ގެދަބުޅި ބަދިގެއަކުން ސިރުހާނުގެ މޮޅު ހުނަރު

FFD51691-C5A1-430B-9542-DFB79500F0F6

ދުމަށީގެ ބިތްދޮށުން ފެންނަންހުރި ފާރު ތަތްތެޅިފައި ވަނީ ގެދަބުޅިންނެވެ. ބިތުގައި ބޮޑު ދޮލަނގަކާއި މަސްދަނޑިގަނޑެއް އަޅުވާފައި ހުއްޓެވެ. މަތިން ތިރިއަށް އެ ބިތުގައި ވަނީ ބޮޑު ރެނދެއް ލާފައެވެ. އުދުންމަތީ ސައި ކުރަޔަކާއި، ތާހެއް ވެސް ހުއްޓެވެ. ކިޔައިދެނީ ދިވެހީންގެ ސާދާ ދިރިއުޅުމެވެ. ބުނެދެނީ ޒަމާންވީ ދިވެހި ބަދިގެއެއްކަމެވެ. ނަމަވެސް އެއީ މަންޒަރެކެވެ. ކުރެހުމެކެވެ. ކުލަ ފިހީގެ ސިފަ ކުރުމެކެވެ. ކިޑިކީއަކުން އެ ފެންނަނީ ހަމަ މިޒަމާނުގެ ފަހުގެ ބަދިގެކެވެ.

ހުޅުމާލެ ދަ ޝެފް މޯޑު ބަދިގެ ރެސްޓޯރެންޓުގެ ދޮރުން ފެށިގެން، އެތަނުގެ އެތެރެ އާއި އެންމެ ބިތުން ފެނަން އެ ހުރީ ހދ ވައިކަރަދޫ މާޒީ މުހައްމަދު ސިރުހާނު (ސިރޭ) ހުނަރެވެ. އޭނާގެ މޮޅު ކުރެހުންތަކެވެ. ކުލަފިހިން ދައްކާލި ޖާދޫއެވެ. ބަދީގޭގެ މި ހިތްގައިމު ކުރެހުމަކީ އޭނާގެ ކުރެހުމުގެ ހަޔާތުގައި މިހާތަނަށްކުރި އެންމެ ބޮޑު އަދި އެންމެ ބުރަ މަސައްކަތެވެ.

"މި ބަދިގޭގެ މަސައްކަތަކީ ކުރެހުމުގެ ހަޔާތުގައި އަހަރުން ކުރި އެންމެ ބޮޑު މަސައްކަތް، އަދި މިއީ އެންމެ ތާފާތު މަސައްކަތް، އެންމެ ހާއްސަކަމަކީ ހުރިހާ ކުރެމެއް ކުރަހާފައި އެވަނީ ކަޅާއި ހުދުން، ހުންނާނެ ކޮފީ ބޭނުން ކޮށްގެން ފާރަށް ކުލަ އަރުވާފައި، އެއީ އަދި މުޅިން އައު ތަޖުރިބާއެއް"

ސިރުހާނު ބުންޏެވެ.

ކުލަ ފިހި ހިފައިގެން ވަތްއިރު އެއީ ޒަމާނީ އިމާރާތެކެވެ. ފެންނަން ހުރީ ސިމެންތި ޖަހާ، ކުލަ ލާފައި ހުރި ހަރަތުފާރެވެ. ނަމަވެސް ސިރުހާނުގެ ކުރެހުމުގެ ހުނަރާއެކު އޭނާ އެތަން އެ ބަދަލުކޮށްލީ، މާ އިހު ޒަމާނެއްގެ ދިވެހި ބަދިގެއަކަށެވެ. އެ ބަދިގޭގެ ބިތުގައި ކުރަހާފައި ހުރީ ދިވެހީންގެ ދިރިއުޅުން ބުނެދޭ ތަސްވީރުތަކެވެ. އެ ކުރެހުންތަކާއި، ކުލަތަކާއި، ސިފަކުރުން އެފަދަ ދެވަނައެއް ނެތްހާ ފުރިހަމައެވެ. އެހާ ހިތްގައިމެވެ. އެހެންކަމުން އެތަނަށް ޒިޔާރަތްކުރާ ކޮންމެ މީހަކުވެސް މާޒީގެ ފުން ހަނދާންތަކެއްގެ ތެރެއަށް ގެންގޮސްދޭނެ ކަން ޔަޤީނެވެ.

