުންގެ ބަންދުން ދޫކޮށްލާފަ އެވެ.
އަދުރޭއާއި ޝުޖާއު ހައްޔަރު ކުރީ އިންޑިއާއިން ރާއްޖެއަށް ހަދިޔާ ކުރި ވެކްސިންއާ ގުޅޭ މައުލޫމާތުތައް ހާމަކަން ބޮޑު ގޮތެއްގައި ހާމަކުރުމަށް ގޮވާލައި އިދިކޮޅުން މިއަދު ބޭއްވި އިހުތިޖާޖުގެ ތެރެއިން، މެންދުރުފަހުއެވެ. އަދި ޝިޔާމް ހައްޔަރު ކުރީ މިރޭ ކުރިއަށް ދިޔަ އިހުތިޖާޖުގެ ތެރެއިންނެވެ.
އިދިކޮޅު ކޯލިޝަނުގެ ތަރުޖަމާނު ހީނާ ވަލީދު ވަނީ ޝުޖާއުއާއި އަދުރޭ ދޫނިދޫ އަށް ގެންގޮސްފައިވާކަން ބައެއް މީޑީއާތަކަށް ކަށަވަރުކޮށްދެއްވާފައެވެ. އަދި އިދިކޮޅު ކޯލިޝަނުން ވަނީ ޝިޔާމް ހައްޔަރު ކުރުމަށްފަހު ދޫކޮށްލާފައިވާ ކަމަށް ބުނެފައެވެ.
މި ހިނގާ ޖެނުއަރީ 25ވީ ހޯމަ ދުވަހު ވެސް ވަނީ އިދިކޮޅުން ކުރިއަށްގެންދިޔަ އިހުތިޖާޖެއްގެ ތެރެއިން އަދުރޭ އާއި ޝުޖާއު ހައްޔަރު ކުރުމަށްފަހު، ހަމަ އެދުވަހު ދޫކޮށްލާފަ އެވެ.
އިދިކޮޅު ލީޑަރ، ކުރީގެ ރައީސް ޢަބުދުﷲ ޔާމީން އަބުދުއްގައްޔޫމްގެ މައްޗަށް ދައުލަތުން އުފުލި މަނީލޯންޑްރިންގެ ކުށުގެ ދައުވާ ސާބިތުވާކަމަށް ކްރިމިނަކްކޯޓުން ނިންމައި 5 އަހަރު ދުވަހުގެ ޖަލު ހުކުމެއް އިއްވައި 5 މިލިއަން ޑޮލަރުން ޖޫރިމަނާއެއް ކުރިފަހުން އިދިކޮޅުން ވަނީ ސިޔާސީ ހަރަކާތްތައް ވަރުގަދަ ކޮށްފައެވެ. ރައީސް ޔާމީންގެ މައްޗަށް މި ޙުކުމް ކުރީ 28 ނޮވެމްބަރު 2019 ގައެވެ.
ރައީސް ޔާމިންގެ މައްޗަށް މަނީލޯންޑްރީގެ ކުށް ސާބިތުވެފައިވަނީ، އެމަނިކުފާނުގެ ވެރިކަމުގައި އެމްއެމްޕީއާރުސީ މެދުވެރިކޮށް ކުއްޔަށް ދޫކުރި ގއ.ވޮޑަމުލާގެ ކުލީގެ ގޮތުގައި ދައުލަތަށް ލިބެން ޖެހޭ އެއް މިލިއަން އެމެރިކާ ޑޮލަރު ޔާމީންގެ އަމިލަފުޅު އެކައުންޓަށް ޖަމާކުރައްވައި، އެ ފައިސާ ލޯންޑަރ ކުރެއްވުމުގެ ކުށުގައެވެ. އެ ފައިސާގެ އަސްލު އޮޅުވާލެއްވުމަށް ޔާމީން މަސައްކަތްކުރެއްވިކަމުގެ ތުހުމަތުވެސް ދައުލަތުން ކުރެއްވިއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!