ރަނގަޅު އިންޓަރނޭޝަނަލް އެއަރޕޯޓެއްގެ ގޮތުގައި ހަނިމާދޫ އެއަރޕޯޓް ތަރައްޤީކޮށް ހިންގުމަކީ މުޅި އުތުރާއި، ރާއްޖޭގެ ތަރައްޤީ އެކަމުން ބޮޑު ހިއްސާއެއް ލިބޭނެ ކަމެއް ކަމަށް ބާރަށު ދާއިރާގެ މެންބަރު އަޙްމަދު ޢަބުދުﷲ ވިދާޅު ވެއްޖެއެވެ.

މެންބަރު އަޙްމަދު މިހެން ވިދާޅުވީ މިއަދު ކުރިއަށް ދިޔަ ރައްޔިތުންގެ މަޖިލިސްގެ ޖަލްސާގައި، 2021 ވަނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓުގެ ބަހުސްގައި ވާހަކަ ދައްކަވަމުން ނެވެ.

Ad
rt

އަޙްމަދު ވިދާޅުވީ ދިވެހިރާއްޖޭގައި ތަރައްޤީއަށް ޓަކައި ވަރަށް ބޮޑު އެއް ވަސީލަތަކަށް އަދި އެންމެ މުހިންމު އެއް ވަސީލަތަކަށް ބޭނުންވެފައިވަނީ ހަނިމާދޫ އެއަރޕޯޓް ރަނގަޅު އިންޓަރނޭޝަނަލް އެއަރޕޯޓެއްގެ ގޮތުގައި ހިންގުން ކަމަށެވެ. އަދި ޚާއްޞަކޮށް އުތުރުގެ ތަރައްޤީއަށް ވެސް އެ ކަމަކީ ވަރަށް ބޭނުންތެރި ކަމެއް ކަމަށް އަޙްމަދު ވިދާޅުވި އެވެ.

''އެއީ އަޅުގަނޑުމެންގެ މުޅި އުތުރުގެ ނޫނީ މުޅި ރާއްޖޭގެ ތަރައްޤީއަށް ޓަކައި ވެސް އެކަމުން ބޮޑު ހިއްސާއެއް ލިބިގެންދާނެ ކަމެއް. އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންނަށް މަންޒަރު ފެންނަނީ މިދެންނެވި މަސައްކަތްތައް ވެސް 2021 ގައި ފެށި ކުރިއަށް ގޮސް، އަދި މިދެންނެވި އެއަރޕޯޓުގެ ޚިދުމަތް ދާދި އަވަހަށް ރައްޔިތުންނަށް ލިބިގެންދާނެ ކަމަށް. އެގޮތުން މިދެންނެވި އެއަރޕޯޓުގެ ޚިދުމަތް ލިބުނީމާ މިއަދު ގެސްޓްހައުސްތަކަށް އިންވެސްޓުކޮށްފައިވާ ފަރާތްތަކާއި އަދި މިނޫންވެސް ތަފާތު ވިޔަފާރީގެ ވިސްނުންތަކުގައި މަސައްކަތްކުރައްވަމުން ގެންދަވާ ފަރާތްތަކަށް އިތުރު ފަހިކަމެއް ލިބިގެންދާނެ. އަދި އެކަމުގެ ސަބަބުން އަންނަ ކުރިއެރުމާއި ތަރައްޤީގައި އެތައް ބައިވަރު ވަޒީފާތަކެއް އުފެދިގެންދާނެ. ހަމަ ޔަގީނުން ވެސް އެކަމުގެ ހެޔޮ މަންފާ ދިވެހި ރައްޔިތުންނަށް ލިބިގެންދާނެކަމީ އެއީ ޝައްކެއް އޮތް ކަމެއް ނޫން.''

އަޙްމަދު ވިދާޅުވި އެވެ.

އަޙްމަދު ވިދާޅުވީ ރާއްޖޭގައި މިއަދު އެންމެ ބޮޑަށް ޓޫރިޒަމަށް ބަރޯސާވެފައިވާވުމާއިމެދު، ވިސްނައި އިޤުތިޞާދީ އައު ވިސްނުންތަކެއް ތަޢާރަފްކުރަންޖެހޭ ކަމަށެވެ. ނޫނީ އިޤުތިޞާދު ކުރިއެރުވުމަށް ޓަކައި މަސައްކަތްތަކެއް ކުރަން ޖެހޭކަމަށް ވެސް އަޙްމަދު ވިދާޅުވި އެވެ.

