ޖަޕާނު ސަރުކާރުން 5.6 މިލިއަން އެމެރިކާ ޑޮލަރުގެ ސިއްހީ ސާމާނު ދިވެހި ސަރުކާރަށް ހަދިޔާކޮށްފިއެވެ.

އެތަކެތި ހަވާލުކުރުމަށް އިއްޔެ ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރުގައި ބޭއްވި ރަސްމިއްޔާތުގައި، ސަރުކާރުގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ހެލްތު މިނިސްޓަރު އަހުމަދު ނަސީމެވެ. ޖަޕާނުގެ ފަރާތުން ސޮއިކުރެއްވީ އެ ގައުމުން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ކެއިކޯ ޔަނާއީ އެވެ.

Ad
rt

މި އެހީތެރިކަމަކީ ކޯވިޑް-19 ބަލިމަޑުކަމުގެ ސަބަބުން ސިއްހީ ދާއިރާއަށް ދިމާވެފައިވާ ތަކެތީގެ ދަތިކަން ހައްލުކޮށް ވަސީލަތްތައް އިތުރުކުރުމުގެ ބޭނުމުގައި ޖަޕާނު ސަރުކާރުން ވެދެއްވި އެހީއެކެވެ. ދިވެހިރާއްޖޭގައި ހުންނަ ޖަޕާނު އެމްބަސީއިން ބުނެފައިވާ ގޮތުގައި، ހަދިޔާކުރި ތަކެތީގެ އަގު 600 މިލިއަން ޖަޕަނީސް ޔެން (5.6 މިލިއަން އެމެރިކާ ޑޮލަރު)އަށް އަރާނެއެވެ.

އެގޮތުން ޖަޕާނުން ހަދިޔާކުރި ޞިއްޙީ ސާމާނުތަކުގެ ތެރޭގައި ހޮސްޕިޓަލްތަކުގެ ޚިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށް 65 ބެޑްސައިޑް މޮނީޓަރާއި، 19 ޕޯޓަބަލް އަލްޓްރާ ސައުންޑް އިމޭޖް ސިސްޓަމާއި، 19 ޑިފިބްރިލޭޓަރސް، 10 ޕޯޓަބަލް އެކްސްރޭ މެޝިން، 132 ސިރިންޖް ޕަމްޕާއި، 132 ސިރިންޖް ޕަމްޕް އެސެސަރީޒް ހިމެނެއެވެ. މި ތަކެތީގެ އަގު 600 މިލިއަން ޖަޕަނީސް ޔެން ނުވަތަ ގަތްގަނޑަކަށް 5.6 މިލިއަން ޑޮލަރަށް އަރާނެކަމަށްވެސް ޖަޕާން އެމްބަސީން ވިދާޅުވެއެވެ.

އެއީ ރީޖަނަލް ހޮސްޕިޓަލްތަކާއި އަތޮޅު ހޮސްޕިޓަލްތަކުން ދޭ ހިދުމަތުގެ ފެންވަރު ރަނގަޅު ކުރުމަށާއި ކޯވިޑް19 އާ ދެކޮޅަށް ރާއްޖެއިން ކުރާ މަސައްކަތްތައް އިތުރަށް ރަނގަޅުކުރުމަށް ފޯރުކޮށްދިން އެހީތެރިކަމެއް ކަމަށް ޖަޕާން އެމްބަސީން ވިދާޅުވިއެވެ.

