ކޯވިޑް- 19 އާއި ގުޅިގެން އާމްދަނީއަށް އަސަރުކޮށްފައިވާ ފަރާތްތަކަށް ދެމުންދާ "އިންކަމް ސަޕޯޓް އެލަވަންސް" މިއަހަރުގެ ޑިސެމްބަރުމަހާއި ހަމައަށް ދިނުމަށް ނިންމާފައިވާކަމަށް ފިނޭންސް މިނިސްޓަރު އިބްރާޙީމް އަމީރު ވިދާޅުވެއްޖެއެވެ.

ފިނޭސް މިނިސްޓަރު މިހެން ވިދާޅުވީ މިއަދު އޮތް މަޖިލިސްގެ 2020 ވަނަ އަހަރުގެ ތިންވަނަ ދައުރުގެ 3 ވަނަ ޖަލްސާގައި، ވަޒީރާއި ސުވާލު ކުރުމުގެ ވަގުތުގައި ރައްޔިތުންގެ މަޖިލީހުގައި ކާށިދޫ ދާއިރާގެ އަބްދުﷲ ޖާބިރު މިއަދު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ނެވެ.

Ad
rt

މިނިސްޓަރު އަމީރު ވިދާޅުވީ ކޯވިޑު-19އާއި ގުޅިގެން އާމްދަނީއަށް ނުރަނގަޅު އަސަރުކޮށްފައިވާ ފަރާތްތަކަށް ދެމުންދާ އިނާޔަތް މިއހަރުގެ ޑިސެމްބަރުމަހާ ހަމައަށް އިތުރުކުރުމަށް ނިންމާފައިވާ ކަމަށެވެ.

" މިހާރު ނިންމާފައިވާނީ ޑިސެމްބަރުމަހާ ހަމައަށް އިންކަމް ސަޕޯޓު އެލަވަންސް އެކްސްޓެންޑު ކޮށްގެން އެކަންތައްތައް ކުރިއަށް ގެންދިޔުމަށް، އެހެންކަމުން އިންކަމް ސަޕޯޓު އެލަވަންސް ލިބޭން ޑިސެމްބަރާ ހަމައަށް، އޭގެ އިތުރަށް އެކަސްޓެންޑު ކުރަން ޖެހިއްޖެ ހާލަތެއްގައި އެކްސްޓެންޑުވެސް ކުރާނަން،" މިނިސްޓަރު ވިދާޅުވިއެވެ.

ކޯވިޑް-19ގެ ސަބަބުން އާމްދަނީ އަށް އަސަރު ކުރާ މީހުންނަށް ދޭ “އިންކަމް ސަޕޯޓް އެލަވެންސް” ލިބޭނީ ދިވެހިރާއްޖޭގައި ވަޒީފާ އަދާކުރާ ދިވެހި ރައްޔިތުންގެ ތެރެއިން، ކޯވިޑް-19 އާ ގުޅިގެން އެ ބައެއްގެ ވަޒީފާ އަށް ނުރަނގަޅު އަސަރެއް ކޮށްފައިވާ ފަރާތްތަކާއި އަމިއްލަ މަސައްކަތްކުރާ ދިވެހި ރައްޔިތުންގެ ތެރެއިން، ކޯވިޑް-19 އާ ގުޅިގެން އެ ބައެއްގެ އާމްދަނީ އަށް ނުރަނގަޅު އަސަރު ކޮށްފައިވާ ފަރާތްތަކަށެވެ.

އެގޮތުން، 1 މާޗު 2020 ގައި އެއްވެސް ފަރާތެއްގެ ދާއިމީ ނުވަތަ ވަގުތީ ވަޒީފާގައި ހުރި ކޮންމެ ފަރާތަކަށް ލިބޭނެ އެވެ. މީގެ ތެރޭގައި ވަޒީފާގެ ޕްރޮބޭޝަންގައި ތިބި ފަރާތްތަކާއި، އަދި ވަގުތީ ވަޒީފާގައި ތިބި ފަރާތްތަކުގެ ހަމައެކަނި ވަޒީފާ ކަމަށް ވާންޖެހެ އެވެ.

މި އުސޫލުގައި ބުނެފައިވާ ގޮތުގައި، ވަޒީފާ އިން ވަކިކޮށްފައިވާ މީހުން ނުވަތަ ސަސްޕެންޑްކޮށްފައިވާ މީހުންނާއި ނޯޕޭގައި ތިބި މީހުންނަށް 5،000ރ. އެލަވެންސެއް ލިބޭނެ އެވެ. އަދި މުސާރަ އިން އުނިކޮށްފައިވާ މީހުންގެ ތެރެއިން 5،000ރ. އަށްވުރެ ކުޑަ މުސާރައެއް ލިބޭ މީހުންނަށް 5،000ރ. އިން މިހާރު ލިބޭ އަދަދެއް އުނިކުރުމުން ޖެހޭ އަދަދު ލިބޭނެ އެވެ.

ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މި މަހުގެ ފުރަތަމަ ދުވަހުގެ ނިޔަލަށް އިންކަމް ސަޕޯޓު އެލަވަންސްގެ ގޮތުގައި 96.4 މިލިއަން ރުފިޔާ ވަނީ ދޫކޮށްފަ އެވެ.

އިންކަމް ސަޕޯޓް އެލަވަންސް ދޭން ފަށާފައި ވަނީ މިއަހަރުގެ މެއި މަހުގެ 20 ވަނަ ދުވަހު އެވެ.