''އަޅުގަނޑުމެންގެ ރާއްޖޭގެ ކަނޑު އަޅުގަނޑުމެންނަށް މިއަދު މި ބޭނުންކުރާ މިންވަރަށްވުރެ މާ ރަނގަޅަށް ބޭނުންކުރެވެން އޮތްއިރު، އަޅުގަނޑުމެން އެކަމުގެ ޕްލޭންތައް ހަދައި، މިދެންނެވި ގޮތަށް މަސައްކަތްކުރަންވީ ވަގުތު ޖެހިއްޖެކަމުގައި އަޅުގަނޑު ގަބޫލުކުރަން. އިއްޒަތްތެރި ރައީސް، ހަމަ އެއާއެއްކޮށް ބިން ބޮޑު ރަށްތަކުގައި އިންވެސްޓުކުރަން ބޭނުންވާ ފަރާތްތަކަށް ކުލި އެއީ އެންމެ ބޮޑު ނޫނީ ކުއްޔެއް ކަމުގައި ނުވެ، އަދި ކުލި އެއީ އާމްދަނީ ހޯދުމަށް އޮތް ވަސީލަތެއް ކަމުގައި ނުދެކި، ދަނޑުވެރިކަމުގައި އިންވެސްޓުކުރާ ފަރާތްތަކަށް ލުއި ގޮތުގައި ބިން ލިބި، އެ އިންވެސްޓްމަންޓުގެ ސަބަބުން ރައްޔިތުންނަށާއި ޤައުމަށް ފައިދާ ހޯދޭނެ ވިސްނުމަކަށް އަޅުގަނޑުމެން ޖާގަދޭންޖެހޭ ކަމުގައި އަޅުގަނޑު ގަބޫލުކުރަން.''

އަޙްމަދު ވިދާޅުވި އެވެ.

ހަމަ އެއާއެއްކޮށް ބިނާވެށީގެ ބިލު މަޖިލީހުން ފާސްވެގެންދާއިރު އަދި ރާއްޖޭގެ ތަރައްޤީއަށްޓަކައި ވިސްނުންތަކެއް ގެންގުޅޭއިރު، ދިވެހިރާއްޖޭގައި އިންވެސްޓުކުރަން ބޭނުންވެފައި ތިބި ރާއްޖޭގެ ރައްޔިތުންނަށް މަގުފަހިވާނެ ގޮތަށް ނޫނީ ބިން ގަނެވޭނެ ގޮތަށް ދިވެހިރާއްޖޭގެ ނިޒާމުތައް ތަރުތީބުވާންޖެހޭ ކަމަށް ވެސް އަޙްމަދު ވިދާޅުވިއެވެ.

އަޙްމަދު ވިދާޅުވީ ދިގު މުއްދަތަށް އިންވެސްޓުކުރަން ބޭނުންވާ ފަރާތްތަކަށް ވެސް އެފަދަ ފުރުޞަތު ބިން ބޮޑު ރަށްރަށުގައި، ބިމުގެ ތަނަވަސްކަން،
ޖާގައިގެ ތަނަވަސްކަން ހުރި ރަށްރަށުން ފަހިވެފައި އޮތުމަކީ މުހިންމު އަދި ބޭނުންތެރި ކަމެއް ކަމަށެވެ.

މިއަދުގެ ޖަލްސާގައި ބަހުސް ކުރިއަށް ގެންދަވަމުން އަޙްމަދު ވަނީ އޭނާ ތަމްސީލް ކުރަށްވާ ބާރަށު ދާއިރާގެ ރަށްތަކަށް ކަމަށްވާ ބާރަށް، އުތީމު، މުރައިދޫ އަދި ތަކަންދޫއަށް ބަޖެޓުން ދީފައިވާ ފުރުޞަތުތަކާއި، އެ ރަށްތަކަށް އިތުރަށް ބޭނުންވާ ކަންކަމާއި، ސަބަބުތަކާއި އެކު ފާހަގަ ކުރަށްވާ ވާހަކަ ދައްކަވާފަ އެވެ. އަދި އެރަށްތަކުގެ ރައްޔިތުންގެ އުންމީދު ތަކާއި އެއްގޮތަށް ބަޖެޓުން ފުރުޞަތު ހޯދުމަށް އޭނާ ވަނީ ވަކާލާތު ކުރަށްވާ ވާހަކަ ދައްކަވާފަ އެވެ.