މަތީ ތަޢުލީމު ޙާޞިލު ކުރަމުންދާ ދަރިވަރުންގެ ތެރެއިން، މާލީ ފުދުންތެރިކަން ނެތުމުގެ ސަބަބުން ކިޔެވުން ކުރިއަށް ގެންދިއުމަށް ދަތިވެފައިވާ ދަރިވަރުންނާއި، ފުރިހަމަކުރަމުން ދިޔަ ކޯސް މެދުކެނޑިފައިވާ ދަރިވަރުންނާއި، ގްރެޖުއޭޓް ނުވެވިފައިތިބި ދަރިވަރުންނަށް "މަތީ ތަޢުލީމަށް ޒަކާތު ފަންޑުން ސްކޮލަރޝިޕާއި ޚާއްޞަ އެހީ ދިނުމުގެ އުސޫލު" ގެ ދަށުން އެހީއަށް އެދި ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.
މި ފުރުޞަތު ބުދަ ދުވަހުން ފެށިގެން 15 ނޮވެމްބަރ 2020 ވާ އާދީއްތަ ދުވަހުގެ މެންދުރު 14:00 ގެ ނިޔަލަށް ވަނީ ހުޅުވާލެވިފައެވެ.
މި ފުރުޞަތު ހުޅުވާލައި ބުދަ ދުވަހު މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން ނެރެފައިވާ އިޢުލާނުގައި އެހީއަށް އެދި ހުށަހެޅޭނެ ފަރާތްތަކުގެ އަސާސީ ޝަރުތުތައް ވެސް ވަނީ ހިމަނާފައެވެ. އެ ޝަރުތު ތަކުގެ ތެރޭގައި ހިމެނެނީ:
- ދިވެހިރައްޔިތެއް ކަމުގައިވުން.
- އިސްލާމީ ޝަރީޢާ ހުއްދަކުރާ ކޯހެއްގައި ކިޔަވާ ދަރިވަރެއް ކަމުގައިވުން.
- މާލީ ގޮތުން ފުދުންތެރިކަމެއް ނެތް ޒަކާތް ލިބުން ޙައްޤުވާ ގިންތިއެއްގައި ހިމެނޭ ފަރާތެއްކަމުގައިވުން.
- ދިވެހިރާއްޖޭގެ ކޮލިފިކޭޝަން އޮތޯރިޓީން ޤަބޫލުކުރާ، ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގައިވާ ލެވެލް 5 (ފަހެއް) އިން ފެށިގެން ލެވެލް 10 (ދިހައެއް) ގެ ނިޔަލަށް ހިމެނޭ ކޯހެއްގައި ކިޔަވާ ދަރިވަރެއް ކަމުގައިވުން.
- ޚާއްޞަ އެހީއަށް އެދޭ ދަރިވަރަކީ އަމިއްލަ ބާރެއް ނެތި ދިމާވި ކަމެއްގެ ސަބަބުން، ކޯސް ފުރިހަމަކުރުމަށް ފައިސާގެ ދަތިކަން މެދުވެރިވެފައިވާ ދަރިވަރެއް ކަމުގައިވުން.
- ޒަކާތު ފަންޑުގެ ދަށުން ސްކޮލަރޝިޕް ލިބިފައިވާ ދަރިވަރެއް ކަމުގައި ނުވުން.
މިކަމާއި ގުޅިގެން އިސްލާމިކް މިނިސްޓަރ އަހްމަދު ޒާހިރު އަލީ މިއަދު ކުރެއްވި ޓްވީޓްގައި ވިދާޅުވެފައިވަނީ މަތީ ތަޢުލީމު ހާސިލް ކުރަމުންދާ ދަރިވަރުންގެ ތެރެއިން، ފުދުންތެރިކަން ނެތުމުގެ ސަބަބުން ކިޔެވުން ކުރިއަށް ގެންދިޔުމަށް ދަތިވެފައިވާ ދަރިވަރުންނަށް ޚައްޞަ އެހީއަށް ހުށައެޅުމުގެ ފުރުޞަތަށް ﷲ ގެ ވާގިފުޅާއިއެކު މިއަދުން ފެށިގެން 15 ނޮވެމްބަރ 2020 އަށް ހަމައަށް ހުޅުވާލެވިފައިވާ ކަމަށެވެ.
އެހީއަށް އެދޭ ފޯމް އިސްލާމިކް މިނިސްޓްރީގެ ކައުންޓަރުން ކޮންމެ ރަސްމީ ދުވަހެއްގެ ހެނދުނު 9:00ން މެންދުރުފަހު 13:30ށް ލިބެން ހުންނާނެއެވެ. މީގެ އިތުރުން މި މިނިސްޓްރީގެ ވެބްސައިޓްhttp://islamicaffairs.gov.mvއިންވެސް ފޯމު ޑައުންލޯޑު ކުރެވެން ހުންނާނެއެވެ
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!