އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަން އަނބުރާ ރާއްޖޭގެ ވެރިކަމަށް އައިސް، ރާއްޖެ ޚަރާބު ކުރަން ރައްޔިތުން ދެން އިތުރު ފުރުޞަތެއް ނުދޭނެ ކަމަށް ބާރަށު ދާއިރާގެ މެންބަރު އަޙްމަދު ޢަބްދުﷲ ވިދާޅުވެއްޖެއެވެ.

ވެރިކަންކުރާ ކޯލިޝަންގެ މައި ޕާޓީ، އެމްޑީޕީގެ ޑެޕިއުޓީ ޗެއާޕާސަންގެ މަގާމުގައި ވެސް ހުންނެވި މެންބަރު އަޙްމަދު މިހެން ވިދާޅުވީ، އިއްޔެ ކުރިއަށް ދިޔަ ރައްޔިތުންގެ މަޖިލިސްގެ ދައުރުން ބޭރުގައި ބާއްވާ 3 ވަނަ ޚާއްޞަ ޖަލްސާގައި ސަރުކާރުގެ ފަރާތުން، ހުޅުމާލެ ދާއިރާގެ ޢިއްޒަތްތެރި މެންބަރު ޢަލީ ނިޔާޒް ހުށަހަޅުއްވާފައިވާ، ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ޚާއްޞަ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލު، މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ދިރާސާކޮށް ނިންމިގޮތުގެ ރިޕޯޓަށް ބަހުސް ކުރަށްވަމުންނެވެ.

Ad
rt

އަޙްމަދު ވިދާޅުވީ، އެމްޑީޕީއަކީ އިންތިޚާބެއް ދިމާވާއިރަށް އިދިކޮޅުގައި ތިބި ހުރިހާ އެއްމެން ޖަލަށް ލައި، ބިޑިއަޅުވާފައި ކެމްޕޭނުކުރެވޭނެ ތަނެއް، ޖާގައެއް ނުދީ، ޖަލްސާއެއް ބާއްވާނެ ތަނެއް ނުދީ އަދި ހުރިހާ ތަނެއް ބަންދުކޮށްގެން ކެމްޕޭނުކުރާ ބައެއް ނޫން ކަމަށެވެ. އަދި އެކަން އެގޮތަށް ކޮށްގެން އިންތިޚާބުތައް ކާމިޔާބުކުރާ ބައެއް ވެސް ނޫން ކަމަށެވެ.

''އަޅުގަނޑުމެން މިއަދު ވެސް މި ދަނީ އިދިކޮޅު ފަރާތްތަކަށް ބޭނުން ވާހަކައެއް ބޭނުން ގޮތަކަށް ދައްކައި، ކެމްޕޭނުކުރުމުގެ ފުރިހަމަ މިނިވަންކަމާއެކު އެ ބޭފުޅުން ހަރަކާތްތެރިވުމުގެ ފުރިހަމަ މިނިވަންކަމާ އެއްކޮށް މުސައްކަތްކުރުމުގެ ޖާގަ އޮވެގެން އެ ބޭފުޅުން ކެމްޕޭނުކުރަމުން މިހާރުވެސް އެ ގެންދަވަނީ އަޅުގަނޑަށް ފެނުނު އިއްޔެގައި ވެސް ހަމަ ކެމްޕޭން ހަރަކާތެއް މަޖީދީމަގުގައި ހިނގަމުންދިޔަ ތަން ވެސް އެހެންވީމާ، އެ ދައްކަވާ
ވާހަކައާއި އަދި ކަން އޮތް ގޮތާ ދިމާނުވާކަން އަޅުގަނޑު ހަމަ ފާހަގަކޮށްލަން ބޭނުން''

އަޙްމަދު ވިދާޅުވިއެވެ.

