ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު ރާއްޖެ އިސްލާމްވީ ދުވަހާއި ގުޅިގެން ކުރެއްވި ޓްވީޓަށް ރާއްޖޭގެ މަޝްހޫރު ދީނީ ޢިލްމުވެރިޔާ ޝެއިޚް އިލިޔާސް ހުސެއިން ހޫނު ރައްދެއް ދެއްވައިފިއެވެ.

ރާއްޖެ އިސްލާމްވީ ދުވަހުގެ ގޮތުގައި ހިޖުރީ ގޮތުން ކޮންމެ އަހަރެއްގެ ރަބީޢުލްއާޚިރު މަހުގެ ދެވަނަ ދުވަސް ދިވެހިން ފާހަގަ ކުރަމުން އަންނައިރު، މި ދުވަހުގެ ތަހުނިޔާ ކިޔުމުގެ ގޮތުން ރައީސް ނަޝީދު މިއަދު ކުރެއްވި ޓްވީޓްގައި ވިދާޅުވެފައިވަނީ އިސްލާމް ދީނުގެ މަތިވެރި ހަމަތަކަށް ރާއްޖެ ބޯލަނބަންފެށީ ސޫފީ ދަންނަ ބޭކަލުންގެ މަޑުމައިތިރި ސުލްހަވެރި މަސައްކަތްޕުޅުންކަމަށެވެ. އެހެން ނަމަވެސް ދިވެހިންގެ އަޤީދާ ބަދަލުކުރަން ތަފާތު ދަންނަ ބޭކަލުންގެ ނަމުގައި މީހުން މަސައްކަތް ކުރަމުން އަންނަ ކަމަށާއި ނަމަވެސް ދިވެހިންގެ އިސްލާމީ އަޤީދާއަށް ގުޑުމެއް ނާންނަ ކަމަށެވެ.

Ad
rt

މިފަދައިން ރައީސް ނަޝީދު ޓްވީޓް ކުރެއްވުމާއި ގުޅިގެން އެކަމަށް ރައްދު ދެއްވައި ޝެއިޚް އިލިޔާސް ހުސެއިން މިއަދު ކުރެއްވި ޓްވީޓްގައި ވިދާޅުވީ، ސައްހަ އަޤީދާއަކީ ކޮބައިކަން ނޭނގޭ ހާލު ދިވެހިންގެ އަޤިދާ ނުގުޑާނޭ ބުނެ ބާތިލު އަޤީދާތަކަށް ގޮވާލައި އަދި ދިވެހިން މަގުފުރައްދަން އުޅޭ މީހުންނާއި މެދު ސަމާލުވުމަށް ދިވެހި ރައްޔިތުންނަށް ގޮވާލާ ކަމަށެވެ.

ދިވެހިންގެ އަޤީދާއަކީ އަހުލުއް ސުންނާ ވަލް ޖަމާޢަތުގެ އަޤީދާ

އިލިޔާސްގެ ޓުވީޓުގައި ފާހަގަ ކުރައްވާފައިވެ އެވެ.

ރައީސް ނަޝީދުގެ ޓްވީޓާއި ގުޅިގެން ބައެއް ދީނީ ޢިލްމުވެރިންގެ އިތުރުން އާންމުން ވެސް ދަނީ ރައީސް ނަޝީދަށް ފާޑުކިޔުން އަމާޒުކުރަމުންނެވެ.

ރައީސް ނަޝީދުގެ ޓްވީޓާއި ގުޅިގެން ޑޮކްޓަރ މުޙައްމަދު އިޔާޒް މިއަދު ކުރެއްވި ޓްވީޓްގައި ވިދާޅުވެފައިވަނީ ސޫފީ އަޤީދާގެ މީހަކީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުކަމުގެ ޝަރުތު ފުރިހަމަ ވާނެ މީހެއް ނޫންކަމަށެވެ. އަދި މަޖިލީހުގެ މެމްބަރު ކަމުގެ ޝަރުތު ފުރިހަމަނުވާ މީހެއް އެ މަޖިލީހުގެ ރައީސްކަމަށް ޝަރުތު ހަމަނުވާނެ ކަމަށެވެ.

ޑ.އިޔާޒްގެ މި ޓްވީޓްގައި ރައްޔިތުން މަޖިލީހުގެ މެމްބަރަކަށް ވުމުގެ ޝަރުތުތައް ކަމަށް ޤާނޫނު އަސާސީގައިވާ މާއްދާގެ ފޮޓޯއެއްވެސް ވަނީ ހިމަނާފައެވެ.

ރާއްޖެ އިސްލާމްވީ ހިޖުރައިން 548 ވަނަ އަހަރުގެ ރަބީޢުލްއާޚިރް މަހުގެ ދެވަނަ ދުވަހުގައެވެ. ރާއްޖެ އިސްލާމްވި ދުވަހުގެ ގޮތުގައި ދިވެހި ދައުލަތުން މިދުވަސް ފާހަގަކުރައްވަން އެންމެ ފުރަތަމަ ފެއްޓެވީ ހިޖުރައިން 1374 ވަނަ އަހަރެވެ. އެ އަހަރުން ފެށިގެން 1387 ގެ ނިޔަލަށް 14 އަހަރު މި ދުވަސް ފާހަގަ ކުރެއްވުމަށްފަހު އޭގެ ފަހުން އެ ދުވަސް ފާހަގަކުރެއްވުން ވަނީ ހުއްޓަވާލައްވާފައެވެ. އެއަށްފަހު އަނެއްކާވެސް 1421 ވަނަ އަހަރުން ފެށިގެން ރާއްޖެ އިސްލާމްވި ދުވަސް ދަނީ ފާހަގަކުރައްވަމުންނެވެ.