ހުޅަނގުގެ ޤައުމުތަކުގެ ޣައިރު މުސްލިމުންނަކީ، މުސްލިމުންނަށް އެކިއެކި ގޮތްގޮތުން ތަފާތު ހަނގުރާމަތައް ކުރަމުން އަންނަ ބައެކެވެ. އެކިއެކި އުކުޅުތައް ބޭނުން ކޮށްގެންނެވެ. އެގޮތުން މި ޒަމާނުގައި މީގެ ތެރެއިން އެންމެ ފާހަގަ ކޮށްލެވޭ އެއް ބާވަތަކީ ފިކުރީ ގޮތުން ކުރަމުން އަންނަ ހަނގުރާމައެވެ.

ފިކުރީ ގޮތުން ކުރާ ހަނގުރާމައޭ ބުނުމުން ބައެއް ފަރާތްތަކަށް އެއީ ކޮން އެއްޗެއްކަން ފަހުމްނުވުން އެކަށީގެންވެއެވެ. ފިކުރީ ހަނގުރާމައަކީ އަދުގެ އެންމެ ފަހުގެ ޓެކްނޮލޮޖީ ބޭނުންކޮށްގެން ޣައިރު މުސްލިމުން، މުސްލިމުންގެ ފިކުރަށް، މުސްލިމުންގެ ޢަޤީދާ ބަލިކަށި ކޮށްލުމުގެ ގޮތުން ކުރަމުން އަންނަ ހަނގުރާމައެކެވެ. އެކަން ކުރާ ނުވަތަ އެ އެއްޗެއް ބޭނުން ކުރާ މީހާއަށް އެ ކުރެވެނީ ކޮންކަހަލަ ކަމެއްކަން ނޭނގޭހާ މިންވަރަށް މިބައިމީހުން އަންނަނީ އެ ފަރާތްތަކުގެ އުފެއްދުންތައް އެންމެ ފަހުގެ ޓެކްނޮލޮޖީގެ ޒަރިއްޔާއިން ޕްރޮމޯޓް ކުރަމުންނެވެ. ޓީވީ ޗެނަލްތަކުންނެވެ. ސޯޝިއަލް މީޑިއާގެ ތެރެއިންނެވެ. އުފައްދާ އުފެއްދުން ތަކުންވެސްމެއެވެ.

Ad
rt

އެގޮތުން މިފަހަރުވެސް ދައްކަން މިއުޅެނީ މިދުވަސްކޮޅު ފޭސްބުކްގެ ތެރޭގައި ވަރަށް ގަދަޔަށް ވައިރަލްވަމުން އަންނަ މިފަދަ އަމަލެއްގެ ވާހަކައެވެ. މި ކަންތައްގަނޑު މިހާރު މިވަނީ އަހަރެމެން ދިވެހިންނާ ހަމައަށްވެސް އައިސްފައެވެ. ނޭންގި ހުރެ އަހަރެމެންނަށް މި ކުރެވެނީ ކޮންކަހަލަ އަދި ކިހާ ނުބައި ކަމެއްކަން ކޮންމެހެންވެސް އެނގުން ވަރަށް މުހިއްމެވެ.

މިހާރަކަށް އައިސް ފޭސްބުކްގައި ވަރަށް ގަދަޔަށް ޕްރޮމޯޓް ވަމުން އަންނަ "ހޭޝްޓެގް ކަމިންގްއައުޓް2020" އަދި "ހޭޝްޓެގް ޝެއަރވިތްޕްރައިޑް" އަކީ އޭގެ އަޑީގައި އެތައް ކަމެއް ފޮރުވިގެންވާ ކަމެކެވެ. އެހެންނަމަވެސް މިކަންކަން ފަހުމްވެފައިވަނީ މަދުބަޔަކަށެވެ. ބައެއްމީހުން ދެކެނީ މި ހޭޝްޓެގްއަކީ ފޯނުގެ ކުއަލިޓީ ބެލުމަށް ބޭނުންކުރާ އެއްޗެއްގެ ގޮތުގައެވެ.

ވާނީވެސް އެހެންތާއެވެ. ގިނަ މީހުން އަދި ގިނަ ޕޭޖްތަކުން މި ޝެއަރ ކޮށްފައިހުންނަނީ، "މި ބަސްތައް ހޭޝްޓެގްއާއި އެކު ބޭނުންކޮށް ވިއްސާރަ ދުނީގެ ކުލަތަކަށް ބަދަލުވެއްޖެނަމަ އެ ފޯނަކީ އޮރިޖިނަލް ފޯނެކެވެ." މިފަދައިން ބުނެގެންނެވެ. ނަމަވެސް ހަޤީގަތަކީ މިއެއް ނޫނެވެ. މިދެންނެވި ހޭޝްޓެގްތައް ފޭސްބުކްގައި ބޭނުންކުރުމުން އޭގެ ކުލަ ވިއްސާރަދުނީގައިވާ ކުލަތަކަށް ބަދަލުވެދެއެވެ.

މި ހޭޝްޓެގްއަށް ފިއްތާލުމާއި އެކު ދެން ފެންނަނީ ޕޯސްޓަރެކެވެ. މި ޕޯސްޓަރުން މީއީ ކޮންބައެއްގެ އެއްޗެއްކަން ވަރަށް ސާފުކޮށް އެނގިގެންދެއެވެ. އެގޮތުން މި ޕޯސްޓަރުން ދައްކުވައިދޭ 2 ދިދައަކީ އެލްޖީބީޓީ ގެ ހާއްސަ 2 ދިދައެވެ. އެލްޖީބީޓީ އަކީ އެއް ޖިންސުން ގުޅުން ހިންގާ ލިވާޠުކުރުން ފަދަ ނުބައި އަމަލުތަކަށް ހިއްވަރުދޭ އަދި މިފަދަކަންކަން ވަރަށް ފުޅާ ދާއިރާއެއްގައި ކުރަމުން އަންނަ ޣައިރު މުސްލިމް ޖަމާޢަތެކެވެ. ފޭސްބުކުން އެމީހުންނަށް ބައިއަތު ހިފައި، އެކަން ފަހިކޮށްދިނުމަށް އެ ހޭޝްޓު އެމީހުން ގެންގުޅޭ ވިއްސާރަދުނީގެ ކުލަތަކުން ފެވޭނެގޮތަށް ހަދާފައިވެއެވެ.

މިކަމަކީ އެ ފަރާތްތަކުގެ 33 ވަނަ އަހަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން ބޭނުން ކުރުމަށް ތައްޔާރުކުރެވިފައިވާ ހޭޝްޓެގްއެކެވެ. އެހެން ބަހަކުން ބުނާނަމަ "ނޭޝަނަލް ކަމިންގް އައުޓް ޑޭ 2020" ގެ މުނާސަބާތުގައެވެ. މިކަމާއި ގުޅުވައިގެން ފޭސްބުކްގެ އިތުރުން އިންސްޓަގްރާމްގައިވެސް އިތުރު ބައެއް ފީޗާރސްތައް ތަޢާރަފް ވެގެން ދާނޭކަމަށް މިކަމާއި ގުޅުންހުރި ލިޔުންތަކުން ދައްކައެވެ. އެއްޖިންސުން ގުޅުންހިންގުން ހުއްދަކުރާ ޤާނޫނެއް އެންމެ ފުރަތަމަ ފާސްކޮށްފައިވަނީ އެމެރިކާގެ ވޮޝިންގްޓަން އިން 1987 ވަނަ އަހަރުއެވެ. އެއްޖިންސުން ގުޅުން ހިންގާ ލިވާޠުކުރުންފަދަ ޢަމަލްތައް ކުރުމަކީ އިސްލާމްދީނުގައި ކަނޑައެޅިގެން ޙަރާމް ކުރަށްވާފައިވާ ކަންކަމެވެ. ލަޢުނަތް ހުރި ކަންކަމެވެ.

މިހާހިސާބަށް އައި އިރު، މިދެންނެވި ހޭޝްޓެގްތައް ބޭނުން ކުރި މީހުންގެ އަދަދު އަދަދު 1 މިލިއަން އަަށްވުރެއް މަށްޗަށްވަނީ އަރާފައެވެ. މީގެތެރޭގައި ދިވެހިންވެސް ހިމެނެއެވެ. މިފެންނަނީ އަހަރެމެންނަށް ނޭނގި ހުރެ ކުރެވޭ ކަންކަމެވެ. ވިސްނާލާށެވެ. މިފަދަ ކިތައް ކިތައް ކަންތައް އަހަރެމެންނަށް ކުރެވިފައިވާ ވާނެތޯއެވެ؟ މި ހުރިހާ ކަމަކުންވެސް މި އެނގިގެން ދަނީ ހުޅަނގުގެ ޒައީމުން ބޭނުން ކުރާ އުކުޅުތަކުގެ ވަރުގަދަކަމެވެ. މިއީ އަހަރެމެން މުސްލިމުން ވަރަށް ބޮޑަށް ސަމާލުވާންވީ ކަންކަމެވެ.