ސިޔާސީ ޕާޓީތަކުގެ ބޭނުން: ސިޔާސީ ޕާޓީތައް ވުޖޫދަށް އައިފަހުން އުފެދުނު ހުރިހާ “ޒުވާބެއްގެ” %90 ފެށިގެން އައީ ސިޔާސީ ފިކުރުގެ ތެރެއިން ކަމުގައި ވިޔަސް، ސިޔާސީ ޕާޓީތަކުގެ ބޭނުންތެރިކަން އެނޫންގޮތްގޮތުންވެސް ރައްޔިތުންނަށް ހިފެއެވެ. މީގެތެރޭގައި، މުހިންމު ކަންކަމުގައި ގޮތެއް ކަނޑައެޅުމަށް ނުވަތަ ނިންމުމަށް ސިޔާސީ ޕާޓީތަކުން އެހީތެރިވެދިނުން ހިމެނެއެވެ. މިގޮތުން، ފިކުރު އެއްގޮތް މީހުންގެ މެދުން މަގުބޫލުމީހުން ހޮވާ، އެމީހުން އިންތިޚާބުކޮށް، އެމީހުންގެ ވިސްނުމާ އެއްގޮތަށް ސަރުކާރުގެ ސިޔާސަތުތައް ބައްޓަން ކުރުމަށް ނުވަތަ ނުފޫޒު ފޯރުވުމަށް މަގުފަހިކޮށްދެއެވެ.

ގައުމެއްގެ ގޮތުގައި ދެމިއޮތުމަށްޓަކައި ގައުމު ހިންގާނެގޮތުގެ ތަފާތު ފިކުރުތައް އެއްގޮތްކޮށް އެއްފިކުރަކަށް އާދެވޭ މީހުން އެއްޕާޓީއަކަށް ޖަމާވެއެވެ. އޭގެތެރޭގައި، ސަރުކާރުން ރައްޔިތުންނަށް ބޭނުންވާ އަސާސީ ޚިދުމަތްތައް ފޯރުކޮށްދިނުމުގެ ޒިންމާ އުފުލާނެ މިންވަރާއި، މިފަދަ ކަންކަމުގައި ސަރުކާރު ބައިވެރިވުމާއި ސަރުކާރެއްގެ ކުޑަބޮޑުމިން އޮންނަންވާނެ މިންވަރު ހިމެނެއެވެ. ވަކި ފަރުދުން އެމީހަކު ނިސްބަތްވާނެ ޕާޓީއެއް އިޚުތިޔާރުކުރަނީ މި ކަންކަމުގެ މައްޗަށް ބުރަވެގެންނެވެ.

Ad
rt

ގައުމެއް ހުރިހާ ރައްޔިތުން ކޮންމެ ތިންއަހަރަކުން ނުވަތަ ފަސްއަހަރަކުން އިންތިޚާބުތަކަށް ކުރިމަތިލާންވެއްޖެނަމަ، އެކަން ވެގެންދާނީ ބޮޑު ހައިޖާނަކަށެވެ. ސިޔާސީ ޕާޓީތަކުން ގާބިލު އަދި ރައްޔިތުންގެ ވިންދު އެނގޭ ކެންޑިޑޭޓުން ހޯދާ، ހޮވާ، އެޕާޓީއެއްގެ ފިކުރުގައި ރައްޔިތުން ތަމްސީލުކުރާނެ ބަޔަކު އިންތިޚާބުކުރުމަށް މަސައްކަތްކުރެއެވެ.

މިގޮތުން، ސިޔާސީ ޕާޓީތަކުން ހިފޭ އެއް ބޭނުމަކީ، ގިނަމީހުންގެ ބާރު އިތުރުކުރުމެވެ. އަދި އެމީހުން ގަބޫލުކުރާގޮތް ތަންފީޒުކުރުމަށް މަގުފަހިކޮށްދިނުމެވެ. ގާނޫނުތަކާއި ސިޔާސަތުތަކުގެ ތެރެއިންނެވެ. އެހެންކަމުން، ކޮންމެ ސިޔާސީ ޕާޓީއަކުންވެސް އެމީހުންގެ ފިކުރަށް ތާއީދުކުރާ މީހުން އިތުރުކޮށް، މެމްބަރުން އިތުރުކުރުމަށް ބޮޑެތި މަސައްކަތްތަކެއް ކުރެއެވެ. ސިޔާސީ ޕާޓީއެއްގެ މަގުސަދަށް ވާސިލުވެވޭނީ މެމްބަރުން އިތުރުކޮށްގެންނެވެ.

