ފުރަތަމަ ފެނުމަކީ ފުރަތަމަ ތަސައްވަރެވެ.

Midsection Of Man Holding Necktie

ދެބެން ކައިވެނިކޮށްގެން ދިރިއުޅުން ކުރިޔަށް ދަނީއެވެ. މިދެބެންގެ ދިރިއުޅުން ވަކި ހިސާބަކަށް ދިޔަތަނުން އެކަކުގެ ހަޔާތުގައި މައްސަލަ ޖެހެންފަށައިފިއެވެ. އަނބިމީހާ ފިރިމީހާގެ ބަސްނާހައި ފިރިމީހާއަށް ހިތުހުރި ގޮތެއް ހަދަން ފަށައިފިއެވެ.

މިކަމުގެ ސަބަބުން މީނާއަށް ވަރަށް ބޮލަށް އުނދަގޫވާން ފަށައިފިއެވެ. އަދި އެންމެ ކަންތައް ބޮޑުވީ ބޭބެ އެހާ އުފަލުގައި އުޅޭ އިރު މީނާގެ ދިރިއުޅުން މިހާ ހިތާމަވެރިކޮށް ދާތީއެވެ. ދެން ކޮންމެއަކަށްވެސް ބޭބެއާއި މިކަން މަސްވަރާކުރަން ނިންމައިފިއެވެ.

ނަމަވެސް ވާހަކަދައްކާނެ ރަނގަޅު ފުރުސަތެއް ނުލިބިފައި ހުއްޓައި އެއްދުވަހަކު ބޭބެއާއި ރަނގަޅު ފުރުސަތެއްގައި ދިމާވެއްޖެއެވެ.

ކޮއްކޮ: ބޭބޭ ގާތުގައި ވަރަށް މުހިންމު ވާހަކައެއް ދައްކަން ވެފައި އެބައޮތް. ބޭބެ: އާނ ބުނޭ އަނެއްކާ ކިހިނެއްވީ؟ ބައްޔެއްޖެހުނީތަ؟ ކޮއްކޮ ނޫނެކޭ ބުނުމަށްފަހު ވީގޮތް ކިޔައިދީފިއެވެ. ދެން ބޭބެގާތު ސުވާލު ކުރިއެވެ. އަނެއްކާ ބޭބެގެ ދިރިއުޅުން ތިހާ ކާމިޔާބީ ކޮން ކަމެއް ކުރީމަ ހެއްޔެވެ؟

ދެން ބޭބެކިޔައިދޭން ފެށިއެވެ. ތިމަންނާ މާބޮޑު ގޮތެއް ނަހަދަމެވެ. އިންރޭ ތިމަންނާ ކޮޓަރި އެނދު ދަށަށް ބޭއްވީ ބުޅަލެއް ލާފައެވެ. އަނބިމީހާ އާއި އެކު ނިދަން ވަން ގަޑީގައި ބުޅާ ގޮވާލި އަޑު އިވުމާއެކު ރުޅި ގަދަވެގެން ކަމަށް ހަދާފައި ކޮޓަރި އަލާމާރި ތެރޭގައި އޮތް ލަޓި ބުރިއެއް ނަގާފައި ބުޅާ ހޯދާ ފައި އަންހެން މީހާ ކުރިމަތީގައި މަރާލީއެވެ. މިހާރު އަނބިމީހާ އެހާ ކިޔަމަންތެރީ އެހެންވެގެންނެވެ.

އަހަރެންނަކީ ފާޑު ފާޑު ކުރާނެ މީހެއް ނޫންކަން އަނބިމީހާ ފުރަތަމަރޭގައި އޮންނާނީ އަންގާލާފައެވެ. އެހެންވީމާ ދިރިއުޅުން ވެސް އެހާ ކާމިޔާބީއެހެންވެގެންނެވެ. މިއީ ޢަރަބި ބައެއް ރަށްފުށު ހިސާބުތަކުގައި މިހާރުވެސް ކުރެވެމުން އަންނަ ކަމެކެވެ.

މިވާހަކައިން އިން ލިބޭ ޢިބުރަތަކީ ފުރަތަމަ ފެންނަ އިރު ދޭ މެސެޖުގެ ނުފޫޒުގަދަކަމެވެ. އެއްވެސް ހާލެއްގައި ކޮންމެހެން އެހެން ހަދަން ބާރުއަޅަނީއެއް ނޫނެވެ. އިނގިރޭސި ބަހުން ބުނާނަމަ ”ފަސްޓު އެކްސްޕުރެޝަން” އަކީ މިހާ ބާރުގަދަ އެއްޗެކެވެ. ކޮންމެ މީހެއްގެ ހިތުގައިވެސް އެއްޗަކާ މެދު ނުވަތަ މީހަކާ މެދު ނުވަތަ ތަނަކާ މެދު އޮންނަ އިހުސާސްތައް ބިނާވެފައި އޮންނާނީ އެމީހަކަށް ފުރަތަމަ ފެންނަ ގޮތެއްގެ މައްޗަށެވެ. ބައެއް މީހުން ޕަރސެންޓޭޖް އިންވެސް ކިޔާ އުޅެއެވެ. 80 ޕަސެންޓުކަމަށާއި އަދި 90 ޕަސެންޓު ކަމަށްވެސް ކިޔާއުޅެއެވެ.

