ހއ. އިހަވަންދޫ ގާޒީ ފުޓްބޯޅަ ދަނޑުގެ ސަބުބޭސް ތައްޔާރުކުރުމުގެ އަމަލީ މަސައްކަތް މިއަދު ފަށައިފިއެވެ.
މި މަސައްކަތުގެ އެއްބަސް ވުމުގައި ސޮއި ކުރެވުނީ 29 އޮކްޓޯބަރު 2020 ގައެވެ. އަދި ސަރުކާރުން އެ މަސައްކަތް ހަވާލުކޮށްފައި ވަނީ އާރްކޭއެލް ގްރޫޕް ޕްރައިވެޓް ލިމިޓެޑާއި އެވެ.
އިހަވަންދޫ ގާޒީ ފުޓްބޯޅަ ދަނޑުގެ ސަބުބޭސް ތައްޔާރުކުރުމުގެ އަމަލީ މަސައްކަތް ފެށިގެން ދިޔުމާއި ގުޅިގެން އެރަށު ކައުންސިލްގެ ރައީސް މުޙައްމަދު ރަޝީދު ''ތިލަދުން''އަށް ވިދާޅުވީ، އިހަވަންދޫ އަކީ ގިނަ ޢަދަދެއްގެ ކުޅިވަރުކުޅޭ ޒުވާނުންތަކެއް ނިސްބަތްވާ ރަށެއްކަމުން، އެ ޒުވާނުންގެ އުންމީދު ތަކުގައި ކުލަ ޖެހިގެންދާ މަންޒަރު ފެނުމުން އުފާ ކުރަށްވާ ކަމަށެވެ.
''މި ފުޓްބޯޅަ ދަނޑުގައި ޓާފްއަޅައި ރަނގަޅު ފެންވަރަކަށް ތަރައްގީކޮށް ދެއްވުމަކީ ރައީސް ޞާލިޙްގެ ވަޢުދެއް، މި ރަށުގެ ޒުވާނުންނަށްޓަކައި ރައީސް އެ ވަޢުދު ފުއްދަވައި ދެއްވަމުން ގެންދަވާތީ ރަށުގެ ހުރިހާ ޒުވާނުންގެ ނަމުގައި ރައީސް ޞާލިހަށާއި، ސަރުކާރަށް ޝުކުރު އަދާކުރަން''
ރަޝީދު ވިދާޅުވިއެވެ.
ރަޝީދު ވިދާޅުވީ އުންމީދަކީ އެ ދަނޑުގެ ސަބްބޭސްގެ މަސައްކަތް އާރްކޭއެލް ކުންފުނިން ނިންމާލާތާ ލަސްތަކެއްނުވެ، އެ ދަނޑުގައި ޓާފް އެޅިގެން ދިޔުން ކަމަށެވެ.
''ޓާފް ވެސް ވަނީ ގެންނަން މެލޭޝިޔާގެ ކުންފުންޏަކާއި ކުރިން ހަވާލުކޮށްފައި، އަޅުގަނޑުމެން ކައުންސިލްގެ ވަރަށް ބޮޑު އެދުމެއް އެއީ ސަބްބޭސްގެ މަސައްކަތް ނިމުމާއިއެކު ލަސްނުވެ، ޓާފްވެސް އަޅައި ދަނޑުގެ މަސައްކަތް ނިމުން، އެހެންނޫނިއްޔާ މި ދިމާވާ ގޮތަކީ ސަބްބޭސް އަޅައި، ޓާފް ނައިސްތިއްބާ ސަބްބޭސް އެބަ ހަލާކުވޭ، ބައެއް ރަށްރަށަށް އެކަން ވަނީ ކުރިމަތިވެފައި، އެހެންކަމުން ސަބްބޭސް ހަލާކު ނުވަނީސް ޓާފް ލިބި، ޒުވާނުންނަށް މި ދަނޑުގައި ކުޅެންފެށޭނެ ގޮތްވުން ކައުންސިލްގެ އެދުމަކީ''
ރަޝީދު އިތުރަށް ވިދާޅުވިއެވެ.
އިހަވަންދޫ ފުޓްބޯޅަ ދަނޑުގެ މަސައްކަތް އާރްކޭއެލް ގްރޫޕް ޕްރައިވެޓް ލިމިޓެޑާއި ހަވާލުކޮށްފައިވަނީ 2.32 މިލިޔަން ރުފިޔާއަށެވެ. އެ މަސައްކަތުގެ އެއްބަސްވުމުގައިވާ ގޮތުން މަސައްކަތް ހަވާލުކުރާތާ 14 ދުވަހުގެ ތެރޭގައި މަސައްކަތް ފަށައި، 50 ދުވަހުގެ ތެރޭގައި މަސައްކަތް އެއްކޮށް ނިންމަން ޖެހެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!