ސިޔާސީ ފިކުރުތަކުން އަރައިގަތުމާއި ދިވެހިންގެ ގައުމިއްޔަތު

ލިޔެފައިވާ ތާރީޚުން އެގެން އޮތްގޮތުންނަމަ، ދިވެހިންނަކީ މީގެ 900 ވަރަކަށް އަހަރުގެ ކުރިން ފެށިގެން މާތްވެގެންވާ އިސްލާމްދީނުގެ އަހުލުވެރިންނެވެ. ދިވެހިންގެ ގައުމިއްޔަތު ބިނާވެފައި އޮތީ އިސްލާމްދީނާއި ދިވެހިބަހާއި ދިވެހިންގެ އާދަކާދައިގެ މައްޗަށެވެ. އަދި ދިވެހި ދަރިކޮޅުގެ މައްޗަށެވެ.

މިދެންނެވި ގައުމިއްޔަތު ނިޔާކުރާގޮތުން، ދިވެހިންގެ ސިޔާސީ ފިކުރު އޮތީ ވަކި އިންތަކެއްގެ ތެރޭގައި ހިފެހެއްޓިފައެވެ. މީގެ ސަބަބުން ދިވެހިރާއްޖެއަކީ އަމާން ސުވަރުގެއެއް ފަދަ ތަނެއްގެ ގޮތުގައި ދުނިޔޭގެ މީހުން ސިފަކޮށްފައިވެއެވެ. ހަމަޖެހުމާއި ސުލްހަމަސަލަސްކަމުގެ ލާމަސީލު މިސާލެއްގެ ގޮތުގައެވެ.

ޒަމާން ބަދަލުވެ، ދިވެހިން ދުނިޔެތެރޭގައި ފެތުރި ދުނިޔެއަށް ހުޅުވި ދުނިޔެއާއި ލާމެހިފައިވާ ބަޔަކަށް ވެފައިވަނީ ދާދިފަހަކުންނެވެ. އެހެންކަމުން މިއަދު ދިވެހި ގައުމިއްޔަތު ވަނީ ބަދަލުވަމުންދާ މަރުހަލާއެއްގެ ތެރޭގައެވެ. ގައުމިއްޔަތުގެ، އާ އިންތަކަކާއި މިންތަކެއް ކަނޑައެޅުމުގެ މަރުހަލާއެއްގެ ތެރޭގައެވެ. ގައުމިއްޔަތުގެ “މައިގަނޑު އަސާސްތައް” ދެމެހެއްޓުމުގެ ފިކުރަކާއި “ހުޅުވިފައިވާ ފަރުދީ މިނިވަންކަމަށް” ޖާގަދިނުމުގެ ފިކުރެއް ގެ “ހަނގުރާމަ” އެއްގެ ތެރޭގައެވެ.

މިއަދުގެ ހަގީގަތަކީ، ރަސްކަމުގެ ސަގާފަތެއްގައި ނިޔާކުރާ ފަދައިން، ކޮންމެ ދިވެއްސަކީ އެއްގޮތަކަށް ވިސްނުމާއި ފިކުރު ގެންގުޅޭ މީހެއްގެ ގޮތުގައި އޮތްއޮތުން ނިމިހިގައްޖެކަމެވެ.

އެހެންކަމުން، ސިޔާސީ ފިކުރުގެ ތަފާތުތަކުން އަރައިގަތުމުގެ ބާރުވެރިކަން ލިބިފައިވާ ޖީލެއް ބިނާކުރުމުގެ ވަގުތު މިވަނީ ޖެހިފައެވެ. ދިވެހިންނަކީ މިބިމުގައި ހަމަޖެހިގެން އެކުގައި އުޅެ، ދުނިޔެއަށް ހުޅުވާލެވި، ދުނިޔެއާއި ލާމެހިގެން، އުފާފާގަތިކަންމަތީ ދިރިއުޅޭ ބަޔަކު ތިބިތަނެއްގެގޮތުގައި މިގައުމު ދެމިއޮތުމަށްޓަކައެވެ.

މިކަން ކުރެވޭނީ، މި މަންޒިލަށް ވާސިލުވެވޭނީ ކިހިނަކުން ހެއްޔެވެ؟

https://thiladhun.com/39728

(ނިމުނީ)