ހދ.ކުޅުދުއްފުށީ ހިރަފުސް ޖަމިއްޔާއިން އިންތިޒާމް ކޮށްގެން ޖަމިއްޔަތުއް ސަލަފާއި ގުޅިގެން، ކުރިއަށް ގެންދާ ނަމާދު ވޯކްޝޮޕް، 220 ކުދިންނާއިއެކު މިއަދު ފަށައިފިއެވެ.
ތިން ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދާ މި ވޯކްޝޮޕް މިއަދު ފަށާފައިވާއިރު، މި ވޯކްޝޮޕްގެ ސެޝަންތައް ކުރިއަށް ގެންދަނީ ކުޅުދުއްފުށީ ކަސްޓަމްސް ބިލްޑިންގެ އިތުރުން އަތޮޅު އެޑިއުކޭޝަން ސެންޓަރުގެ ޓީއާރުސީ ހޯލުގައެވެ.
އުމުރުން 8 އަހަރާއި 12 އަހަރާއި ދެމެދުގެ ކުދިންނަށް އަމާޒު ކުރެވިގެން ކުރިއަށް ގެންދާ މި ވޯކްޝޮޕްގައި ނަމާދު އެންމެ ފުރިހަމައަށް އަދާކުރާނެ ގޮތާއި ސުންނަތް ނަމާދުތަކާއި ކަށުނަމާދު ކުރާނެ ގޮތްވެސް ދަސްކޮށް ދިނުމަށް ވަނީ ހަމަޖެހިފައެވެ.
މި ވޯކްޝޮޕްގައި ރާއްޖޭގައި ދީނީ ޢިލްމު ފެތުރުމަށް މަސައްކަތް ކުރައްވަމުން އަންނަ ޝެއިޚް އަޙްމަދު ސަމީރާއި، ޝެއިޚް މުޖުތަބާ ހަމީދު ބައިވެރިވެ ވަޑައިގަންނަވައެވެ.
ނަމާދަކީ ތަޢުހީދުގެ ކަލިމައާއި ވިދިގެންއޮންނަ އިސްލާމްދީނުގެ ދެވަނަ ރުކުނެވެ. ނަމާދަކީ، ބާލިޣުވެ، ބުއްދި ސަލާމަތުންހުރި، ކޮންމެ މުކައްލަފެއްގެ މައްޗަށް ރެއާ ދުވާލު ފަސްފަހަރު ކަނޑަ އެޅިގެންވާ ވަގުތު ތަކެއްގައި ކުރުން ފަރުޟު ވެވިގެންވާ އަޅުކަމެކެވެ. ނަމާދަށް އިންކާރު ކުރާ ޙާލު، ނަމާދު އަޅައިފިނަމަ، އެމީހާ އިސްލާމްދީނުގެ ދާއިރާއިން ބޭރުވާހުއްޓެވެ.
ނަމާދަކީ އިސްލާމްދީނުގެ ތަނބެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިވަސައްލަމަ ޙަދީޘްކުރައްވާފައިވެއެވެ. رَأْسُ الْأًمْرِ الْإِسْلاَمُ وَعَمُوْدُهُ الصَّلاَةُ وَذُرْوَةُ سَنَامِهِ اَلْجِهَادُ فِى سَبِيْلِ اللّهِ ( واه الطبراني) މާނައީ: ކޮންމެ ކަމެއްގެ އަސްލަކީ އިސްލާމް ދީނެވެ. އެދީނުގެ ތަނބަކީ ނަމާދެވެ. އަދި އެދީނުގެ އެންމެ އުސް ކުރިބޯއްޓަކީ ﷲގެ މަގުގައި ޖިހާދު ކުރުމެވެ. ނަމާދަކީ ޞިއްޙަތު ސަލާމަތުން ހުންނަޙާލުގަޔާއި ބަލިޙާލުގައިވެސް ކުރަންޖެހޭ އަޅުކަމެކެވެ. މުޤީމު ޙާލުގައި ކުރަން ޖެހޭފަދައިން ދަތުމަތީގައިވެސް ކުރަންޖެހޭ އަޅުކަމެކެވެ. އަމާންޙާލަތުގައި ކުރަންޖެހޭ ފަދައިން ބިރުވެރިކަމުން ފުރިފައިވާ ހަނގުރާމައިގެ މައިދާނުގައިވެސް ކުރަންޖެހޭ އަޅުކަމެކެވެ. އަދި ނަމާދު އެނަމާދުގެ ވަގުތުން ފަސްކުރުމަކީވެސް ހުއްދަވެގެންވާ ކަމެއްނޫނެވެ. ޤިޔާމަތްދުވަހު އަޅާގެ ހިސާބު އެންމެފުރަތަމަ ބެއްލެވޭނީ ނަމާދުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!