ހއ. ހޯރަފުށީގައި ތަރައްގީ ކުރަމުންދާ އެއާޕޯރޓް ފެހިކުރުމުގެ ޕްރޮގްރާމްގައި އެއަތޮޅު ކެލާގެ ހިލޭ ސާބަހަށް މަސައްކަތްކުރާ ޖަމްއިއްޔާއެއް ކަމަށްވާ ''ކެލާ ޔޫތު ފޯރަމް'' އިން ބައިވެރިވެއްޖެއެވެ.
މި ގަސްއިންދުމުގެ ހަރަކާތާއި ގުޅިގެން ހޯރަފުށީ ކައުންސިލުން ބުނީ ހޯރަފުށީ އެއަރޕޯރޓް ފެހިކުރުމުގެ 100000 ގަސް އިންދުމުގެ ޕްރޮގްރާމްގައި ''ކެލާ ޔޫތު ފޯރަމް'' އިން ބައިވެރިވެ ގަސް އިންދާފައިވާ ކަމަށެވެ.
''ކެލާ ޔޫތު ފޯރަމް''ގެ ފަރާތުން އެ ޕްރޮގްރާމްގައި ބައިވެރިވި އެ ޖަމްޢިއްޔާގެ މެންބަރުންނާއި، ހޯރަފުށީ ދާއިރާގެ މަޖިލިސްމެންބަރު އަޙްމަދު ސަލީމް ވަނީ ބައްދަލުކުރަށްވައި ޝުކުރު އަދާ ކުރަށްވާފަ އެވެ.
ހޯރަފުށީގައި ތަރައްގީ ކުރަމުންދާ އެއަރޕޯރޓް ފެހިކުރުމުގެ ޕްރޮގްރާމްގައި ހޯރަފުށީ ދާއިރާއަށް ނިސްބަތްވާ ތިން ސިއްހީ މަރުކަޒަކު ކަމުގައިވާ ހޯރަފުށީ ސިއްހީ މަރުކަޒާއި، އުލިގަމް ސިއްހީ މަރުކަޒާއި އަދި ތުރާކުނު ސިއްހީ މަރުކަޒުގެ އިތުރުން، މާރަންދޫގައި ހުރި ސަރުކާރުގެ މުއައްސަސާތަކުންނާއި، އެމްއެންޑީއެފުންނާއި، އެމްޓީސީސީއިން ވެސް މީގެ ކުރިން ވަނީ ބައިވެރިވެ ގަސް އިންދާފައެވެ. އަދި މީގެއިތުރުން ވެސް ހޯރަފުށީގެ އެކި ކްލަބް، ޖަމްޢިއްޔާތަކާއި، އެކި ގްރޫޕްތަކާއި އަދި ޢާއިލާތަކުން އަންނަނީ އެރަށު އެއަރޕޯރޓް ފެހިކުރުމުގެ ޕްރޮގްރާމްގައި ގަސް އިންދަމުންނެވެ.

21 ޖޫން 2019 ވީދުވަހު ހޯރަފުށީގައި 500 ގަސް މުޑުވައްކުރުމުގެ ޕްރޮގްރާމެއް ނައިބު ރައީސް ފައިޞަލް ނަސީމް ވެސް ވަނީ ފައްޓަވައިދެއްވައިފައެވެ. މި ޕްރޮގްރާމުގެ ތެރެއިން 10،000 ގަސް މުޑުވައް ކުރުމަށް ވަނީ ނިންމާފައި ކަމަށް ހޯރަފުށީ ކައުންސިލުން އެދުވަހު ވަނީ ހާމަ ކޮށްފައިއެވެ.
މި ޕްރޮގްރާމް ކުރިއަށް ގެންދަނީ "ހޯރަފުށި އެއާޕޯޓު ފެހި ކުރުން، އަހަރުމެން އެންމެންގެ ޒިންމާ" މިޝިއާރުގެ ދަށުންނެވެ.

ނިމިދިޔަ ސަރުކާރުން މާފިނޮޅުގައި އަޅަން ނިންމި އެއާޕޯރޓް ހޯރަފުށީގައި އެޅުމަށް ނިންމައި، އެއާޕޯޓް މަޝްއުރޫއުގެ އަމަލީ މަސައްކަތް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިޙް ފައްޓަވައިދެއްވައިފައި ވަނީ މިދިޔަ މާރޗް މަހުގެ 31 ވަނަ ދުވަހު އެވެ.
ހޯރަފުށީ އެއަރޕޯޓު ތަރައްޤީކުރުމުގެ މަސައްކަތް ހަވާލުކޮށްފައިވަނީ އެމްޓީސީސީއާއެވެ. މި މަޝްރޫޢަކީ ދައުލަތުގެ ބަޖެޓުން 93 މިލިއަން ރުފިޔާ ޚަރަދުކޮށްގެން ކުރިއަށްގެންދާ މަޝްރޫޢެކެވެ.

ހަލުވިކަމާއިއެކު ތަރައްޤީ ކުރުމުގެ މަސައްކަތްތައް ހިނގަމުންދާ، ހޯރަފުށިގައި ތަރައްޤީކުރާ އެއާޕޯޓުގައި 1200 މީޓަރުގެ ރަންވޭއެއް ހެދުމާއި 8635 ކިއުބިކް މީޓަރުގެ އޭޕްރޮން އަދި ޓެކްސީ ވޭއެއް ހަދަން ނިންމާފައިވާއިރު، 9473 ކިއުބިކް މީޓަރުގެ ޕާކިން އޭރިއާއަކާއި 1718 ކިއުބިކް މީޓަރުގެ ފަޔާ އެކްސެސް ރޯޑެއް ހެދުމަށް ވެސް ވަނީ ނިންމާފައެވެ.
އޭގެ އިތުރުން 842,200 ކިއުބިކް މީޓަރުގެ ބިން ހިއްކުމުގެ މަސައްކަތް މިދިޔަ އަހަރު އޮގަސްޓު މަހު ވަނީ ނިމިފަ އެވެ. ހޯރަފުށީ އެއާޕޯޓް ހެދުމުގެ އެއްބަސްވުމުގައި އެމްޓީސީސީއާ އެކު ސަރުކާރުން ސޮއިކޮށްފައިވަނީ 25 މާރިޗު 2019 ވަނަ ދުވަހުއެވެ.

އާބާދީގައި 3000 އަށް ވުރެ ގިނަ މީހުން ހިމެނޭ ހޯރަފުށީގައި އެއާޕޯޓް ހެދުމަށްޓަކައި ސަރުކާރުން އެރަށުގެ ފަޅުތެރެއިން 345،500 ހެކްޓަރުގެ ބިން ވަނީ ހިއްކާފަ އެވެ.
އެމްޓީސީސީން ދަނީ ނޮވެމްބަރު މަހުގެ 8 ވަނަ ދުވަހު އެ އެއާޕޯޓު ނިންމައި، ނޮވެމްބަރު 11 ވަނަ ދުވަހު އެ އެއާޕޯޓުގެ ހުޅުވުމަށް ތައްޔާރު ވަމުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!