ކޮންމެ ގޮތެއްވިޔަސް އަޅުގަނޑުމެން މިކަމާއި މެދު ވިސްނަން ޖެހޭނެއެވެ. ވަޒީފާ ބަސްދީގަތުމަކަށް ދިޔަކަމުގައިވިޔަސް، އަދި އަލަތު ކައިވެނި ކުރާ ރޭކަމުގައިވިޔަސް، ނުވަތަ މުހިންމު ބަޔަކާއި ފުރަތަމަ ބައްދަލު ކުރާ ކަމުގައި ވިނަމަވެސް ތިމާގެ އަގު ނުވަތަ ކުރިޔަށް އޮތް ތަނުގައި އެދެމެދުގައި އޮންނަ ގުޅުން ބިނާވުމުގެ އެންމެ ބޮޑު އެއް ސަބަބަކަށް ފުރަތަމަ ބައްދަލުވާ އިރު ދޭ މެސެޖް ވަރަށް މުހިންމެވެ.

އެއީ ތިމާ ލައިގެން ހުރި ހެދުން ކަމުގައިވިޔަސް އަދި ތިމާގެ ބަހުރުވަ ކަމުގައިވިޔަސް މެއެވެ. ކާމިޔާބު މީހަކަށް ތިބާ ބޭނުންވާން ބޭނުންނަމަ މިކަމާއި މެދު ފުންކޮށް ވިސްނާށެވެ. ހަޑި ހެދުމެއްގައި ހުރެ ދަތް ނޫގުޅާ އަނގައިން ވަސްދުވާ ހާލު އެހެން މީހުންނާއި ބައްދަލު ނުކުރާށެވެ.

ތިބާއަކީ ސާފުތާހިރު މީހެއް ނަމަވެސް އެކަން ފެނުނު މީހާ ހިތުގައި އޮންނާނީ ތިބާ އަކީ ނުތާހިރު މީހެއްގެ ގޮތުގައި ކަމަށެވެ. އެއީ ފުރަތަމަ ފެނުން އޮންނާނީ ކޮންމެ މީހެއްގެ ހިތުގައިވެސް ބިންވަޅު ނެގިފައެވެ. އެބިންވަޅު ނެގޭ ގޮތް ބަދަލު ކުރުމަކީ ފަސޭހަކަމެއްވެސް ނޫނެވެ. ގިނަ ފަހަރަށް އޮންނާނީ ނާކާމިޔާބު ވެފައެވެ.

މަސްތުވާ ތަކެތި ބޭނުންކުރާ މީހުން މުޖުތަމަޢަށް ރަނގަޅުވެގެން އައުމުންވެސް ބަލައިގަންނަން މީހުންނަށް ދަތިވަނީ މިކަމުގެ ސަބަބުންނެވެ. ކުރީގެ ހަނދާންތައް އެމީހުންގެ ހިތުގައި ބިންވަޅު ނެގިފައި ވާތީއެވެ. އަދި މީހަކާ ފުރަތަމަ ބައްދަލު ވާ އިރުގައި އަދި އެނޫން ވަގުތު ތަކުގައިވެސް ވީހާވެސް އޯގާތެރިކޮށް، ހިނިތުންވުމާއެކުގައި އަދި ރީތި ބަހުން މުޚާތަބު ކުރާށެވެ. އޭރުން އަނެއްމީހާގެ ހިތުގައި ތިމާގެ މައްޗަށް އޮންނަ ގަދަރުބޮޑުވެ އިޙުތިރާމްކުރާނެއެވެ. އަނެއްމީހާ ލަދުގަންނުވާ ނުލާށެވެ. އޭރުން އޭނާގެ ހިތުގައި އޮންނާނީ ނަފުރަތެވެ.

އެކަމުގެ އެންމެ ބޮޑު ހެއްކަކީ މިސާލަކަށް ކުލާހަކަށް ކިޔަވައިދޭން އަންނަ މުދައްރިސެކެވެ. ފުރަތަމަ ދުވަހު މުދައްރިސު އަކީ ރަނގަޅު މުދައްރިސެއްކަން ނުވަތަ ގޯސް މުދައްރިސެއްކަން ވަގުތުން ދަރިވަރުން ކަނޑައަޅާނެއެވެ. މަދު ކުއްޖަކު ކަނޑަނޭޅި ކަމުގައިވިޔަސް ގިނަ ކުދިން ކަނޑައަޅާނެއެވެ. ހަމަ ކޮންމެ ދާއިރާއެއްގައިވެސް ކަންތައް އޮންނަ އުސޫލަކީ މިއީއެވެ.

ފުރަތަމަ ފެނުމަކީ ފުރަތަމަ ތިމާގެ ގޮތް އެހެން މީހުންނަށް ބަޔާންކޮށްދޭ މިންގަޑެވެ. އެކަން ހަނދާން ނައްތާ ނުލާށެވެ. އޭރުން މުޖުތަމައުގެ ތެރޭގައި ކާމިޔާބު މީހަކަށް ވުމަށް ތިމާއަށް ކޮށޭ މަގަކަށް އެކަން ވެގެން ދާނެއެވެ. ބަޔަކާއި ނުވަތަ މީހަކާއި މުޢާމަލާތް ކުރިކަމުގައިވިޔަސް މިގޮތް ބޭނުންކުރަން ހަނދާންކުރާށެވެ. އޭރުން ކުރިޔަށް އޮތްތަނުގައި އެގުޅުމަކީ ބަދަހި ގުޅުމަކަށް ވެގެން ދާނެއެވެ.

އިނގިރޭސި މުހާވަރާއެއްގައި ބުނާފަދައިން ފުރަތަމަ ފެނުމަކީ ފުރަތަމަ ތަސައްވަރެވެ.

ނޯޓު: މަތީގައި އެވާ ވާހަކައަކީ މަދީނާ އިސްލާމިކް ޔުނިވަރސިޓީގައި ކިޔަވައިދެއްވާ އުސްތާޛެއް ކިޔައިދެއްވާފައިވާ ވާހަކައެކެވެ. މަސްދަރު: ޅޮހީ

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *