ޤައުމެއް ފުދުންތެރިވާނީ، އެ ޤައުމެއްގެ އުފެއްދުން ތެރިކަން އިތުރުކޮށްގެންކަމަށާއި، މިއީ ރާއްޖޭގެ ފުދުންތެރިކަން އިތުރުކުރާން މަސައްކަތް ކުރާންވީ ވަގުތު ކަމަށާއި، ދައުލަތުގެ ޚާރިޖީ ވަޒީރު ނާށިގަނޑު ހިފައިގެން ބޭރު ޤައުމުތަކުގެ މީހުންގެ ގާތަށް ސަލާންޖަހަން ދިޔައިމާ ލަދުވެތިކަން އިހްސާސްވެ ވަޑައިގަންނަވާ ކަމަށް ކެންދޫ ދާއިރާގެ މެންބަރު ޢަލީ ޙުސައިން ވިދާޅުވެއްޖެއެވެ.
2021 ވަނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓު ބަހުސްގައި ވާހަކަ ދައްކަވަމުން ޢަލީ ވިދާޅުވީ ސަރުކާރުން ހުށަހަޅާފައިވަނީ ހާލަތާއިގުޅޭ އަދި ހެޔޮ ނިޔަތް އޮތް ބަޖެޓެއްކަން ޤަބޫލު ކުރަށްވާ ކަމަށެވެ.
ނަމަވެސް ބަޖެޓާއިމެދު ވާހަކަދައްކާއިރު ރިކަރަންޓް ޚަރަދުގެ ވާހަކަ ފާހަގަކުރަން ބޭނުންކަމަށް އޭނާ ވިދާޅުވިއެވެ. މިގޮތުން ޓެކްސްގެ ފައިސާގެ ގޮތުގައި ލިބޭ އަދަދަށް ވުރެ ރިކަރަންޓު ޚަރަދު ނުވަތަ ހިންގުމުގެ ޚަރަދު ބޮޑުވީމާ އެކަމާ މެދު ކަންބޮޑުވެވަޑައިގަންނަވާ ކަމަށް ވިދާޅުވިއެވެ.
''އެއީ ޒަމާނުއްސުރެ އަޅުގަނޑުމެން މި ކިޔަނީ ލަދެއް ނެތި އަތްދިމާކުރުމީ ތިމާގެ އެދުންތަކާ މެދުގައި، ހިނގާ އަނެކަކުގެ ގާތަށް ގޮސް ކަމެއްތޯ ހުތުރު ނުވެދާނޭ. ހަމަ އޭގެ ކުރިން މި އޮންނަނީ؟ ލިބޭ މިންވަރު ނިކަން ދަނެގެން، މި ބޭނުންތައް ބަހާލައިގެން، ތިބޭނަމައީ ފިކުރުކޮށްގެން، މި ބޭޒާރެއް ނުވެސް ވާނެ.''
ޢަލީ ވިދާޅުވިއެވެ. އަދި އޭނާ ވިދާޅުވީ އެއީ ހަމައެކަނި ރައްޔިތުންނަށް ނިސްބަތްކޮށް ނުވަތަ މީހުންނަށް ނިސްބަތްކޮށް ޅެންވެރިޔާ ބުނެފައި އޮތް ބުނުމެއްކަމަށް ގަބޫލު ނުކުރެއްވޭ ކަމަށެވެ.
''2020 ވަނަ އަހަރު ދައުލަތުގެ ޚާރިޖީ ވަޒީރު ނާށިގަނޑު ހިފައިގެން ބޭރު ޤައުމުތަކުގެ މީހުންގެ ގާތަށް ސަލާންޖަހަން ދިޔައިމާ އަޅުގަނޑު ލަދުގަނޭ. ހަމަ އެއާއެކީގައި ޚާރިޖީ ވަޒީރު އެކި ޤައުމުތަކުގައި އަޅުގަނޑުމެންގެ ނަމުގައި ސަލާންޖަހަން ދާންޖެހުނީމާ ވެސް އަޅުގަނޑު ލަދުގަނޭ. އަޅުގަނޑުމެން މި އޮތްހާ ދުވަހު މި ކިޔަމުން މި އައީ ރައްޔިތުން ސަލާންޖެހުމުން މިނިވަންކޮށް، ރައްޔިތުން ބޭސްފަރުވާއަށް ސަލާންޖަހާކަށްނުޖެހޭނޭ. ރައްޔިތުން ފޮތްފަންސުރަށް ސަލާންޖަހާކަށްނުޖެހޭނޭ. އެހެންވީމާ، އަޅުގަނޑު ދަންނަވަން މި އުޅޭ ވާހަކައަކީ، 21 ވަނަ ގަރުނުގައި ހަމަ ޙަޤީޤަތުގައި ދައުލަތަކުން ވެސް؟ ދިވެހި ދައުލަތުން ހަމަގައިމު ވެސް ސަލާންޖަހަންނުޖެހޭނެ މަގަކަށް އަޅުގަނޑުމެންގެ މިސްރާބު އެބަޖެހޭ ބަދަލުކުރަން. އެ މިސްރާބު ބަދަލުކުރެވޭނެ ހަމައެކަނި ގޮތެއް ކަމަށް އަޅުގަނޑަށް ވިސްނެނީ، އުފެއްދުންތެރިކަން އިތުރުކުރުން.''
ޢަލީ ވިދާޅުވިއެވެ.
އޭނާ އިތުރަށް ވިދާޅުވީ ޤައުމެއް ފުދުންތެރިވާނީ ޤައުމެއްގެ އުފެއްދުން ތެރިކަން އިތުރުކޮށްގެންކަން ކަމަށެވެ.
''އެހެންނަމަވެސް، މި ވަގުތު މި ސަރުކާރު ހިންގަވަން ތިއްބެވި އިކޮނޮމިކް އަދި ފައިނޭންސް ދާއިރާގައި ތިއްބެވި ބޭފުޅުން ނިންމެވިނިންމުމަކީ މިއީ ދަތި ހާލެއް ކަމުގައި ވިޔަސް ޚަރަދުކުރާ މިންވަރު ކޮންމެހެން މަޑުނުޖައްސާ ޚަރަދުތައް ކޮށްގެންނޭ އިކޮނޮމިކް އިޤުތިޞާދު ބޫސްޓުވާ ނުވަތަ އެ ބޭފުޅުން އެ ވިދާޅުވާ މަލްޑިޕްލަޔަރ އިފެކްޓު އައިސްގެން، ތިކިފޭދޭ އިކޮމިކްސް ނުވަތަ ޓްރިކުލް ޑައުން އިފެކްޓު އައިސްގެން ރައްޔިތުންނަށް ފައިސާ ބެހިގެން ހަމަޖެއްސޭނީ އެގޮތަށް.''
ޢަލީ ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ އެއީ ހަމަ ރަނގަޅު ޚިޔާލަކަށް ވެސް ވެދާނެ ކަމަށާއި، މި ވިސްނުން ރަނގަޅުތޯ ނުވަތަ ނޫންތޯ އަދި ނިންމަން، ނުވަތަ މިނެކިރައި ވަޒަންކުރަން އެނގޭނީ މި ހާލަތު ނިމިގެންދާ ގޮތަކުން ކަމަށެވެ.
''އެހެންނަމަވެސް، އަޅުގަނޑަށް ގަބޫލުކުރެވޭ އެއް ޙަޤީޤަތެއް އެބައޮތް. ޓޫރިސްޓް ރިސޯޓެއްގެ މޭޒުމަތީގައި އޮންނަ ފޭރުފޮތްޗަކީ އިންޑިއާގައި ހައްދާފައި ހުރި ފޭރުގަހަކުން ގެނެސްފައިއޮތް ފޭރެއް ކަމަށް ވާނަމަ، އޭގެ ފައިދާ ލިބޭނީ އިންޑިއާ މީހާއަށް. އަޅުގަނޑުމެންގެ މި ޤައުމުގެ އުފެއްދުންތެރިކަން ކުރިއެރުވުމަށް ޓަކައި އިންތިހާއަށް އަޅުގަނޑުމެން މަސައްކަތްކުރަން އެބަޖެހޭ.''
ޢަލީ ވިދާޅުވިއެވެ.
އަލަށް އުފައްދާ ސްޓާޓްއަޕްތަކަށް ވެސް، އަދި ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ވެސް ބަޖެޓުގައި ހިމަނާފައިހުރިކަން އެނގިވަޑައިގަންނަވާ ކަމަށާއި، ހަމައެކަނި ބަޖެޓުގައި ހިމެނުމަކުން ނުފުދޭކަން ވެސް އެނގިވަޑައިގަންނަވާ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ރައްޔިތުން ރައީސުލްޖުމުހޫރިއްޔާގެ ކިބައިން އެދޭއެދުންތަކެއް ހުންނަކަންވެސް ކަމަށް އޭނާ ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ އެމެރިކާއަށް ކެޓްރީނާ ކިޔާ ބޮޑުސިންގާ ތޫފާނެއް އައިމާ އެތަނުގެ ރައްޔިތުން އެންމެ ބޮޑަށް އެދެމުންދިޔައީ، ރައީސް އޮބާމާ، އެ ތަނަށް ވަޑައިގަތުން ކަމަށެވެ. އަދި އެއީ އެ ތޫފާންގެ އަސަރުކުރި ސަރަޙައްދުތަކުގައި ދިރިއުޅުނު އެމެރިކާގެ ރައްޔިތުން އެދެމުންދިޔަ ކަންތައް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
''އެގޮތަށް ދިވެހި ރައްޔިތުން ވެސް އެބައެދޭ، ދިވެހި ޤައުމު މިދާ މިސްރާބު ސީދާ ރައީސުލްޖުމުހޫރިއްޔާ ނިކުމެ ދައްކަވައިދެއްވުން. ފުދުންތެރި ޤައުމަކަށް ހެދޭނީ އުފެއްދުންތެރިކަން އިތުރުކޮށްގެންކަން، ރައީސުލްޖުމުހޫރިއްޔާ ނިކުމެ އެކަން ކުރަންވީ ގޮތް ރައްޔިތުންނަށް ކިޔައިދެއްވަން އެބަޖެހޭ. އެކަން ކުރާކަށް މާ އުނދަގުލެއް ވެސް ނުވާނެ. ރައީސުލްޖުމުހޫރިއްޔާ ނުވަތަ ސަރުކާރުގެ އިސްވަޒީރުން އެބަޖެހޭ އެ ބޭފުޅުން ކާ މޭޒުމައްޗަށް އަރުވާފައި އިންސްޓަގްރާމްގައި އެބަޖެހޭ ލިޔުއްވަން އެބޭފުޅުން ކާއެއްޗެއް ކަނީ ކޯއްޗެއްތޯ؟ ދިވެހި އުފެއްދުންތޯ، މުރަނގަފަތްތޯ، ރާއްޖޭގައި އުފައްދާފައި ޓޮމާޓޯތޯ، ނޫނިއްޔާ ރާއްޖޭގައި އުފައްދާފައި ހުރި ފަލަމަޑީގެ ބާވަތްތޯ ރައްޔިތުންނަށް ފެންނަ ގޮތަށް އެބަޖެހޭ ޕޯސްޓުކުރައްވަން. މިއީ ރައްޔިތުންނަށް މިސާލު ދެއްކުން. މި މިސާލުން ޢިބްރަތް ހާސިލުކުރާނެ ރައްޔިތުންނަށް ވިސްނޭނެ، މިއީ އުނދަގޫ ހާލަތެއްކަން މިހާލަތުން އަރައިގަތުމަށް ޓަކައި ތިމަންނަމެންގެ އަތްތަކުން މަސައްކަތްކުރަން އެބަޖެހޭކަން.''
ޢަލީ ވިދާޅުވިއެވެ.
މިއަދު ތިމާމެން ކުރި މަސައްކަތަކުން ނޫނީ ޤައުމު އާރާސްތުނުކުރެވޭނެކަމުގެ ވިސްނުން ހުރިހާ ރައްޔިތުންގެ ބޮލަށް ވައްދައިދޭން ބަޖެހޭ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
ފުދުންތެރިކަމުގެ ވާހަކަދައްކާއިރުގައި ދިވެހިރާއްޖޭގައި، ހަމައެކަނި ދިވެހިރާއްޖެއަށް ވަރަށް ޚާއްޞަ ސިފަތަކެއް އެކުލެވޭ ވަރަށް ގިނަ ކާނާގެ ބާވަތްތަކެއް ހުރިކަން ފާހަގަކުރަށްވާ އޭނާ ވަނީ ދިވެހި ކުރުނބާ މިސާލެއް ގޮތުން ނަންގަވާފައެވެ. އަދި ދިވެހި ކުރުނބަލަކީ އެއްވެސް ގޮތަކަށް ކެމިކަލެއް ނާޅާ އުފައްދާ އެއްޗެއްކަން ފާހަކުރަށްވައި ވިދާޅުވީ ދިވެހިރާއްޖޭގެ ޓޫރިޒަމް ޕްރޮމޯޓުކުރާ ގޮތަށް ދިވެހިރާއްޖޭގައި އުފައްދާ ކުރުނބާ، ރާއްޖެއަށް ޒިޔާރަތްކުރާ ކޮންމެ ޓޫރިސްޓަކު ވެސް، ދިވެހިރާއްޖޭގައި އުފައްދާ އެއް ކުރުނބާ ބޯލާވަރަށް ނުވަތަ ބޯލާނޭ މިންވަރަށް އެކަން އިޝްތިހާރުކުރެވޭ ކަމަށް ވާނަމަ، ދިވެހީންނަށް ދިވެހީންގެ އުފެއްދުންތެރިކަމަށް އޭގެ ފައިދާކުރާނެ ކަމަށެވެ.
ދިވެހިރާއްޖޭގައި އަދި މިހާތަނަކަށް މާ ގިނަ އިންޑަސްޓްރީތަކެއް އުފެދިފައެއް ނެތް ކަމަށާއި، ހަމައެކަނި މި އޮންނަނީ ދެތިން ކަމެއްކަން ފާހަގަކުރަށްވާ ޢަލީ ވިދާޅުވީ، އޭގެތެރެއިން މަސްވެރިކަމަށް ބަލާއިރުގައި މި ޕެންޑަމިކްގެ ތެރޭގައި ވެސް އަދި މިއަދު ވެސް 40 ދޯނި ކަންނެލި ބާނައިގެން، ކަންނެލި ނުކިރިގެން ކިއުގައި ތިބިކަމަށެވެ.
''އެހެންނަމަވެސް، އަޅުގަނޑު މިއިން ކޮންމެ ފިހާރައަކަށް ދާއިރު ވެސް ބްރެޒިލްގައި ހަދާފައި ހުންނަ، ގޮތް ނޭނގޭ ގޮތަށް ހަދާފައި ހުންނަ ކުކުޅު އެބަހުރޭ ވަރަށް އަގު ހެޔޮކޮށް ލިބެން. އެހެންވީމާ، ގިނަ ބަޔަކަށް! އަޅުގަނޑު ދަންނަވަން މި އުޅޭ ވާހަކައަކީ، ދިވެހި މަސްވެރިކަމަށް އެކަށީގެންވާ ޑިމާންޑް ދިވެހިރާއްޖޭގައި ވެސް އަޅުގަނޑުމެން އަޅުގަނޑުމެންނަކަށް ނޫފެއްދޭ. އަދި އަޅުގަނޑުމެންނަށް އެކަށީގެންވާ ޑިމާންޑް ރާއްޖެއިން ބޭރު ޤައުމުތަކުގައި ވެސް އަޅުގަނޑުމެންނަށް އުފެއްދިފައެއް ނެތޭ. އަޅުގަނޑުމެންގެ އިކޮނޮމީ ނުވަތަ އަޅުގަނޑުމެންގެ އިޤުތިޞާދު ޑައިވަރސިފައިނުކޮށް އިތުރު އިންޑަސްޓްރީތަކެއް އަޅުގަނޑުމެން ނުހޯދާ މި ޤައުމުގައި އަޅުގަނޑުމެންނަށް ދިމާވެފައިވާ މައްސަލަތަކަށް އަޅުގަނޑުމެންނަށް ޙައްލެއް ހޯދައެއް ނުދެވޭނެ.''
ޢަލީ ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ދިވެހި ރައްޔިތުން އަބަދުވެސް މި ބޭނުންވަނީ، އެއް ހަރުފަތުން އަނެއް ހަރުފަތަށް ދާން ކަމަށާއި، ދިވެހި ޒުވާނުން ބޭނުންވަނީ އެމީހުންގެ މުސްތަޤްބަލް އުޖާލާވާން ކަމަށެވެ. އެހެންކަމުން ކޮންމެ ބަޖެޓަކުން ވެސް ރައްޔިތުންގެ އުއްމީދުތައް ހާސިލުވާނެ ގޮތް ދައްކަދޭންޖެހޭ ކަމަށް އޭނާ ފާހަގަ ކުރެއްވިއެވެ.
2021 ވަނަ އަހަރަށް ލަފާކުރާ ދަޢުލަތުގެ ބަޖެޓްގެ ބަހުސް މިހާރު ނިމިފައިވާއިރު، ބަޖެޓް ރިޕޯޓަށް ތަޅުމުގައި ބަހުސްކޮށް މިމަހުގެ 23 ވަނަ ދުވަހު ބަޖެޓަށް ވޯޓަށް އަހާނެ ކަމަށް މަޖިލީހުގެ ރައީސް ވަނީ ވިދާޅުވެފަ އެވެ. ބަޖެޓް ބަހުސްގައި ބައިވެރިވެ ވަޑައިގަތީ މަޖިލީހުގެ 87 މެންބަރުން ތެރެއިން 69 މެންބަރެކެވެ.
އަންނަ އަހަރަށް ލަފާކޮށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ބަޖެޓްގެ ޖުމްލައަކީ 37.79 ބިލިއަން ރުފިޔާ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!