"މިއީ ވަރަށް ސައުގުވެރިކަމާއެކު ކުރެވުނު މަސައްކަތެއް، އަބަދުވެސް ވަރަށް ބަލަން ދިވެހީންގެ ކުރީގެ ދިރިއުޅުން ހުންނަގޮތް، އެކަހަލަ މަންޒަރުތައް ވަރަށް ކުރަހާ ހިތްވޭ، އެހެންކަމުން މިއީ ހަމަ ވަރަށް ހިތްހަމަ ޖެހިގެން ކުރެވުނު މަސައްކަތެއް، ވަރަށް އުފާވި މިކަހަލަ ފުރުސަތެއް ލިބުނީމަ"

މަސައްކަތާއި މެދު ވާހަކަ ދައްކަމުން ބަދިގޭގައި ހުރެފައި ސިރުހާނު ބުންޏެވެ.

ކުރެހުމަކީ އޭނާ އާއި ވަކިނުވި ހުނަރެކެވެ. އެކަން ނުކުރާ ހަނދާނެއް ނުވެއެވެ. އެންމެ ކުޑަ އިރުވެސް ކުރަހައެވެ. ސްކޫލުގައި އުޅުނުއިރު އާރޓުގެ މަސައްކަތުގައި އެއީ ހުނަރުވެރި ދަރިވަރެކެވެ. އެހެންކަމުން މިއަދު ވެސް ސިރުހާނުގެ މަސައްކަތަކީ ކުރެހުމެވެ. ވަޒީފާއަކީވެސް އެއީއެވެ. އޭނާގެ ކުރެހުންތައް މިހާރުވެސް އެކިތަންތަނުން ފެނަން އެބަހުއްޓެވެ. އޮގޮތުން ބަދިގޭގެ ކުރެހުންތަކާއި ހުޅުމާލޭ ސޭންޑްވިޗް ރެސްޓޯރެންޓުގެ ކުރެހުން އޭނާ ފާހަގަ ކޮށްލިއެވެ. މީގެ އިތުރުން ސުކޫލުތަކާއި، ހިތާނުކުރާ ގެތަކުގައި ވެސް ކުރެމުގެ މަސައްކަތް ކުރެއެވެ.

މިހާރު ސިރުހާނު މަސައްކަތް ކުރަނީ ލިލީބީޗް ރިސޯޓްގެ އާރޓިސްޓެއްގެ ގޮތުގައެވެ. މިހާ ހިސާބަށް އޭނާ ގެނެސްދިނީ ވަރަށް ގިނަ ބަޔަކެއްގެ ސަޕޯޓާއިއެކު އެމީހުން ދިން ހިތްވަރެވެ. އެގޮތުން ކުރެހުންތައް ބަލައި ގަނެ، އެ ދާއިރާއިން ކުރިއަށް ދިއުމަށް އާއިލާ އާއި، ރައްޓެހީންގެ ފާރާތުން ލިބުނު ހިތްވަރަކީ މިއަދުވެސް އެމަސައްކަތުގައި ދެމިހުރި މައިގަނޑު ސަބަބެވެ. ހާއްސަކޮށް ވައިކަރަދޫއަށް ނިސްބަތްވާ ދެ އާރޓިސްޓުން ކަމަށްވާ ކުރަހާ ރާއްޕެއާއި ސިރުއާރޓްގެ ސިރުބެގެ ނަން އޭނާ ފާހަގަކޮށްލިއެވެ.

ސިރުހާނު ޤަބޫލުކުރާ ގޮތުގައި ދިވެހި ރާއްޖޭގައި މިހާރުވެސް ވަރަށް ހުނަރުވެރި ކުރެހުންތެރިން އެބަތިއްބެއެވެ. ދުނިޔޭގެ ފެންވަރުގެ ކުރެހުންތެރިންނާ އެއް ހަމައަށްވެސް ދެވިދާނެއެވެ. އޭނާގެ އަޒުމެއް އެބައޮތެވެ. ކުރެހުމުގެ ދާއިރާގައި ދެމިހުރުމެވެ. ކޮންމެ ފުރުސަތެއްގެ ބޭނުން ހިފުމެވެ. ރަނގަޅު އާމްދަނީއެއް ހޯދައި، އެ ދާއިރާއިން މާތީ ހަރުފަތެއްގައި ފައިތިލަ ސާބިތުކޮށްލުމެވެ.

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

Share on facebook
Share on twitter
Share on linkedin
Share on telegram
Share on whatsapp
Share on email

ހިޔާލު ދެއްވާ!

Your email address will not be published.