2021 ވަނަ އަހަރުގެ ބަޖެޓުގައި 169 ރަށެއްގެ ފެނާއި ނަރުދަމާ ނިޒާމުގެ މަސައްކަތްތައް ކުރިއަށްގެންދިއުމަށްޓަކައި 1.2 ބިލިއަން ރުފިޔާ ހިމަނާފައިވާނެ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާޙީމް އަމީރު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލިސްގެ މިއަދުގެ ޖަލްސާގައި 2021 ވަނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓު ބަޔާން ހުށަހަޅުއްވަމުން މިނިސްޓަރު އަމީރު ވިދާޅުވީ މިއީ، ވޭތުވެދިޔަ އެއްވެސް ސަރުކާރަކުން އަތޮޅުތަކުގައި ހިންގާފައިނުވާވަރުގެ ބޮޑު މަޝްރޫޢެއް ކަމަށެވެ.

Ad
rt

މިނިސްޓަރު އަމީރު ވިދާޅުވީ ފެނާއި ނަރުދަމާގެ ޚިދުމަތަކީ ކޮންމެ ރައްޔިތަކަށްވެސް ލިބިދޭންޖެހޭ އަސާސީ ޙައްޤެއް ކަމަށެވެ. އަދި ސަރުކާރުން ވަޢުދުވެފައިވާގޮތަށް، ސަރުކާރުގެ އަމާޒަކީ 2023 ގެ ނިޔަލަށް ރާއްޖޭގެ ހުރިހާ ރަށެއްގައިވެސް ސާފު ބޯފެނާއި ނަރުދަމާގެ ނިޒާމު ގާއިމުކުރުން ކަމަށް އޭނާ ވިދާޅުވިއެވެ.

މިހާތަނަށް މަސައްކަތް ނުފެށި ހުރި ހުރިހާ ރަށެއްގައި 2021 ވަނަ އަހަރު އަމަލީ މަސައްކަތް ފެށުމަކީ ސަރުކާރުގެ އަމާޒު ކަމަށް ވެސް މިނިސްޓަރު އަމީރު ވިދާޅުވިއެވެ.

މީގެއިތުރުން މިނިސްޓަރުވަނީ ފަޚުރުވެރި އާއިލާއެއް ބިނާކޮށް، ޤަދަރުވެރި ދިރިއުޅުމެއް އުޅެވޭ ރައްޔިތެއްކަން ކަށަވަރުކޮށްދިނުމަށް، ރައްޔިތުންނަށް ދިމާވެފައިވާ ގެދޮރުގެ ދަތިކަމަށް ހައްލު ހޯދައިދީ، އަތްފޯރާ ފަށުގައި ބޯހިޔާވަހިކަން ފޯރުކޮށްދިނުމަކީ ސަރުކާރުގެ އެންމެ އިސް އެއް އަމާޒުކަމަށް ވިދާޅުވެފައެވެ.

''މާލެއާއި ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ބޯހިޔާވަހިކަމަށް ޙައްލެއް ހޯދުމަށް، އެފޯޑަބަލް ހައުސިން މަޝްރޫތަކަށް ބޭނުންވާ ބޭނުންވާ އިކުއިޓީ ބަޖެޓުން ފޯރުކޮށްދިނުމަށް 2021 ވަނަ އަހަރު ވަނީ ހިމެނިފައި. ސަރުކާރުގެ އަމާޒަކީ، އައު ހައުސިންގ މަޝްރޫޢުތަކުގެ އަމަލީ މަސައްކަތް ވީހާވެސް އަވަހަކަށް ފެށި، އަދި މިހާރު ކުރިއަށްދާ މަޝްރޫއުތައް ނިންމައި ފްލެޓްތައް ހައްޤުވާ ފާރާތްތަކަށް ހަވާލުކުރުން.''

މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު އަމީރު ވިދާޅުވީ ހައުސިން މަޝްރޫއުތަކަށް ޖުމްލަ 716 މިލިއަން ރުފިޔާ 2021 ވަނަ އަހަރަށް ބަޖެޓުކުރެވިފައިވާނެ ކަމަށެވެ.

2021 ވަނަ އަހަރަށް ސަރުކާރުން ހުށަހަޅާ ދައުލަތުގެ ބަޖެޓުގެ ޖުމްލައަކީ 34,787,720,151 ރުފިޔާއެވެ.