އަޙްމަދު ވިދާޅުވީ، އިދިކޮޅު ކޯލިޝަން ވެރިކަމުގައި އޮތްއިރު އެމްޑީޕީއަށް އިންތިޚާބުތަކުގައި ކެމްޕޭނުކުރުމަށްޓަކައި ރަށްރަށަށް ދިޔުމުގެ ފުރުޞަތު ނުލިބޭ ކަމަށާއި، ޖަލްސާއެއް ވެސް ބާއްވާނެ ފުރުޞަތު ނުލިބޭކަމަށެވެ. އަދި އިދިކޮޅު ހުރިހާ ލީޑަރުންތައް ތިބީ ޖަލުގައި ކަމަށާއި، ކެމްޕޭނު ކުރަމުން
ދިޔައީ އެފަދަ ދަތިހާލުގައި ކަމަށެވެ.

''އެހެންނަމަވެސް، މިއަދު އެ ހާލަތެއް ނޫން އޮތީ މިއަދު އިދިކޮޅު ލީޑަރޝިޕްގެ ބޭފުޅުން މިނިވަންކަންމަތީ ބޭނުން ވާހަކައެއް މަޖިލީހާއި މަޖިލީހުން ބޭރުގައި އަދި ޗެނަލްތަކުގައި ދައްކަމުންދާއިރު އެއީ ކެމްޕޭނުކުރުން ނޫން ކަމަށް ވަންޏާ ދެން އަޅުގަނޑަށް ނޭނގެ ކެމްޕޭނުކުރުން މާނަކުރާނެ ގޮތެއް''

އަޙްމަދު ވިދާޅުވިއެވެ.

2013 އިން ފެށިގެން 2018ގެ ނިޔަލަށް ވޭތުވި ޕީޕީއެމްގެ ވެރިކަމުގެ 5 އަހަރުދުވަހު ނުހިނގާހާ މަޝްރޫޢުތައް މިސަރުކާރުގެ މިދިޔަ ދެ އަހަރު ތެރޭގައި ހިނގަމުން ދާކަމަށާއި، އެހެންކަމުން ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި އެމްޑީޕީއަށް ރައްޔިތުން ދިން ޕަސެންޓަށް ވުރެ ބޮޑު ޕަސެންޓެއް ލޯކަލް ކައުންސިލް އިންތިޚާބުގައި ދޭނެކަން އެއީ ޔަގީންވާ ކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ.

''ދެން އެކަން ފޮރުވަން، ނޫނީ އެއީ ނެތްކަމެއް ކަމަށް ހަދަން ކިތަންމެ ވާހަކައެއް ދެއްކިޔަސް ދިވެހި ރައްޔިތުން ތިބީ މިއަދު އެޔަށްވުރެން މާ ބޮޑަށް ހޭލާ. އަދި ދިވެހި ރައްޔިތުން ތިބީ އެއަށްވުރެ މާ ބޮޑަށް މިކަންތައްތަކަށް ފާރަވެރިވެ. ދެން އެނބުރި އައިސް މި ރާއްޖެ ޚަރާބުކޮށް، ލާމަރުކަޒީ ނިޒާމު ފުނޑާލައި، ކައުންސިލުތަކުގައި ތަޅުއަޅުވައި، ކައުންސިލްތަކުގެ އަތްބަނދެ، ގާނޫނުތަކަށް ބަދަލުގެނެސްގެން ކައުންސިލަރުން މަސައްކަތް ކުރިޔަނުދޭކަށް ދިވެހި
ރައްޔިތުން ޖާގައެއް ނުދޭނަން،''

އަޙްމަދު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ލާމަރުކަޒީ ނިޒާމުގެ ވާހަކައަކީ އެމްޑީޕީން މި ރާއްޖޭގައި ދެއްކި ވާހަކައެއް ކަމަށާއި، އެއީ އެމްޑީޕީން ކުރަމުން އައި މަސައްކަތެއް ކަމަށެވެ. އަދި ރައްޔިތުންނަށް އެ ބާރުވެރިކަން ދޭން ނިންމީ އެމްޑީޕީން ކަމަށެވެ.

ކުރީ ސަރުކާރުން ކައުންސިލަރުންނަށް ކުރީ ޖެއްސުންކަމަށާއި، އިދިކޮޅުގައި ތިބީ ލާމަރުކަޒީ ނިޒާމުގެ ދުޝްމަނުން ކަމަށް ވެސް މެންބަރު އަޙްމަދު ޢަބުދުﷲ ދެއްކެވި ވާހަކާގައި ވިދާޅުވެފައި ވެއެވެ.