ދިވެހިރާއްޖޭން ކޯވިޑް-19ގެ ބަލިމަޑުކަމުން އަރައިގަތުމަށް ކުރާ މަސައްކަތްތަކުގައި ޖަޕާނުން އަންނަނީ ބޮޑެތި އެހީތަކެއް ފޯރުކޮށް ދެމުންނެވެ. ޖަޕާނަކީ ޒަމާނުއްސުރެ ރާއްޖެއަށް ގިނަ އެހީތެރިކަމެއް ފޯރުކޮށްދެމުން އަންނަ ޤައުމެއްކަން ފާހަގަ ކޮށްލެވެއެވެ. މި ގޮތުން މިފަހުން ޖަޕާނުން ރާއްޖެއަށް ފޯރުކޮށްދިން އެހީތެރިކަމަށް ބަލާއިރު، 128 މިލިއަން ޖަޕަނީސް ޔެން ނުވަތަ 19 މިލިއަން ރުފިޔާގެ އަގުހުރި މަތީ ތަޢުލީމަށް ކިޔެވުމުގެ ފުރުޞަތު ރާއްޖޭގެ 24 ދަރިވަރަކަށް ޖާޕަނު ސަރުކާރުގެ ޚަރަދުގައި ހަމަޖައްސައި ދިނުމުގެ އެއްބަސްވުމުގައި 2020 ވަނަ އަހަރުގެ އޯގަސްޓް 5 ވަނަ ދުވަހު ވަނީ ސޮއިކޮށްފައި އެވެ.

މީގެ އިތުރުން 2020 ވަނަ އަހަރުގެ ޖޫން 7 ވަނަ ދުވަހު ވަނީ ރާއްޖެއަށް ބޭނުންވާ މެޑިކަލް އިކުއިޕްމަންޓް ގަތުމަށް، ޖަޕާނު ސަރުކާރުން ރާއްޖެއަށް 86.4 މިލިއަން ރުފިޔާގެ ހިލޭ އެހީ ދިނުމުގެ އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ. އަދި ހަމަ އެ އަހަރުގެ މޭމަހުގެ 21 ވަަނަ ދުވަހުވެސް ޖަޕާނާއި ދިވެހި ސަރުކާރާއި ދެމެދު ވަނީ ބޮޑު އެހީގެ އެއްބަސް ވުމެއްގައި ސޮއިކޮށްފައެވެ. އެފަހަރު ރާއްޖޭގެ ބޯޑަރު ބެލެހެއްޓުން އިތުރަށް ހަރުދަނާކުރުމަށާއި ޓެރަރިޒަމާ ދެކޮޅަށް މަސައްކަތްކުރުމަށް މޯލްޑިވްސް ކަސްޓަމްސް ސަރވިސްއާއި މޯލްޑިވްސް އިމިގްރޭޝަންގެ ގާބިލްކަން އިތުރުކުރުމަށް ޖަޕާނު ސަރުކާރުން 68.7 މިލިޔަން ރުފިޔާގެ ހިލޭ އެހީ ދިނުމަށް ވަނީ ނިންމާފައެވެ.

އެމްއެންޑީއެފްގެ މެރިޓައިމް ޕޮލިއުޝަން ރެސްޕޯންސް ވަރުގަދަ ކުރުމަށް ބޭނުންވާނެ ސާމާނު ހޯދުމަށް މިދިޔަ އަހަރުގެ އޯގަސްޓް 17 ވަނަ ދުވަހު ވެސް ޖަޕާނު ސަރުކާރުގެ ފަރާތުން ވަނީ ރާއްޖެއަށް 2.8 މިލިއަން ޑޮލަރުގެ އަގު ހުރި ސާމާނުގެ އެހީއެއް ދީފައެވެ.

މީގެއިތުރުން ވެސް ޖަޕާނުން ގިނަ މަތީތައުލީމްގެ ފުރުޞަތުތަކާއި، މާލީ އަދި ސާމާނުގެ އެހީތެރިކަން ފޯރުކޮށް ދެމުން އަންނައިރު 2019 ވަނަ އަހަރުގެ އޮކްޓޯބަރު މަހުވެސް ޖަޕާނުން ވަނީ 21 ޕެރަމެޑިކް އެމްބިއުލާންސް ރާއްޖެއަށް ހަދިޔާކޮށްފައެވެ. 1.4 މިލިއަން އެމެރިކާ ޑޮލަރުގެ އަގުހުރި މި އެހީގެ ދަށުން ހަދިޔާކުރި އެމްބިއުލާންސް 15 އަތޮޅެއްގެ 21 ރަށަށް ވަނީ ހަދިޔާކޮށްފައެވެ.