ޔޫރަޕުގެ އެންމެ ޝަރަފްވެރި އެއް ފުޓްބޯޅަ މުބާރާތް ކަމުގައިވާ ޔުއެފާ ޗެމްޕިއަންސް ލީގުގެ ތަށި ބަޔާން މިއުނިކުން ހޯދައިފިއެވެ.

ރޭ ޕޯޗުގަލްގެ ވެރިރަށް ލިޒްބަންގައި ކުޅުނު މި މުބާރާތުގެ ފޯރިގަދަ ފައިނަލް މެޗުން މޮޅުވެ މުބާރާތުގެ ތަށި ބަޔާން މިއުނިކުން ހޯދާފައި ވަނީ ފްރާންސްގެ ޗެމްޕިއަން ޕީއެސްޖީގެ މައްޗަށް 1-0 ގެ ނަތީޖާއަކުން ކުރި ހޯދައިގެންނެވެ.

Ad
rt

ފުރަތަމަ ހާފުގައި އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބު ކުރެވިފައި ނުވި ނަމަވެސް ދެ ޓީމުން ވެސް ވަނީ ލަނޑު ޖަހާނެ ފުރުޞަތު ފުރަތަމަ ހާފުގައި ތަނަވަސް ކޮށްފައެވެ. އެގޮތުން ޕީއެސްޖީގެ ނޭމާ އާއި އެމްޕާބޭއަށް ލިބުނު ފުރުޞަތުތަށް ހުޝިޔާރުކަމާއި އެކު ބަޔާންގެ ކީޕަރު މެނުއަލް ނޯޔާ ވަނީ ދިފާއުކޮށްފައެވެ. ބަޔާނުން ވެސް ވަނީ ފުރަތަމަ ހާފުގައި ލަނޑު ޖަހާނެ ފުރުޞަތު ތަނަވަސް ކޮށްފައެވެ. އެގޮތުން ބަޔާންގެ އިތުބާރު ފޯވާޑް ރޮބަޓް ލެވަންޑޯސްކީ ފޮނުވާލި އެއް ހަމަލާ ގޯލުގެ އަރިމަތީ ދަނޑިއަށް އަމާޒުވިއިރު، އޭނާ ފޮނުވާލި އިތުރު ހަމަލާއެއް ޕީއެސްޖީގެ ގޯލްކީޕަރު ކޭލޯ ނަވާސް ވަނީ ހުޝިޔާރުކަމާއެކު ދިފާއުކޮށްފައެވެ.

މެޗުގެ ފަހު ހާފުގައި ބަޔާނުން މޮޅަށް ކުޅެފައިވާ އިރު މި މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު 59 ވަނަ މިނެޓުގައި އެ ޓީމަށް ކާމިޔާބު ކޮށްދީފައިވަނީ ކޯމަންއެވެ. އޭގެ ފަހުން ނަތީޖާ ހަމަހަމަ ކުރުމަށް ޕީއެސްޖީގެ މާކީނިއޯސް އަދި ނޭމާއަށް ވެސް ރަނގަޅު ފުރުޞަތުތަކެއް ލިބިފައިވެއެވެ. އެ ހުރިހާ ފުރުޞަތެއްގެ ހުރަހަކަށް ވެސް ވެފައިވަނީ ރޭގެ މެޗުގައި މޮޅު ކުޅުމެއް ދެއްކި ބަޔާންގެ ކެޕްޓަން އަދި ގޯލް ކީޕަރު ނޯޔާއެވެ.

މި ސީޒަނުގެ ޗެމްޕިއަންސް ލީގުގައި ކުޅުނު 11 މެޗުންވެސް ބަޔާން މޮޅުވެފައިވާއިރު ބަޔާން ވެފައިވަނީ ސައްތައިން ސައްތަ ރިކޯޑަކާއެކު ޗެމްޕިއަންސް ލީގު ކާމިޔާބުކުރި ހަމައެކަނި ޓީމަށެވެ. މިއީ އެޓީމުން ޗެމްޕިއަންސް ލީގުގެ ތަށި ހޯދި ހަވަނަ ފަހަރެވެ.